ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ވަރލްޑް ކުއާޓާފައިނަލުން ޕޯޗުގަލް ކަޓުވާލި މަޝްހޫރު ލަނޑު މޮރޮކޯއަށް ކާމިޔާބު ކޮށްދިން ފޯވާޑް ޔޫސުފް އެން ނެސީރީ ތުރުކީގެ ފެނަބާޗޭއަށް ސޮއި ކޮށްފިއެވެ.

ސްޕެއިނުގެ ސެވިއްޔާއަށް ކުޅެމުންދިޔަ ނެސީރީ ފެނަބާޗޭއަށް ބަދަލުވީ 20 މިލިޔަން ޔޫރޯގެ ޓްރާންސްފާ ފީ އަކަށެވެ. ސްޕެނިޝް ލަލީގާގެ ތާރިހުގައި މޮރޮކޯއަށް ނިސްބަތްވާ ކުޅުންތެރިންގެ ތެރެއިން އެންމެ ގިނަ ލަނޑު ޖެހުމުގެ ޝަރަފް އޮތީ ނެސީރީ އަތުގައެވެ.

ނެސީރީ ދުނިޔޭގެ މީޑިޔާތަކުގެ ސަމާލުކަން ހޯދީ މަޝްހޫރު ކްރިސްޓިއާނޯ ރޮނާލްޑޯގެ ޕޯޗުގަލް ކޮޅަށް ވަރލްޑް ކަޕް ކުއާޓާފައިނަލުގައި ވަރަށް މައްޗަށް ފުއްމައިގެން އަރައި ޖެހި ހަމައެކަނި ލަނޑުން 1-0 އިން ޕޯޗުގަލް ކަޓުވާލައި މޮރޮކޯ ސެމީފައިނަލަށް ގެންގޮސް ދިނުމުންނެވެ. މޮރޮކޯއަކީ އެފްރިކާއަށް ނިސްބަތްވާ ގައުމުތަކުގެ ތެރެއިން ވަރލްޑް ކަޕް ސެމީފައިނަލުން ޖާގަ ހޯދި ހަމައެނި ގައުމެވެ.

ފެނަބާޗޭއިން ވަނީ ނެސީރީގެ އިތުރުން ނިއުކާސަލް ޔުނައިޓެޑާއި އަލް އަހްލީއަށް ކުޅެފައިވާ ފްރާންސްގެ ހުނަރުވެރި ފޯވާޑް އަލަން ސެއިންޓް މެކްޒިމިންވެސް އެކްލަބަށް ގެނެސްފައެވެ.