ރައީސުލްޖުމްހޫރިއްޔާގެ ނައިބު، އަލްއުސްތާޒު ހުސައިން މުހައްމަދު ލަތީފް ތިލަދުންމަތީ ދެކުނުބުރީ ނޮޅިވަރަންފަރު ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްގީގެ މުހިންމު ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވައިފިއެވެ.

މި ބައްދަލުވުންކުރެއްވުން އޮތީ އިއްޔެ މެންދުރު ރައީސް އޮފީހުގައެވެ.

‎މި ބައްދަލުކުރެއްވުމުގައި ނޮޅިވަރަންފަރު ކައުންސިލުގެ މެންބަރުން ވަނީ އެރަށުގެ ތަރައްގީއަށް އެންމެ ބޭނުންވާ ކަންކަމާ، ކުރިމަތިވާ ދަތި މައްސަލަތައް ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ހިއްސާ ކުރައްވާފައެވެ. ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ރަށުގައި އަލަށް ހަދާފައިވާ 100 ހައުސިންގ ޔުނިޓަށް ފެނާ ކަރަންޓް އަދި ނަރުދަމާގެ ހިދުމަތް ބޭނުންވާކަމާއި، ފުޓްބޯޅަ އަދި ފުޓުސަލް ދަނޑު ރަނގަޅުފެންވަރަކަށް ހެދުމާއި ކުޅިވަރާ ގުޅުންހުރި ވަސީލަތްތައް އިތުރުކޮށްދެއްވުމަށްވެސް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

މީގެއިތުރުން މަގު ހެދުމާއި ސުކޫލުގެ އާ އިމާރާތުގެ މަޝްރޫއު ވީ އެންމެ އަވަހަކަށް ފެށުމަށް ބޭނުންވާކަމާއި، މިހާރު ހުރި ޕޮލިސް ސްޓޭޝަން އެހެން އިމާރާތަކަށް ބަދަލުކުރުމާ، އޭ.ޓީ.އެމްގެ ޚިދުމަތް ލިބޭނެގޮތް ހައްދަވައިދެއްވުމަށާއި ރަށުގެ ބަނދަރުގެ ނެރު ފުންކުރުމާއި، ރަށުގައި ކުނި މެނޭޖުކުރާނެ ގޮތެއްނެތުމުން ކުރިމަތިވާ ގޮންޖެހުންތަކާއި، ސިއްހީ މަރުކަޒް ހިދުމަތްތައް ރަނގަޅުކުރުމާއި ބޭސްލިބުމުގައި ކުރިމަތިވާ ދަތިތައް ފާހަގަ ކުރެއްވިއެވެ.

‎މި ބައްދަލުކުރެއްވުމުގައި ނައިބުރައީސް ދެއްކެވި ވާހަކަފުޅުގައި ރާއްޖެއަށް މިހާރު މާލީ ގޮތުން ކުރިމަތިވެފައިވާ ދަތިތައް ހައްލުކުރައްވައި ރާއްޖެ ހަމަމަގަށް އެޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ކެނޑިނޭޅި މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި ތަރައްގީގެ ހުރިހާކަމެއްވެސް ސަރުކާރާ ރައީސްވެސް ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަން ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމާ ގުޅޭގޮތުން ސަރުކާރުގެ ކަމާގުޅޭ ފަރާތްތަކާއި މަޝްވަރާކުރައްވައި އެކަންކަން ގާތުން ބައްލަވަމުން ގެންދަވާނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ކައުންސިލުގެ މެންބަރުންނަށް ދެއްވިއެވެ