ސައިބަރ ކްރައިމް ސެންޓަރާއި ކ. އަތޮޅު ޕޮލިސް ގުޅިގެން، ގާފަރު އަދި ކާށިދޫގައި ހޭލުންތެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޖުލައި މަހުގެ 21 އަދި 22 ވަނަ ދުވަހު އެ ދެ ރަށުގައި ވަކިވަކިން ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި މައުލޫމާތުދީފައިވަނީ ސްކޫލު ދަރިވަރުންނަށާއި ބެލެނިވެރިންނަށެވެ.

ސްކޫލު ދަރިވަރުންނަށް މައުލޫމާތުދިނުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި، އިންޓަނެޓުގެ ވަސީލަތްތައް ބޭނުންކުރުމުގައި ސަމާލުކަންދޭންވީ ކަަންކަން ބުނެދީފައިވެއެވެ. އަދި އޮންލައިން ގޭމު ކުޅޭއިރު ދިމާވެދާނެ އެކި މައްސަލަތަކާއި އެފަދަ ކަންކަމުން ރައްކާތެރިވާނެގޮތާއި ސައިބަރ ބުލީންގ އަދި ސައިބަރ ގްރޫމިންގެ މައްސަލަތަކުން ރައްކާތެރިވާނެގޮތްތައް އެ ދަރިވަރުންނަށް ކިޔައިދީފައިވެއެވެ.

އޭގެ އިތުރުން، އިންޓަނެޓުން ބައްދަލުވާ ނުދަންނަ މީހުންނާ ވާހަކަ ނުދެއްކުމަށާއި ޒާތީ މައުލޫމާތު ހިއްސާނުކުރުމަށް ނަސޭހަތްތެރިވެފައިވެއެވެ. އަދި އެއްވެސް ކަމެއް ދިމާވެއްޖެނަމަ ސިއްރުނުކޮށް ބެލެނިވެރިންގެ އެހީތެރިކަން ހޯދުމަށް ވެސް ނަސޭހަތްތެރިވެފައިވެއެވެ.

ބެލެނިވެރިންނަށް މައުލޫމާތުދިނުމަށް ކުރިއަށް ގެންދިޔަ ސެޝަންތަކުގައި، ދަރިން އިންޓަނެޓު ބޭނުންކުރާއިރު ބެލެނިވެރިންގެ ހައިސިއްޔަތުން ސަމާލުކަންދޭންޖެހޭ ކަންކަން ކިޔައިދީފައިވެއެވެ. އަދި ސައިބަރ ސޭފްޓީއާއި އިންޓަނެޓު މެދުވެރިކޮށް ދަރިންނަށް ކުރިމަތިވެދާނެ ނޭދެވޭ ކަންކަމާއި އެފަދަ ކަންކަމުން ރައްކާތެރިކުރުމަށާއި ދަރިން ގެންގުޅޭ ޑިވައިސްތަކާއި ބޭނުންކުރާ އެޕްތައް ބެލެނިވެރިން ކޮންޓްރޯލުކުރާނެ ގޮތުގެ އިތުރުން ސްކްރީން ޓައިމް ލިމިޓްކުރާނެ ގޮތުގެ މައުލޫމާތުދީފައިވެއެވެ.

ސައިބަރ ނުރައްކާތައް ދެނެގަނެ، ރައްކާތެރިގޮތުގައި އިންޓަނެޓު ބޭނުންކުރުމާއި، ގޭތެރޭގައި ދުޅަހެޔޮ ޑިޖިޓަލް މާހައުލެއް ގާއިމުކުރުމަށް ކުރިއަށް ގެންދިޔަ މި ސެޝަންތަކުގައި، ގާފަރު ސްކޫލުގެ 70 ދަރިވަރުންނާއި 73 ބެލެނިވެރިން އަދި ކާށިދޫ ސްކޫލުގެ 109 ދަރިވަރުންނާއި 150 ބެލެނިވެރިންނަށް މައުލޫމާތުދީފައިވެއެވެ.