ކުށްމަދު އަމާން މުޖުތަމައެއް ގާއިމުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، މ. މުލަކުގައި އޮޕަރޭޝަނެއް ހިންގައިފިއެވެ.

ފުލުހުން ބުނީ މި ޖުލައި މަހުގެ 15 އިން 19 އަށް މ. އަތޮޅު ފުލުހުން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ކުށްތަކަށް މަގުފަހިވާގޮތަށް ހުރި ތަންތަނާއި ތުހުމަތުކުރެވޭ މީހުން ބަލައިފާސްކޮށްފައިވާ ކަމަށެވެ.

އަދި ރަށުގެ އެކި ސަރަހައްދުތަކުން އާންމުންގެ 80 މީހުންނާ ބައްދަލުކޮށް ވާހަކަ ދައްކައި ކުށްތަކުން ރައްކާތެރިވާނެ ގޮތުގެ މައުލޫމާތާއި ރައްކާތެރިކަމާއެކު ސޯޝަލް މީޑިއާ އެޕްލިކޭޝަންތައް ބޭނުން ކުރާނެ ގޮތާއި މަކަރާއި ހީލަތުގެ މައްސަލަތަކުން ރައްކާތެރިވުމަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

މީގެ އިތުރުން، އެއްގަމު ދަތުރު ފަތުރުކުރުމުގެ ގާނޫނާއި ގަވާއިދުތަކުގެ މައުލޫމާތު ހިއްސާކޮށް ގާނޫނާ އެއްގޮތަށް އުޅަނދު ދުއްވުމަށް ބާރުއަޅައި މައުލޫމާތު ހިއްސާކޮށްފައިވެއެވެ. އަދި އުޅަނދުގެ އަހަރީފީ އާއި އިންޝުއަރެންސާއި ރޯޑްވާދިނަސް ބަލައި ރަނގަޅުކުރަންޖެހޭ ކަންކަން ބުނެދީ ގަވާއިދާ އެއްގޮތަށް އުޅަނދު ދުއްވުމަށް ފުލުހުން އިލްތިމާސްކޮށްފައިވެއެވެ.

މި ހަރަކާތުގައި މުލަކުގެ ގިނަބަޔަކާ ވާހަކަދެކެވި ރައްޔިތުންގެ ކަންބޮޑުވުންތަކުގެ މައުލޫމާތު ފުލުހުންނާ ހިއްސާކޮށްފައިވެއެވެ.

އަތޮޅުތެރޭގައި މަސައްކަތްކުރާ ފުލުހުންދަނީ އެރަށްރަށުގެ ރައްޔިތުންނާއި، ސްކޫލު ދަރިވަރުންނާއި މުއައްސަސާތަކުގެ މުއައްޒަފުން ހޭލުންތެރިކޮށް މައުލޫމާތު ދިނުމަށް ތަފާތު އެކިއެކި ޕްރޮގްރާމުތައް ސިލްސިލާކޮށް ހިންގަމުންނެވެ.