ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ރާއްޖޭގެ ސެންޓްރަލް ރީޖަންގެ ރަށްރަށުގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ރަށުގެ ރައްޔިތުންނަށް ކަނެކްޓިވިޓީ އާއި އިންފްރާސްޓްރަކްޗާ ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރުވެސް ދަނީ މެދު ނުކެނޑި ކުރަމުންނެވެ.

މިގޮތުން ނ. ހޮޅުދޫ، ނ. ވެލިދޫ އަދި އދ. މާމަގިލީގައި މަގުތައް ތަރައްގީކުރުމުގެ މަޝްރޫޢުތައް ބާރު ސްޕީޑުގައި އެބަ ކުރިއައްދެއެވެ.

ނ. ވެލިދޫއަށް ބަލާލާއިރު، މިވަގުތު އާރްޑީސީއިން ދަނީ އެރަށު އޯޝަން މަގުގައި މަގު ބައްތި ޖެހުމުގެ މަސައްކަތް ކުރަމުންނެވެ. އަދި ޗާންދަނީ މަގުގައި ކްރޭސް ކެޗްޕިޓް ރަނގަޅު ކުރުމުގެ މަސައްކަތާއި ސޯސަން މަގުގައި ޓްރީ ޕިޓް ބެހެއްޓުމުގެ މަސައްކަތްތައްވެސް ކުރަމުން އަންނަކަމަށް އާރްޑީސީއިން ހާމަކުރިއެވެ.

ނ. ހޮޅުދޫގައި، އެރަށު ހަސަންކަލޭފާނު މަގުގައި ކާރބް ސްޓޯން ޖެހުން އަދި ބެކް ފިލިންގގެ މަސައްކަތް ކުރަމުން އަންނަކަމަށް އާރްޑީސީއިން ބުނެފައިވެއެވެ. އަދި މޫސާކަލޭފާނު މަގުގައި ބެކްފިލިންގ އަދި އެކްސްކަވޭޓް ކުރުމުގެ މަސައްކަތާއި އެމަގައި ސްޓޯރމް ވޯޓަރ ޖަންކްޝަން ބެހެއްޓުމުގެ މަސައްކަތްވެސް ކުރަމުން އަންނަކަމަށް އާރްޑީސީއިން ބުނެއެވެ.

އދ. މާމަގިލީއައް ބާލާލާއިރު އެރަށު ބޮންތިޖެހި މަގުގައި ދުވާރުގެ މަސައްކަތާއި ރަށްދެބައި މަގުގައި ކޯނަރ ކާރބް ޖެހުމުގެ މަސައްކަތް ކުރިއަށް ދާކަމަށް އާރްޑީސީއިން ބުނެއެވެ.

އާރްޑީސީން އަންނަނީ މާލެގެ އިތުރުން ރާއްޖޭގެ އެކި ރަށްރަށުގައިވެސް އެކި މަސައްކަތްތައްކޮށް މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރަމުންނެވެ.