ރައްޔިތުން ހޭލުންތެރިކުރުވުމަށް ކުރަމުންދާ މަސައްކަތްތުގެ ތެރެއިން ފ. އަތޮޅުގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން، އެ އަތޮޅުގައި މީހުން ވަޒަންވެރިވާ ހުރިހާ ރަށެއްގައި ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.

މި ޖުލައި މަހުގެ 23 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ “ހޭލަމާ” ގެ ނަމުގައި, ފ. އަތޮޅުގައި ފަށާފައިވާ ސިލްސިލާ ޕްރޮގްރާމްގެ ތެރެއިން ވިޔަފާރިތަކަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމުގައި، ފ. އަތޮޅުގައި އެކިބާވަތުގެ ވިޔަފާރިކުރާ ތަންތަނަށް ޒިޔާރަތްކޮށް ހޭލުންތެރިކުރުވުމަށް މައުލޫމާތުދީފައިވެއެވެ. އެ ގޮތުން, ވަނަވަރު ނޭނގޭ މީހުން ގުޅައިގެން ވިޔަފާރީގެ މުއާމަލާތް ކުރާއިރު އެކަމަށް ރައްކާތެރިވުމަށާއި، ވިޔަފާރިކުރާ ތަންތަނުގެ ސަލާމަތީ ކަންކަން ރަނގަޅުކުރުމަށާއި، ސޭޓުންގެ ގޮތުގައި ބިދޭސީން ނުބޭތިއްބުމަށާއި، ކުޑަކުދިންނާ ވިޔަފާރީގެ މުއާމަލާތް ކުރާއިރު އަމަލުތައް ބަހައްޓަން ޖެހޭނެ ގޮތްތަކާ ބެހޭ ގޮތުން ވަނީ މައުލޫމާތު ދީފައިވެއެވެ.

އޭގެ އިތުރުން، ފައިސާ ގެންގުޅުމުގައި ވިސްނަންޖެހޭ ކަންކަމާއި، ބިދޭސީން ވިޔަފާރިތެރޭގައި ގެންގުޅޭނަމަ ގަވާއިދާ އެއްގޮތަށް ގެންގުޅުމަށް އިރުޝާދު ދެވިފައިވެއެވެ. އަދި ޝައްކުކުރެވޭ އެއް ވެސް ކަމެއް ފާހަގަވެއްޖެނަމަ ވީހާ ވެސް އަވަހަށް ފުލުހުންނަށް އެކަން ހިއްސާކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައިފައިވެއެވެ.

ފުލުހުން މައުލޫމާތު ދޭ ގޮތުގައި, “ހޭލަމާ”ގެ ނަމުގައި ފ. އަތޮޅުގައި ހިންގަންފަށާފައިވާ މި ޕްރޮގްރާމްގެ ތެރެއިން، ކޮންމެ ހަފްތާއަކު ވެސް ތަފާތު ހަރަކާތެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. ރައްޔިތުންނާ ގުޅުންބަދަހިކޮށް ހޭލުންތެރި އަމާން މުޖުތަމައަކަށް ފ. އަތޮޅު ހެދުމަށްޓަކައި އެ އަތޮޅުގައި އަންނަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.