މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސްކޫލު ދަރިވަރުން އަހުލުވެރިކުރުވުމަށް ފުލުހުންގެ ހިދުމަތުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގއ. ކަނޑުހުޅުދޫ ސްކޫލު ދަރިވަރުންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ކުރިއަށް ގެންގޮސްފިއެވެ.

މި ޖުލައި މަހުގެ 23 ވަނަ ދުވަހު އެ ސްކޫލްގައި ބޭއްވި މި ސެޝަނުގައި، މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމާއި މަގުމަތީގެ އަދަބުތަކާ ގުޅޭގޮތުން ދަރިވަރުންނަށް މުހިންމު މައުލޫމާތުތަކެއް ވަނީ ދީފައެވެ. އަދި ޓްރެފިކް ނިޝާންތައް ބުނެދީ, މަގުމަތީގައި ދުއްވާ އުޅަނދުތަކައް ބަލައިގެން އުޅުމަށާއި އެހެން މީހުންނަށް އުނދަގޫ ނުވާނޭހެން އުޅުމަށް ނަސޭހަތްތެރިވެފައިވެއެވެ.

އޭގެ އިތުރުން، ބައިސްކަލު ދުއްވާއިރު ސަމާލުކަން ދޭންޖެހޭ ކަންކަމާއި އެއް ކުއްޖަކަށްވުރެ ގިނަ ކުދިން އެއް ބައިސްކަލަކަށް އަރައިގެން ނުދުއްވުމަށާއި ރޭގަނޑު ބައިސްކަލު ދުއްވާނަމަ ބައިސްކަލު ބައްތީގެ ބޭނުން ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައިފައިވެއެވެ.

ގއ. ކަނޑަހުޅުދޫ ޕޮލިސް ޑެސްކާއި ކޮނޑޭ ޕޮލިސް ޕޯސްޓު ގުޅިގެން ކުރިއަށް ގެންދިޔަ މި ކުލާހުގައި ކަނޑުހުޅުދޫ ސްކޫލުގެ ގްރޭޑް 6 އިން 10 އަކަށް ތައުލީމު ހާސިލުކުރަމުންދާ 50 ދަރިވަރަކު ބައިވެރިވެފައިވެއެވެ.