ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 116ވަނަ މާއްދާއިން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ އިހުތިޔާރުގެ ދަށުން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމަންޓްގެ ދަށުން ހިނގަމުންދާ "ނޭޝަނަލް ޖޮބް ސެންޓަރ" ގެ ނަން "ނޭޝަނަލް ކެރިއަރސް ސަރވިސް" ގެ ނަމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ބަދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ބަދަލު ގެންނަވާފައިވާކަން ހާމަކުރައްވާފައިވަނީ މިއަދު ރައީސް އޮފީހުން ނެރުއްވި ދެންނެވުމުގައެވެ.

ރައީސް މި ބަދަލުގެންނަވާފައިވަނީ 23 ޖުލައި 2024 ވީ އަންގާރަ ދުވަހުއެވެ.

އަދި މި ބަދަލު ގެންނެވުމާއެކު ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، ނޭޝަނަލް ކެރިއަރސް ސަރވިސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވަމުން ގެންދަވާނީ 490 ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރުއްވި ދެންނެވުމުގައި ވެއެވެ.