"މާލެ ފަހި ޕްރޮގްރާމް" ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިފުތިތާހު ކޮށްދެއްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ މި ޕްރޮގްރާމު އިފުތިތާހުކޮށްދެއްވީ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

މާލެފަހި ޕްރޮގްރާމް އިފުތިތާހު ކޮށްދެއްވުމަށްފަހު ރައީސްވަނީ "މާލެ ފަހި ޕްރޮގްރާމު"ގެ ފޮތް ނެރެދެއްވާފައެވެ.

މާލެ ފަހި ޕްރޮގްރާމަކީ ގްރޭޓަރ މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ޚިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާމީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤްޞަދުގައި ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.

މި ޕްރޮގުރާމް ބެހިފައިވާ މައިގަނޑު ތިންބަޔަކީ ޤާނޫނާއި ގަވާއިދުގެ ތެރެއިން އުޅަނދު ރަޖިސްޓްރީކުރުމާއި އުޅަނދުގެ އަދަދު ކޮންޓްރޯލްކުރުން، ޕަބްލިކް ޓްރާންސްޕޯޓްގެ ވަސީލަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްގީކުރުން އަދި މަގުތަކަކީ ދަތުރުފަތުރާއި ހިނގާބިނގާވެ އުޅެން ރައްކާތެރި، ފަސޭހަ އަދި އަމާން ތަންތަނަށް ހެދުމެވެ.

މާލެ ފަހި ޕްރޮގްރާމަކީ ރައީސްގެ އިސްނެންގެވުމުގެ މަތިން އެމަނިކުފާނުގެ ހާއްސަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެކެވެ.