ގއ. މާމެންދޫގައި ހިންގި ގްރޫޕް މާރާމާރީއެއްގައި މަރުވި 17 އަހަރުގެ ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށް އިންޑިއާ އަށް ފޮނުވާލައިފި އެވެ.

ފުލުހުން ވިދާޅުވީ އެކުއްޖާގެ ޕޯސްޓް މޯޓަމް ހަދަނީ އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ މެޑިކަލް ކޮލެޖް ހޮސްޕިޓަލުން ކަމަށެވެ.

މަރުވި ކުއްޖާ އަކީ ގއ. މާމެންދޫ، ލިލީ އޮފްދަ ވެލީ، އުމުރުން 17 އަހަރުގެ އަހްމަދު އުދައްޔު އެވެ. އެ ކުއްޖާގެ އިތުރުން އޭނާގެ ބޭބެ ފިރުޝާން ޒާހިރަށް ވެސް ވަޅިން ވަނީ ހަމަލާދީފަ އެވެ. ގދ. ތިނަދޫގައި ހުންނަ ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން އަންނަނީ ފިރުޝާނަށް ފަރުވާ ދެމުންނެވެ.

އެ ހޮސްޕިޓަލްގެ މެނޭޖަރ އަހްމަދު ސައީދު ވިދާޅުވީ ފިރުޝާންގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން މިހާތަނަށް ފަސް މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވިދާޅުވި އެވެ.