ސިނަމާލެ ބްރިޖުން ދަތުރުކުރާ އުޅަނދުތަކުން ޓޯލްފީ ނެގުމަށް ނިންމައިފިއެވެ.

މިކަން ހާމަކުރީ "މާލެ ފަހި" ޕްރޮގްރާމް އިފްތިތާހު ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައެވެ.

އެގޮތުން "މާލެ ފަހި" ޕްރޮގްރާމްގެ ބުކްލެޓްގައި ބުނެފައިވަނީ ބުރިޖާއި ހައިވޭ ފަދަ ތަންތަން ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓުމަށް ކަމާ ގުޅުންހުރި ދައުލަތުގެ ހުރިހާ އިދާރާތަކާއި މަޝްވަރާ ކުރުމަށްފަހު ޓޯލް ފީއެއް ކަނޑައަޅައި ތަންފީޒު ކުރުމުގެ ނިޒާމެއް ގާއިމު ކުރުމަށެވެ.

އަދި އެކަމާ ގުޅިގެން ހަދަންޖެހޭ ދިރާސާތައް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް އޯގަސްޓު މަހުގެ ތެރޭގައި ފެށޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.ނަމަވެސް މިކަން ކުރަން ފަށަން ނިންމާފައިވާ ތާރީޚެއް ނުވަތަ ނަގާނީ ކިހާވަރެއްކަން ބަޔާންކޮށްފައެއް ނެތެވެ.

މާލެ ފަހި ޕްރޮގްރާމަކީ ރައީސް ޑރ. މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މާލެ ސަރަހައްދުގައި އެއްގަމު އުޅަނދު އާދަޔާ ހިލާފަށް އިތުރުވުމުގެ ސަބަބުން ކުރިމަތިވެފައިވާ ޓްރެފިކްގެ ތޮއްޖެހުމަށް އެކަށީގެންވާ ހައްލެއް ހޯދައި މާލެ ސަރަހައްދުގެ މަގުތަކަކީ ހިނގާ މީހުންނަށާއި އުޅަނދު ދުއްވާ ފަރާތްތަކަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަގުސަދުގައި އުފައްދާފައިވާ ޕްރޮގްރާމެކެވެ.

އަދި މިއީ އެމަނިކުފާނުގެ ހާއްސަ އިރުޝާދާއެކީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަނުން ފަރުމާކޮށްފައިވާ ޕްރޮގްރާމެެއްވެސްމެކެވެ.

ބްރިޖާއި ހައިވޭތަކުން ޓޯލް ފީ ނެގުމަކީ ކުރިއަރާފައިވާ ގައުމުތަކާއި އަދި ކުރިއަރަމުންދާ ޤައުމުތަކުގައި ވެސް ކުރާ ކަމެކެވެ.