13 ވަނަ ބައި

"ދެން ބުނަންވީނު!" ގަޔާ ނުވެ އިނދެ އަނެއްކާވެސް ނަވާރު ބުންޏެވެ. ހަފީޒާގެ މޭ ބޮޑުވާގޮތްވީ ނަވާރުގެ ވާހަކައިގެ ރާގު ހުރިގޮތުންނެވެ.

"ދަރިފުޅަށްވެސް އެނގޭނެ މިހާރު ދަރިފުޅު ކިޔަވާ ނިމުމުތާ ވެސް ކޮން ދުވަހެއް. އަންހެން ކުދިންނަކީ އަވަހަށް ކައިވެނި ކުރަން ޖެހޭ ބައެއް!"

"ހޫން! އެއްކަލަ މަންމަ! ދެން ތި ކިޔަން އުޅޭ އެއްޗެއް ސާފުކޮށް ކުރުކޮށް ކިޔާބަލަ! އެހެން ނޫނަސް ރަނގަޅު މީހަކު ފެނުނީމަ ތިކަން ވެސް ކުރާނަމޭ!" ހަފީޒާގެ ވާހަކަ މެދު ކަނޑާލަމުން ނަވާރު ބުންޏެވެ.

"ތިހެން ވެގެންނު މަންމަ މި ވާހަކަ މިދައްކަނީ! ދަރިފުޅަށް ވަރަށް ރަނގަޅު މީހަކު ހޮވުމަށްފަހުއޭ މިވާހަކަ މިދައްކަނީ!" ނަވާރުގެ ވިސްނުން ހުރިގޮތް އެނގުމުން ހަފީޒާ ހިނިތުންވެލައިގެން އިނދެ ބުންޏެވެ.

"އެ އަނެއްކާ ކާކު!" ކާ އަށް ދަމާލަމުން ނަވާރު ސުވާލުކުރީ ހައިރާންވެ އިނދެއެވެ.

"ފާޒިލް!" ބޮމުން ދިޔަ ސައިތަށިން ކަރުތެރޭ ހުރި ކަޅުސައިފޮދު ކޮށިއަރައި ނަވާރު ކެއްސައިގަތީ މަންމަގެ ދުލުން ފާޒިލްގެ ނަން ބުނިއަޑު އިވުމުންނެވެ.

"ނުވާނެ ތިކަމެއް! މަށެއް ނީންނާނަން އޭނަ އަކާ!... މަންމަ މޮޔަވީތާ!" ނަވާރު ފުންމައިގެން ތެދުވެ ހިނގައިގަތީ ދެފައި ދަނޑިއަށް ބާރުލާފައެވެ.

"ދަރިފުޅާ! މިއީ ހާމިދުބެގެ ވެސް ....." ނަވާރު ކޮޓަރީގެ ދޮރު ބަންލާފައި ޖެހުމަށްފަހު ގޮސް ވެއްޓިގަތީ އެނދަށެވެ.

އެދުވަހުގެ ބާކީ ބައިން ހަފީޒާ އެ ކޮޓަރިއަށް ވަނީ ހަމަ އެކަނި ފާޚާންކޮށްލުމަށާ ނަމާދުކޮށްލުމަށެވެ. އެއިން ކޮންމެ ފަހަރަކުވެސް އެނދުގެ ބިތްދޮށަށް އެނބުރި އޮތް ނަވާރަށް ހަފީޒާ ބަލައިލައެވެ. ހަމްދަރުދީގެ ބެލުމަކުންނެވެ. ބައެއްފަހަރު ރުޅިވެރިކަމުގެ ނަޒަރަކުންނެވެ.

ނަވާރަށްޓަކައި ފާޒިލް އެއީ ކިހާ ރަނގަޅު ނިންމުމެއްކަން ހަފީޒާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އެކަމަކު ވެސް ދެވަނަ ފަހަރަކު ހަފީޒާ ނަވާރާ އެ ވާހަކައެއް ނުދައްކާނެއެވެ. ނަވާރުގެ ނުގަބޫލުގައި ނަވާރު މީހަކާ ދެވާކަށް ހަފީޒާ ވެސް ބޭނުމެއް ނޫނެވެ. އެހެންނަމަވެސް ހާމިދު ގާތު އޭނަ ވެފައިވާ ވައުދު ނުފުއްދިދާނެތީ އޭނަހުރީ ދެރަވެ ހިތްހަމަ ނުޖެހިފައެވެ. ހާމިދު އެއީ އޭނަ ހާލުގައި ޖެހުނު ދުވަހު އެކުދިންނަށާ ހަފީޒާއަށް ހާދަ ހެޔޮ މީހެކެވެ.

ދުވަސްތައް މާޒީވަމުން ދިޔައިރު ފާޒިލް ނަވާރުއަށް ފެންނަ މިންވަރު މަދުވަމުން ދިޔައެވެ. ފުރަތަމަ ދުވަހު ދޮންމަންމަ އެވާހަކަ ފާޒިލްއާ ދެއްކިޔަސް މިހާރު ދޮންމަންމަ ހުންނަނީ ފާޒިލް ފެނުމުން ލަދުގަނެ ކަންބޮޑުވެފައިހެން ފާޒިލްއަށް ހީވެއެވެ. އަދި ވީހާވެސް ފާޒިލްއާ ކުރިމަތި ނުލައިވޭތޯ ދޮންމަންމަ މަސައްކަތް ކުރާހެން ވެސް ފާޒިލްއަށް ހީވެއެވެ. މިމަންޒަރު ދޮންމަންމަގެ ފަރާތުން ފެނުމުން އަދި ދެވަނަ ފަހަރަކު އެކަމުގެ އިޝާރާތެއް ނުވުމުން ނަވާރު އެކަމާ ދެކޮޅު ހެދީކަން ފާޒިލްއަށް ޔަގީނާ ގާތަށް އެނގުނެވެ. އެހެންކަމުން ފާޒިލް ވެސް ބަލަނީ ވީހާވެސް އެ ބަޔަށް ނުގޮސް ވާނެ ގޮތެކެވެ. އަދި މި ދަނޑިވަޅުގައި ދޮންމަންމަ އަތަށް ނުދީ އައިޝާ އެހެންބަޔަކާ ހަވާލުކުރުމަކީވެސް ރީތިގޮތަކަށް ނުވާތީ ފާޒިލް ހުރީ ނުތަނަވަސްވެފައެވެ. ނުވިސްނަން ހުއްޓަސް ބައްޕަޔާ ދޮންމަންމަ ނިންމާފައިވާ އެ ނިންމުމާ މެދު ޚުދު ފާޒިލްއަށް ވެސް ވިސްނެއެވެ. ހަމަ އެއާއެކު ނަވާރު ބޭނުން ނުވަންޏާ އެކަން ނުކުރަންވެސް ފާޒިލް އޮތީ ނިންމާފައެވެ.

ދުވަސްވަރަކީ ހުޅަނގު މޫސުމުގެ ވިއްސާރަދުވަސްވަރެވެ. ނަވާރު ގެއަށް އައީ މިއަދުވެސް ކޮންމެވެސް ވަރަކަށް ތެމިގެންނެވެ. ކާރެއް ހޯދުމުގެ ޚިޔާލު ދޫކޮށްލީ ވާރޭކަނި ޖަހަންފެށީ ގެއާ ވަރަށް ކައިރިއަށް އާދެވުނު ފަހުން ކަމަށްވާތިއެވެ.

ލިފްޓަށް އެރުމުގެ ކުރިން ފާޒިލް ގުޅީ ދޮންމަންމައަށެވެ. އައިޝާ ފޮނުވައިދިނުން އެދިއެވެ. ފާޒިލް ހުރީ ލިފްޓްކައިރީގައި ކަމަށް ބުނަމުން ފާޒިލް ފޯނުކަނޑައިލިއެވެ. އެހެން ބުންޏަސް ދުވަހަކުވެސް ދޮންމަންމަ އައިޝާ އެކަނި ނުފޮނުވައެވެ. ލިފްޓާ ހަމައަށް އައިޝާ ގެނެސް ފާޒިލްއާ ހަވާލުކޮށްފަ ނޫނީ ހަފީޒާ ނުދެއެވެ.

އެޕާޓްމެންޓްގެ ދޮރު ހުޅުވުނު އަޑަށް ފޯނު ކާމޭޒުމަތީ ބާއްވަމުން ހަފީޒާ އެނބުރިލިއެވެ. އޭރު ނަވާރު އެތެރެއަށް ވަންނަނީއެވެ.

"އައިޝާ ގޮސް ފާޒިލްއާ ހަވާލުކޮށްފަ އާދެބަލަ! މަންމަ ފާޚާނާއަކަށް ދާންވެގެން ވަދެވަދެ ހުއްޓާ އެ ސޮރު އެ ގުޅީ!" ހަފީޒާ ހާމަ ކުރީ ތެދަށެވެ.

ނަވާރު ބަލައިލީ ހަފީޒާ ކައިރީ ދާންތައްޔާރުވެގެން ހުރި އައިޝާއަށެވެ.

"ހިނގާ އަވަހަށް!" އައިޝާއަށް ހީނލަމުން ނަވާރު ހިފީ އަިއޝާގެ އިނގިލީގައެވެ. އައިޝާ ހިނގައިގަތެވެ.

"ކޮއްކޮ ބޭނުން އައިސްކޯންއެއް!" އައިޝާގެ ތުއްތު އަޑުން އެހެން ބުނެލިގޮތުން ނަވާރުގެ ހިތް ފުރިގެން އައެވެ.

"މިހާ ފިނިއިރު! ... އައިޝާއަށް އެނގޭތަ ވަރަށް ވިއްސާރައޭ!" އައިޝާ ރުއްސުމަށް ނަވާރު ވާހަކަދެއްކިއެވެ.

"އެހެން ދުވަހަކުން ދޯ ނަވާ ދައްތާ!" ނަވާރަށް ބޯ ޖަހާލަމުން ހިފާލެވުނީ އައިޝާގެ ދެކޮލުގައެވެ. ލޯބިންނެވެ.

އައިޝާ ގޮވައިގެން ނަވާރު ލިފްޓާ ދިމާއަށްދިޔައިރު ހިތަށް އަރަމުން ދިޔައީ ނަވާރު ލިފްޓަށް އަރަން އައިތަން ފާޒިލްއަށް ފެންނާނެކަމެވެ. ފާޒިލް ނަވާރާ މެދު ފަރުވާލެއްނެތްކަން ފުރަތަމަ ފަހަރަށް ނަވާރަށް ފާހަގަ ކުރެވުނެވެ.

ދެވަނަ ފަންގެފިލާއަށް ލިފްޓް މަޑުކުރުމުން ނަވާރު ލިފްޓުން ފައިބާ އައިޝާ ގޮވައިގެން ހިނގައިގަތެވެ. އޭރު ފާޒިލް ހުރީ ލިފްޓަށް ފުރަގަސްދިގެން ފޯނެއްގައެވެ.

"ދެވިދާނެ! އެކަމަކު މިރޭ ދެވޭނީ!..." ލިފްޓް ހުޅުވުނު އަޑަށް ފާޒިލްގެ ސަމާލުކަން ހުއްޓާލެވުނުއިރު ފާޒިލް އެންމެ ފަހުން ބުނި ވާހަކަ ނަވާރުގެ ކަންފަތުގައި ހަރުލާފައި ހުއްޓެވެ. ނަވާރު ނިންމީ ފާޒިލް އެ ވާހަކަ ދެއްކީ އަލީނާއާ ކަމަށެވެ.

"ތޭންކްސް!' ނަވާރާ ދިމާއަށް ބަލައިވެސް ނުލައި އައިޝާގެ ފިއްބޮލުގައި އަތްތިލަ ޖައްސާލައިގެން ކުރިއަށް ހިނގައިގަތް ފާޒިލްއަށް ނަވާރު ބަލަން ހުރީ ރުޅިވެރިކަމުގެ ނަޒަރަކުންނެވެ. ރުޅި ހައްދުންނެއްޓުމުން ނަވާރު ހަލުވި ފިޔަވަޅުތަކެއްގައި ހިނގައިގަތީ ފާޒިލް އުޅޭ ކޮޓަރިއާ ދިމާއަށެވެ. ނަވާރަށް އެކޮޓަރިއާ ހަމައަށް ދެވުނުއިރު ފާޒިލް ދޮރުލައްޕާލަނީއެވެ.

"ފާޒިލް!" ނަވާރުގެ އަޑަށް އަލުން ދޮރުހުޅުވައި ފާޒިލް ބޭރަށް ބޯ ދިއްކޮށްލިއެވެ.

"ކީއްތަވެގެން ތިއުޅެނީ!" ފާޒިލް އިޚުތިޔާރުކުރީ ހަމަހިމޭންކަމެވެ. އަދި އިޝާރާތުން އައިޝާ ދައްކާލުމަށްފަހު ދޮރުލައްޕައިލިއެވެ.

އަނގައިން ބުނުމެއްނެތި ފާޒިލް ކަންތައް މިކުރި ގޮތުން ނަވާރު ލަދުވެސް ގަތެވެ. ދެރަވެސް ވިޔެވެ. އެތާ ދޮރުމަތީ ހިރިވެސްލާން ނުކެރި ނަވާރު އިރުކޮޅަކު ހުއްޓެވެ. ދެން މަޑުމަޑުން އިސްޖަހާލައިގެން އެނބުރި އައިކޮޅަށް ހިނގައިގަތެވެ.

ނަވާރުގެ ފަރާތުން މިފެނުނު ކަންތަކުން ފާޒިލް ވެސް ލަދުގަތެވެ. ދެރަވެސް ވިއެވެ. ފާޒިލްއަށް ވެސް ހުރިތާ ހުރެވުނީއެވެ. ދޮރުފަތުގެ އެތެރޭގައެވެ.

ނަވާރު އިނީ ޓިވީއިން އަންނަމުންދިޔަ ޚަބަރަކަށް ގެއްލިފައެވެ. ނަވާރަށް އަޑު އިވުނީ ހަފީޒާ ނަވާރަށް ދެތިން ފަހަރަކު ގޮވައިލުމުންނެވެ.

"ދަރިފުޅާ! ކިރުދަޅު މިހިރީ ހުސްވެފަ! މަންމަ އޮށޯތުމުގެ ކުރިން ކިރުތައްޓެއް ބޯންޖެހޭނެނު! ދެވޭނެތަ ކިރުދަޅެއް ގަނެގެން އަންނަން!" ހަފީޒާއަށް މިގަޑީގައި ފިހާރައަށް ދިއުންތަންކޮޅެއް އުދަނގޫ ވުމުން ނަވާރު ގާތު ބުނީއެވެ.

ބޯޖަހާލުމަށްފަހު ނަވާރު ހިނގައިގަތީ ކިރުދަޅުގަތުމަށް ފިހާރައަށެވެ. ގެއާ ކުރިމަތިވާ ގޮތަށް ނޫނަސް ވަރަށް ކައިރީ މަގުގެ އަނެއްފަރާތުގައި ހުރި ފިހާރައަށް ނަވާރުވަދެ ކިރުދަޅެއް ހިފައިގެން އައިސް ކައުންޓަރު ކައިރީ މަޑުކޮށްލިއެވެ. ނަވާރަށްވުރެ ކުރިން އައިސްތިބި ތިން މީަކު ތިބުމުން އެމީހުން ނިމެންދެނެވެ.

އެވަގުތު ކުއްލިއަކަށް ފިހާރައިގެ ބިއްލޫރިގަނޑުން ނަވާރަށް ފެނުނީ އަލީނާ ގޮވައިގެން އައިސް ފާޒިލް ގޭ ކުރިމަތީ މަޑުކުރިތަނެވެ. ނަވާރަށް ސަމާލުކަން ދެވުނީ އަލީނާގެ ހަރަކާތްތަކަށްވުރެ ބޮޑަށް ފާޒިލްގެ ހަރަކާތްތަކަށެވެ. އަލީނާ ފާޒިލްގެ ކޮނޑުގައި އެލިގަނެގެން އެ ސައިކަލުން ފޭބިއިރު ފާޒިލް އިންގޮތަށް އިނެވެ.

ސައިކަލުން ފޭބުމަށްފަހު ފާޒިލްގެ ކަންފަތްދޮށުގައި އަލީނާ އެއްޗެކޭ ބުނުމުން ފާޒިލް ބޯޖަހައިލިތަން ވެސް ނަވާރަށް ފެނުނެވެ. ވެހެމުންދިޔަ ހިމަފޮދު ވާރެއިން ސަލާމަތްވަމުން އަލީނާ ވެސް ގޮސްވަނީ ނަވާރު ހުރި ފިހާރައަށެވެ. އޭރު ކައުންޓަރުގައި އިންކުއްޖާ ނަވާރު ކައިރީ ކިރުދަޅުގެ އަގު ދެފަހަރަކު ބުނެފިއެވެ. ތެޅިގެންފައި ފޯން ހުޅުވައިލުމަށްފަހު ފައިސާ ޓްރާންސްފަރކޮށްލުމަށްފަހު ނަވާރު ހިނގައިގަތީ ފިހާރައިން ނިކުންނާށެވެ. އަލީނާގެ މޫނު ފެންނަ ހިސާބުގައި ވެސް ހުންނަން ނަވާރަށް އުދަނގުލެވެ.

އަލީނާ ސޭޓް ކުއްޖާ ކައިރީ އެހީ ކޮންމެވެސް ވައްތަރެއްގެ ކްރީމް އެއްގެ ވާހަކައެވެ. ސޭޓް އެބުނި ކްރީމް އެއް ލިބެންނެތް ވާހަކަ ބުނުމުން އަލީނާ ވެސް އުޅުނީ ވާރޭ ބޯކޮށްލުމުގެ ކުރިން މަގު ހުރަސްކޮށްލާފައި އަވަހަށް ގެއަށް ވަނުމަށެވެ.

ކަންދިމާކުރި ގޮތުން ދުވާރު ހުރަސްކޮށް އަލީނާއަށް ދެމި ގަނެވުނީ ނަވާރު ދާން އުޅުނު ދިމާގައި ހުރި ބައިސްކަލުގެ އަނެއް ފަރާތުންނެވެ. ބައިސްކަލް ބަހައްޓާފައި ހުރި ގޮތުން ބައިސްކަލުގެ ދެފަރާތުން ވެސް މަގަށް ނިކުމެވޭނެހާ ޖާގަ ކޮންމެވެސް ވަރަކަށް ހުއްޓެވެ. އެކަމަކު އަލީނާގެ ގައިން ބައިސްކަލުގެ މުށްގަނޑުގައި ޖެހިފައި ބައިސްކަލް އަރިވި ވަގުތު ބައިސްކަލުގެ ފަހަތު ފުރޮޅު ގޮސް އަޅައިގަތީ ނަވާރުގެ ކަކުލުހުޅަށްވުރެ ތިރިއަށް ހުރި ހެދުމުގެ ފަސްބައިގައެވެ.

ކަމަކީ އަލީނާއާ ގުޅުން ހުރިކަމަކަށް ވުމުން ނަވާރު އައީ އަމަށަކު ރުޅިއެއް ނޫނެވެ.

"ތިމާ ނޫން މީހުން ވެސް މިތާ އުޅޭކަން ދަނެގެން އުޅެބަލަ!" އެ އަޑު މަޑެވެ. ނަމަވެސް ހަރުކަށްޓެވެ.

"އައްދެ! ކަމަނާ ހާދަ ރުޅިއެއް! މަގޭ ދުނިޔޭގަ އުޅެނީ މަށާ ފާޒިލްއާ!" އަލީނާގެ އަޑުގައިވަނީ މަލާމާތެވެ. ޖެއްސުމެވެ.

ނަވާރުގެ ދުލަށް ކިޔާލަން ކިތަންމެ އެއްޗެއް އައެވެ. އެހެންނަމަވެސް އޭނާ ކެތްތެރިވިއެވެ. އޭނަގެ ހައިސިއްޔަތު ހަނދާނުގައި ބެހެއްޓިއެވެ. އެކަމުން އަލީނާގެ ކުރިމަތީ އޭނާ ދެރަވިކަމަށް އަލީނާ ގަބޫލުކުރިޔަސް ނަވާރަކަށް މައްސަލައެއް ނެތެވެ.

މި ހުރިހާ ސަކަރާތެއް ބަލަން ދުރުގައި ފާޒިލް ހުރިކަމެއް ދެ އަންހެންކުދިންކުރެ އެއްކުއްޖަކަށްވެސް ނޭނގެއެވެ. އެހެންކަމުން ނަވާރުގެ ފަހަތުން އައި އަލީނާ އަނެއްކާވެސް ނަވާރަށް ބަހުގެ ހަމަލާއެއް ދޫކޮށްލިއެވެ.

"މަށާ ފާޒިލް އެކުގައި އުޅޭތަން ދެކެން އުދަނގުލީތަ! ހަނދާން އެބަހުރިތަ ކުރީ ދުވަހު މަށަށް އައިޝާ ފޮރުވަން އުޅުނު ހަނދާން!" ދެންވެސް ނަވާރު އަނގައަކުން ނުބުންޏެވެ. އިސްޖަހާލައިގެން މަގުހުރިގޮތަށް ކުރިޔަށް ދިޔައީއެވެ. ގެއަށް ވަނުމުގެ ބަދަލުގައެވެ. އަލީނާއާ އެއް ލިފްޓެއް ޝެއަރ ކުރުން މިވަގުތު ނަވާރަށް ވަރަށް އުދަނގުލެވެ.

އެހެންމަވެސް މި ކުރެވެނީ ބޭކާރުކަމެއްކަމަށް ވިސްނުނު ހިސާބުން ނަވާރު އަނބުރައި ގެއަށް މިސްރާބު ޖެހިއެވެ. ފާޒިލް އެއީ ނަވާރުގެ ކާކުހެއްޔެވެ! ފާޒިލްއަށްޓަކައި މީހަކު ދެކެ ނަވާރު ފޫހިވާންވީ ކީއްވެހެއްޔެވެ! އޭނާ ބުނި ފަދައިން ފާޒިލްއާ އެކު އޭނާ އުޅުނަސް ނަވާރު ޖެލަސްވާކަށް ނުޖެހެއެެވެ. ވިސްނުން ދޫކޮށްލަން ނަވާރު ބޭނުންވަނީ ކުރިއަށް ހުރި އޭނަގެ މަސައްކަތަށެވެ. އެހެންމަވެސް އަބަދުއަބަދު ފާޒިލްއާ އަލީނާގެ ޚިޔާލުން އޭނާގެ ސިކުނޑި ހަފުސްވަނީ ކީއްވހެއްޔެވެ!

ނަވާރު އެނބުރި ގެއަށް ވަންއިރުވެސް ފާޒިލް ހުރީ ކުރިންވެސް ހުރި ކޮފީ ޝޮޕްގެ ކުރިމަތީގައެވެ. އެއީ މީހުން ތަންކޮޅެއް ގިނަ ހިސާބެއްކަމުން ނަވާރަށް އޭނާ ފާހަގަ ނުކުރެވޭނެކަން ފާޒިލްއަށް އެނގެއެވެ. ނަވާރަކީ މަގުހިނގާއިރު ވަށައިގެން ހިނގާ ކަންތައްތަކަށް ސަމާލުކަން ނުދޭކުއްޖެއްކަން ފާޒިލްއަށް އެނގެއެވެ.

ގެއަށް ވަންނަން ދިޔަ ނަވާރުގެ މިލާފައިވާ މޫނުމަތިން ފާޒިލް ދެނެގަންނަންވީ ކޮންކަހަލަ ޝުއޫރެއްކަމެއް ޚުދު ފާޒިލްއަކަށް ވެސް ނޭނގެއެވެ. އެނގެނީ ނަވާރުގެ މޫނުމަތި މިލާފައިވާކަމެވެ. ކޮންމެވެސް ކަމަކާ ނަވާރު ދެރަވެފައި ހުރިކަމެވެ. އަލީނާއާ ނަވާރާ ދެމެދު ދެކެވުނު ވާހަކަތައް ކޮންމެވެސް ވަރަކަށް ފާޒިލްއަށް އަޑުއިވި އަދި އަލީނާގެ މޫނުމަތީގެ ކުލަވަރުވެސް ފެނިފައިވުމުން އަލީނާ ނަވާރާ ދިމާލަށް ބުނަން ނުޖެހޭ ވާހަކަތަކެއް ބުނެފިކަން ފާޒިލްއަށް ކަށަވަރުވިއެވެ. އެހެންވިޔަސް ފާޒިލް ނިންމީ އެ ދެއަންހެނުންގެ ދެމެދަށް ނުވަދެ ފާޒިލް ދުރުގައި ހުރުމަށެވެ.

-ނުނިމޭ-