އެއް އަހަރު ތެރޭ 1 ބިލިއަން ޑޮލަރުގެ ފައިދާ ހޯދި ފުރަތަމަ ފުޓުބޯޅަ ކްލަބުގެ މަގާމު ރެއާލް މެޑަރިޑުން ހާސިލުކޮށްފިއެވެ.

ރެއާލް މެޑްރިޑުން ހާމަކުރި ގޮތުގައި 2023-2024 ވަނަ ސީޒަނުގައި ކުޅުންތެރިންގެ ޓްރާންސްފާ ފީތައް ނުހިމަނައި އެ ޓީމަށް ލިބުނު ފައިދާގެ އަދަދު 1.08 ބިލިއަން ޑޮލަރަށް އަރައެވެ. މިއީ, ތާރީހުގައި ވެސް ފުޓުބޯޅަ ކްލަބަކުން ސީޒަނެއްގައި އެންމެ ގިނަ ފައިދާ ހޯދި ފަހަރެވެ.

މި ސީޒަނަށް ރެއާލުގެ ފައިދާ 1 ބިލިއަނަށް އަރާފައިވާ އިރު މިއީ, މި ދިޔަ ސީޒަނަށްވުރެ 230 މިލިއަން ޑޮލަރު ގިނަ އަދަދެކެވެ. މިއީ, މި ދިޔަ ސީޒަނާ އަޅާ ބަލާއިރު 27 އިންސައްތަ ބޮޑު އަދަދެއްކަން ވެސް ފާހަގަކޮށްލަން ޖެހެއެވެ.

ފޯބްސްއިން އާއްމު ކުރާ އެންމެ އަގުބޮޑު ކްލަބުތަކުގެ ލިސްޓުގެ 11 ވަނައިގައި އޮތް ރެއާލް މެޑްރިޑަކީ ފުޓުބޯޅަ ކްލަބުތަކުގެ ތެރެއިން އެ ލިސްޓުގައި އެންމެ މަތީގައި އޮންނަ ކްލަބެވެ. ރެއާލް މެޑްރިޑު އެ ލިސްޓުގެ 11 ވަނައިގައި އޮތީ 6.07 ބިލިއަން ޑޮލަރުގެ އަގަކާއެކުގައެވެ.