މެޗުގައި ފެނިގެންދިޔައީ ސާކަސްއަކުން ފެންނާނެ މަންޒަރުތަކެއް ކަމަށް އޮލިމްޕިކްސްގައި ވާދަކުރާ އާޖެންޓީނާގެ ޓީމުގެ ކޯޗު ހާވިއާ މަޝެރާނޯ ބުނެފިއެވެ.
މަޝެރާނޯ މި ހެން ބުނީ, ރޭގައި އޮލިމްޕިކްސްގައި މޮރޮކޯ އަތުން 2-1 އިން އާޖެންޓީނާ ބަލިވި މެޗުގައި ކަންކަން ހިނގި ގޮތާ މެދު ހިތްހަމަނުޖެހިގެންނެވެ.
ރޭގައި ކުޅުނު ފޯރިގަދަ މެޗުގައި 2-1 އިން މޮރޮކޯ މޮޅުވަނިކޮށް, މެޗުގެ ނުވަދިހަ މިނެޓު ހަމަވެ އިތުރު ވަގުތުގެ ގޮތުގައި ރެފްރީ ކަނޑައެޅި 15 މިނެޓު ހަމަވިފަހުންފަހު އާޖެންޓީނާއިން ވަނީ ލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. ފަހު ވަގުތު އާޖެންޓީނާއިން ލަނޑު ޖެހުމުން މޮރޮކޯގެ ސަޕޯޓަރުން ވަނީ ދަނޑު މައްޗަށް އަރާފައެވެ.
ސަޕޯޓަރުން ދަނޑަށް އެރުމުން މެޗު ވަނީ ދެ ގަޑިއިރަށް މެދު ކަނޑާލަން ޖެހިފައެވެ. ސަޕޯޓަރުންގެ މައްސަލަ ހައްލުވުމާއެކު ރެފްރީ ވަނީ މެޗުގައި ބާކީ އަދި ތިން މިނެޓު އޮތް ކަމަށް ނިންމާ, މެޗު މެދު ކަނޑާލިތާ ދެ ގަޑިއިރު ފަހުން މެޗުގެ ކުޅުން ފަށާފައެވެ.
މެޗުގެ ކުޅުން ފެށުމަށްފަހު ރެފްރީ ވަނީ ކުރިން އާޖެންޓީނާއިން ޖެހި ލަނޑު ވީއޭއާރު ބެލުމަށްފަހު އޮފްސައިޑު ކަމަށް ނިންމާ އެ ގޯލު އަނބުރާ ނަގާފައެެވެ. ރެފްރީގެ މި ނިންމުމުގެ ސަބަބުން އާޖެންޓީނާ ވަނީ 2-1 އިން މޮރޮކޯ އަތުން ބަލިވެފައެވެ.
މެޗަށްފަހު ވާހަކަދައްކަމުން އާޖެންޓީނާގެ ކޯޗު ހާވިއާ މަޝެރާނޯ ވަނީ މުބާރާތުގެ އިންތިޒާމުތަކާ މެދު ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެހާ ގިނަ އިރަކަށް މެޗު މެދު ކަނޑާލުމަށްފަހު ގޯލު ސައްހަ ނޫން ކަމަށް ނިންމުމުން މަޝެރާނޯ ވަނީ މެޗު ކުރިއަށް ދިޔައީ ސާކަސްއެއް ގޮތަށް ކަމަށް ބުނެފައެވެ.
"އަހަރެންގެ ކެރިއަރުގެ ދުވަހަކު ވެސް މި ފަދަ މަންޒަރެއް ނުފެނެ. މި ތަން ހީވަނީ ސާކަސްއެއް ހެން. ކިތަންވެ ވަރަކަށް މިހެން ކިޔަސް ވާނެ ފައިދާއެއް ނެތްކަން ދަންނަން. މި ފަދަ ކަމަކާ ހެދި މުޅި މުބާރާތް މި ވިހަވީ. ގޭ ކައިރީ ކުޅޭ ކުދިކުދި މުބާރާތްތަކުގައި ވެސް ކަންކަން މިހާ ގޯހެއް ނުވާނެ" ރޭގެ މެޗުގައި ކަންތައްތައް ވި ގޮތާ މެދު ހިތްހަމަނުޖެހުން ފާޅު ކުރަމުން މަޝެރާނޯ ބުންޏެވެ.
ރޭގެ މެޗާ ގުޅިގެން އާޖެންޓީނާގެ ފުޓުބޯޅަ އެސޯސިއޭޝަނުން ވަނީ ފީފާގެ ޑިސިޕްލިނަރީ ކޮމިޓީއަށް މައްސަލައެއް ހުށަހަޅާފައެވެ.
ފުރަތަމަ މެޗުގައި ހިނގައިދިޔަ ކަންކަން މާޒީއަށް ލުމަށްފަހު އާޖެންޓީނާއިން ދެން ނިކުންނާނީ 27 ޖުލައި ވާ ދުވަހު އިރާގްއާ ދެކޮޅަށެވެ.