26 ޖުލައި 2024 ވާ މިނިވަން ދުވަހުގެ ހަވީރު 16:00 އިން 18:00 އަށް ގްރޭޓަރ މާލެ ސަރަހައްދުގައި އިންޖީނުލީ އެއްގަމު އުޅަނދު ދުއްވުން މަނާ ކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ނިންމައިފިއެވެ.

މި ވަގުތުތަކުގައި، އެއްގަމުގައި ދުއްވާ އިންޖީނުލީ އުޅަނދުތަކުގެ ތެރެއިން ހުއްދަ ދެވިފައިވާ އުޅަނދުތައް ފިޔަވައި އެހެނިހެން އުޅަނދުތައް ގްރޭޓަރ މާލެ ސަރަހައްދުގައި ދުއްވުން "އެއްގަމު ދަތުރުފަތުރުގެ ޤާނޫނު" 2009/5 ގެ 5 ވަނަ މާއްދާގެ (ރ) ގެ ދަށުން ޓްރާންސްޕޯޓް މިނިސްޓްރީއިން ވަނީ މަނާކޮށްފައެވެ.

މިނިވަން ދުވަހު 16:00 އިން 18:00 އަށް މަގުމަތީގައި ދުއްވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީއިން ކަނޑައަޅާފައިވާ އުޅަނދުތަކަކީ:

  • ސަލާމަތީ ބާރުތަކުން ބޭނުންކުރާ އިންޖީނުލީ އެއްގަމު އުޅަނދުތައް
  • އެމްބިއުލެންސް
  • ޚާއްޞަ އެހީއަށް ބޭނުންވާ މީހުން ދުއްވުމަށް ޚާއްޞަކުރެވިފައިވާ އުޅަނދުތައް
  • ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ދެމުންގެންދާ ބަސްތައް
  • ފުރާމީހުން ބޭނުން ކުރުމަށް ހުއްދަދެވޭ އުޅަނދުތައް
  • މިނިވަން ދުވަހުގެ މި ގަޑިތަކުގައި ދުއްވުމުގެ ހުއްދަ ދެވިފައިވާ އުޅަނދުތައް

ޓްރާންސްޕޯޓް މިނިސްޓްރީގެ މި އެންގުމާއި ޚިލާފުވާ ފަރާތްތަކާމެދު ޤާނޫނު ނަންބަރު 2009/5 (އެއްގަމުދަތުރުފަތުރުގެ ޤާނޫނު) ގެ 67 އަދި 68 ވަނަ މާއްދާގެ ދަށުން ފިޔަވަޅު އަޅާނެ ކަމަށް އެ މިނިސްޓްރީއިން ވަނީ ހާމަކޮށްފައެވެ.

(ފޮޓޯ: ސަން)