މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސްގެ އެޗްއާރު އެކްސެލެންސް އެވޯޑްސް 2023 ގައި ޝަރަފުވެރި 2 އެވޯޑެއް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ކާމިޔާބުކޮއްފިއެވެ.

އެމްޓީސީސީ އަށް ލިބިފައިވަނީ އެކްސެލެންސް އިން އެޗްއާރު ޓެކް އެވޯޑާއި އެކްސެލެންސް އިން ޑައިވަރސިޓީ، އިކުއިޓީ، އެންޑް އިންކްލޫޝަން އެވޯޑެވެ.

މި މުހިންމު ކާމިޔާބީތަކުން ހާމަވަނީ އެމްޓީސީސީގެ ހުއްޓުމެއްނެތް މަސައްކަތްތަކެވެ. އަދި އިތުރު އިންކްލޫސިވިޓީއަށް މަގުފަހިކުރުމާއި، ދެމެހެއްޓެނިވި އައު ގޮތްތައް ހޯދުމާއި، އިންސާނީ ވަސީލަތްތަކުގެ ދާއިރާގައި ކުރިއެރުން ހޯދުމަށް ކުންފުނިން ކުރަމުންދާ މަސައްކަތްތައް ފާހަގަކޮށްދެއެވެ.

މޯލްޑިވްސް އެސޯސިއޭޝަން އޮފް އެޗްއާރު ޕްރޮފެޝަނަލްސް (އެމްއޭއެޗްއާރުޕީ) އަކީ ދިވެހިރާއްޖޭގައި އިންސާނީ ވަޞީލަތްތަކުގެ ދާއިރާ ކުރިއެރުވުމަށް މަސައްކަތްކުރާ ފާހަގަކޮށްލެވޭ ޖަމްޢިއްޔާއެކެވެ. މިއީ އެޗްއާރު ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކަށް ޚާއްޞަކުރެވިފައިވާ ޕްރޮފެޝަނަލް ޖަމްޢިއްޔާއެކެވެ. މި ޖަމްޢިއްޔާއިން ނެޓްވޯކިންގ، ޕްރޮފެޝަނަލް ޑިވޮލޮޕްމަންޓް އަދި މަޢުލޫމާތު ޙިއްޞާކުރުމަށް މަގުފަހިކޮށްދެއެވެ.

އެޗްއާރު އެކްސެލެންސް އެވޯޑްސް އަކީ އިންސާނީ ވަސީލަތްތައް ބެލެހެއްޓުމުގައި ފާހަގަކޮށްލެވޭ ޖަމިއްޔާތަކަށް ދެވޭ އެވޯޑެކެވެ.