ބްރިޖް އިން ޓޯލް ނެގުމަކީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ގެ ސިޔާސަތެއްނޫންކަމުގައި އެމަނިކުފާނު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު މީސް މީޑިއާގައި ޙިއްޞާކުރެއްވި ޕޯސްޓެއްގައެވެ.

ރައީސްގެ މެސެޖުގައި އެމަނިކުފާނު ވިދާޅުވެފައިވަނީ ރޭގައި އިޢުލާން ކުރެވުނު "މާލެ ފަހި" ޕޮރޮގްރާމުގައި ޓޯލް ނެގުމާމެދު ދިރާސާއެއްކުރުމަށް ހިމަނާފައިވަނީ ފަންނީ ލެވެލްގައި އެކަމުގެ ލަފާއެއް އެމަނިކުފާނަށް އެރުވުމުގެ ނިޔަތުގައިކަމަށެވެ.

އަދި އެގޮތުން ލިބޭ ފަންނީ ލަފާގައި ޓޯލް ނަގަން ހުށަހެޅުން އަޔަސް، މާލެ ސިޓީގެ މަގުތައް އެއްކޮށް ރަނގަޅު ފެންވަރަކަށް ހަދާ ނިމުމުގެ ކުރިން އަދި އެކަށީގެންވާ މިންވަރަކަށް ޕާކިންގ ގެ މައްސަލަ ޙައްލު ވުމުގެ ކުރިން، އަދި ގައުމާއި ރައްޔިތުންގެ އިގްތިސާދީ ހާލަތު އެކަށީގެންވާ ފެންވަރަކަށް މަތިވުމުގެ ކުރިން ޓޯލް ނަގަން ނުފަށާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވާފައިވެއެވެ.