ގދ. ތިނަދޫ މަގުހެދުމުގެ މަޝްރޫއުގެ ފޭސް 2 މިހާރުވަނީ ނިމިފައިވާ ކަމަށް އެ މަސައްކަތް ކުރަމުންދާ ކުންފުނި ކަމުގައިވާ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) އިން ބުނެފިއެވެ.
އާރުޑީސީން މިހެން ބުނީ އެ ކޯޕަރޭޝަންގެ ވައިބާ ގުރޫޕުގައި ކޮށްފައިވާ މެސެޖެއްގައެވެ.
ތިނަދޫ ސިޓީގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މަޝްރޫޢު އާރުޑީސީއާ ޙަވާލު ކުރެވުނީ 8 އޭޕްރިލް 2021 ވަނަ އަހަރުއެވެ. ޖުމްލަ 78,800,081.10 ދިވެހި ރުފިޔާގެ މި މަޝްރޫޢުގެ ދަށުން 19 މަގެއް ތަރައްޤީ ކުރެވިފައިވާކަމަށް އާރްޑީސީއިން ބުނެއެވެ. އެއީ ޖުމްލަ 7.8 ކިލޯ މީޓަރެވެ.
ތިނަދޫ ސިޓީގެ މަގު ހެދުމުގެ އަމަލީ މަސައްކަތް ފެށުމަށް ތައްޔާރު ވުމުގެ ގޮތުން އެ ސިޓީގައި އާރުޑީސީގެ ސައިޓު ޤާއިމުގެ ކުރުމުގެ މަސައްކަތް 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ފެށުނުކަމަށް އެކުންފުނިން މައުލޫމަތުދިނެވެ. އެއާއެކު ތިނަދޫ މަގު ހެދުމުގެ ދެވަނަ ފިޔަވަހި ފެށުމަށް ބޭނުންވާ ޕްރީ ކާސްޓްގެ މަސައްކަތް ފަށައިގަންދިޔައެވެ. އަދި 2022 ވަނަ އަހަރު މި މަޝްރޫޢުގެ އަމަލީ މަސައްކަތްތައް ފެށުނުއިރު މި މަޝްރޫޢަށް ބޭނުންވާ ރޯމެޓީރިއަލް އެ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެރަށަށް ގެންދެވިފައިވާކަމަށް އާރްޑީސީއިން ބުނެފައިވެއެވެ.
އާރްޑީސީއިން ބުނާގޮތުގައި، މި މަޝްރޫޢުގެ މަސައްކަތްތައް 2023 ވަނަ އަހަރުގެ ފެބްރުއަރީ މަހާ ހަމައަށް ދިޔައިރު ކުރިއަށްދިޔައީ މަޑުފެހި މަގުގެ ސައިޑް ވޯކް ކޮންކުރިޓް ކީވޯލް އެޅުމާއި އާބާދީ ހިނގުމުގައި ޕޭވް ކުރުމުގެ މަސައްކަތްތަކެވެ. އަދި އެހެން މަގުތަކުގައިވެސް މި މަސައްކަތްތައް ކުރިއަށް ދިޔައެވެ. 2023 ވަނަ އަހަރުގެ އޭޕްރިލް މަހަށް އެޅުނު އިރު، އާބާދީ ހިނގުމާއި އޯކިޑްމަގާއި ރަނަހަމައިދިމަގުގައި އޭބީސީ ލޭޔަރ އެޅުމަށް ތައްޔާރުވުމުގެ ގޮތުން މަގުތަކުން ވެލިނަގައި ބިންގަނޑު އެއްވަރު ކުރުމުގެ މަސައްކަތް ކުރެވިގެންދިޔަކަމަށް އާރްޑީސީއިން ބުނެފައިވެއެވެ. މީގެ އިތުރުން، އާބާދީ ހިނގުމުގެ ތާރު އަޅާ ސަރަހައްދުގައި ބިޓުމެން (އެމްސީ-30) ސްޕްރޭ ކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުނެވެ.
2023 ވަނަ އަހަރުގެ މެއިމަހުގެ 28 ވަނަ ދުވަހު ތިނަދޫ ސިޓީގައި ތަރައްޤީ ކުރަމުން އައި މަގުތަކުގައި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެއްޓިކަމަށް އެކުންފުނިން ބުނެއެވެ.
ތިނަދޫ މަގުހެދުމުގެ މަޝްރޫޢުގެ ފޭސް 2 ގެ މަސައްކަތްތައް ކުރިއަށް ގެންދިޔުމަށް ކޮންޓްރެކްޓް އުސޫލުން 64 ފަރާތެއް އާރުޑީސީގެ މުވައްޒަފުންގެ ގޮތުގައި ވަޒީފާއައް ނަގާފައިވާކާމަށް އާރްޑީސީއިން ބުނެފައިވެއެވެ. އަދި 64 މުވައްޒަފުންނަކީ ތިނަދޫ ސިޓީން ނެގުނު މުވައްޒަފުންކަމަށްވެސް އެކުންފުނިން ހާމަކުރިއެވެ.