މޯލްޑިވްސް ޕޯޓްސް ލިމިޓަޑް (އެމް.ޕީ.އެލް) ގެ މެނޭޖްމަންޓް އިން މާލެ ވިޔަފާރި ބަނދަރުގެ ކާގޯ އޮޕަރޭޝަންސްގައި މިއަދު އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފިއެވެ. އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމްވެސް މި ހަރަކާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
އެމް.ޕީ.އެލްއިން ބުނީ މިއީ ޕޯޓް އޮޕަރޭޝަންސްގައި މަސައްކަތްކުރާ މުވައްޒަފުން ކުރަމުންދާ ބުރަ މަސައްކަތުގެ އަގު ވަޒަންކޮށް، މެނޭޖްމަންޓާއި މުވައްޒަފުންނާއި ދެމެދު އޮތް ގުޅުން ވަރުގަދަކޮށް، މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން ބޭއްވި ހަރަކާތެއްކަމަށެވެ.
އެމް.ޕީ.އެލްގެ ސީ.އީ.އޯ މުޙައްމަދު ވަޖީހް އިބްރާހިމްގެ އިތުރުން ކުންފުނީގެ ހުރިހާ ޑިޕާޓްމަންޓްތަކުގެ އިސްވެރިން ވަނީ މިއަދު މާލޭ ވިޔަފާރި ބަނދަރަށް ވަޑައިގަތް، ޕޯޓުގެ ކާގޯ އޮޕަރޭޝަންސްތަކުގެ އެކި މަސައްކަތުގައި އަމަލީ ގޮތުން ބައިވެރިވެވަޑައިގެންފައެވެ.
އެމް.ޕީ.އެލްގެ ސީ.އީ.އޯ ވަޖީހް ވިދާޅުވީ މިއަދު ކުންފުނީގެ އިސްވެރިންނާއެކު ފެއްޓެވި މި ޕްރޮގްރާމުން ކުންފުނީގެ ހުރިހާ ވެރިންނަށް ޕޯޓް އޮޕަރޭޝަންސްގެ މަސައްކަތުގެ މާހައުލުގައި ހުރި އުނދަގޫތައް ފެނި، އެ މައްސަލަތަކަށް ހައްލުކުރާނެ ގޮތްތަށް ހޯދުމަށް ފަސޭހަވެގެންދާނެ ކަމަށެވެ.
”މީގެ އަނެއް ބޭނުމަކީ ބައެއްފަހަރު މުވައްޒަފުން ބަލިވުމާއި ޗުއްޓީ ނެގުމާއި ސަލާމް ބުނުމާއި ގުޅިގެން ކާގޯ އޮޕަރޭޝަންސްގެ މުވައްޒަފުން މަދުވާ ހާލަތެއްގައި އެހެން އެހެން ޑިޕާޓްމަންޓްތަކުން މުވައްޒަފުން ގެނެސްގެންވެސް މަސައްކަތަށް ފިލް ކޮށްލުން. އެހެންކަމުން އަޅުގަނޑު މި ޔަގީންކުރަނީ ކުންފުނީގެ ކާގޯ އޮޕަރޭޝަންސް މަސައްކަތްތައް ކުރިއަށް ގެންދިއުމަށްޓަކައި މި ޕްރޮގްރާމާއި އެކު މުވައްޒަފުން މަދު ނުވާނެ ކަމަށް." ސީ.އީ.އޯ ވަޖީހް ވިދާޅުވިއެވެ.
ސީ.އީ.އޯ ވަޖީހް އިތުރަށް ވިދާޅުވީ އެމް.ޕީ.އެލްގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ ކާގޯ އޮޕަރޭޝަންސްގެ މަސައްކަތްތަކުގެ އަމަލީ ތަޖުރިބާ ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ހޯދަން ޖެހޭ ކަމަށް ޤަބޫލްފުޅުކުރައްވާ ކަމަށެވެ. އަދި ކުންފުނީގެ ހުރިހާ މުވައްޒަފުންވެސް ކާގޯ އޮޕަރޭޝަންސްގެ އަމަލީ ތަޖުރިބާ ހޯދާ ޕްރޮގްރާމްއެއް ވަރަށް އަވަހަށް ފަށާނެ ކަމަށްވެސް ސީ.އީ.އޯ ހާމަކުރިއެވެ.