ގަވާއިދާ ޚިލާފަށް އއ. މަތިވެރިއަށް އެރުމުން ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރާއި އޭނައާ އެކު އެރަށް ދިޔަ ޓީމްގެ ކޮންމެ މީހަކު 1000 ރުފިޔާ އިން ޖޫރިމަނާކޮށްފި އެވެ.

ފުލުހުން ވިދާޅުވީ މަތިވެރިއަށް ގަވާއިދާ ޚިލާފަށް އެރި 11 މީހަކު މިއަދު ޖޫރިމަނާކޮށްފައިވާ ކަމަށެވެ.

މަތިވެރި ކޮވިޑް ޓާސްކް ފޯސްގެ މެމްބަރަކު ވިދާޅުވީ ޖާބިރަކީ ތަކުރާރުކޮށް އުސޫލުތަކާ ޚިލާފަށް އެރަށަށް ވަޑައިގަންނަވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާ އެރަށުގައި އުޅުއްވަނީ އެޗްޕީއޭގެ އުސޫލުތަކާ ޚިލާފަށް ކަމަށް ވެސް ޓާސްކް ފޯސްގެ މެމްބަރު ވިދާޅުވި އެވެ.

މިއަދު ޖާބިރު ޖޫރިމަނާ ކުރީ ރައްޔިތުންގެ ކަންބޮޑުވުންތައް ހުރުމުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންނަމަވެސް ޖާބިރާއި އަދި އޭނައާ އެކު އެރަށަށް ދިޔަ އެއްވެސް މީހަކު ކޮވިޑަށް ޓެސްޓް ކުރަން އެޗްޕީއޭ އިން ނިންމާފައިނުވާ ކަމަށާއި އޭގެބަދަލުގައި އެމީހުން ރަށުން ފޮނުވާލަން ނިންމާފައިވާ ކަމަށް ޓާސްކް ފޯސްގެ މެމްބަރު ވިދާޅުވި އެވެ.

އެހެންކަމުން ޖާބިރާއި އޭނައާ އެކު އެރަށަށް ދިޔަ މީހުންގެ ފަރާތުން އެރަށުގައި ކޮވިޑް ފެތުރިފައި ހުރުމަކީ އެކަށީގެންވާ ކަމެކެވެ. ރަށުގެ ރައްޔިތުންގެ ކަންބޮޑުވުން މިކަމުގައި އިންތިހާއަށް ހުރިއިރު، އެކަން ހައްލު ކުރުމަށް ކަމާބެހޭ ފަރާތްތައް ވަނީ ނުކުޅެދިފަ އެވެ.