މެންޗެސްޓާ ސިޓީއާއެކު އާ ކޮންޓްރެކްޓެއްގައި ސޮއި ކުރުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާ މިހެން ބުނެފައި މި ވަނީ މި ސީޒަނުގެ ނިޔަލަށް ކޮންޓްރެކްޓު ހަމަވުމުން އޭނާ ސިޓީގެ ކޯޗު ކަމުގެ މަގާމުގައި މަޑުނުކުރާނެ ކަމަށް އެތައް ބަޔަކު ލަފާ ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ. މި އަޑުތަކައް އިތުރު ބާރެއް ލިބުނީ, ސިޓީ ޕްރިމިއާ ލީގު ކާމިޔާބު ކުރި ދުވަސްކޮޅު ގާޑިއޯލާ, އޭނާ އެ ކްލަބުގައި މަޑު ކުރުމަށްވުރެ ނުކުރުން މާ ގާތް ކަމަށް ބުނުމުންނެވެ.
މި ވާހަކަތަކަށް ރައްދު ދީ ގާޑިއޯލާ ބުނި ގޮތުގައި އޭނާ އޭރު ބުނީ ސިޓީއާ ވަކިވާ ދުވަސް ކައިރި ވެއްޖެ ކަމަށް އެކަނި ކަމަށެވެ. ސިޓީ ދޫކޮށްލާނަމޭ ނުބުނަން ކަމަށް ގާޑިއޯލާ ވަނީ ސާފު ކޮށްދީފައެވެ.
"އަހަރެން ބުނީ ސިޓީއަށް އަލްވަދާު ކިޔާ ދުވަސް ކައިރި ވަނީއޭ. ނުބުނަން މި ކްލަބު ދޫކޮށްލަން މިހާރު އެބަ އުޅެމޭ. އަހަރެން ވަރަށް ބޭނުން ސިޓީގަ މަޑުކުރަން. 2025 ވަނަ އަހަރުގެ ކްލަބު ވޯލްޑްކަޕުގެ ސިޓީ ބައިވެރިވާއިރު ކޯޗުގެ ގޮތުގައު ހުންނަށް ވަރަށް ބޭނުން" ސިޓީ ދޫކޮށްލަނީ ކަމަށް ފެތުރޭ އަޑުތަކަށް ރައްދު ދީ ގާޑިއޯލާ ބުންޏެވެ.
2016 ވަނަ އަހަރު މެންޗެސްޓާ ސިޓީގެ ކޯޗުކަމުގެ މަގާމާ ހަވާލުވި ގާޑިއޯލާ ވަނީ އެ ކްލަބު ދުނިޔޭގައި މި ވަގުތު އޮތް އެންމެ ވަރުގަދަ ކްލަބަށް ހަދާފައެވެ. ތާރީހެއް ނެތް ކްލަބެއްގެ ގޮތުގައި ފުޓުބޯޅަ ސަޕޯޓަރުންގެ ތެރޭގައި މަޝްހޫރު ވެފައިވާ ސިޓީގެ ތާރީހުގެ ފޮތްތަކުގައި ގާޑިއޯލާ ވަނީ ރަން އަކުރުން ފަވާލަދީފައެވެ.
ގާޑިއޯލާ ވަނީ, އޭނާ އެ ކްލަބުގައި ހޭދަ ކުރި އަށް އަހަރުގެ ތެރޭގަައި އެ ކްލަބަށް ޖުމްލަ 17 ތަށި ކާމިޔާބު ކޮށްފައެވެ. އޭގެ ތެރޭގައި އެންމެ ފާހަގަކޮށްލެވެނީ 2023 ވަނަ އަހަރު ކާމިޔާބު ކުރި ޗެމްޕިއަންސް ލީގެވެ. އޭގެ އިތުރުން ގާޑިއޯލާ ވަނީ ޖެހިޖެހިގެން ހަތަރު ސީޒަނުގައި ސިޓީއަށް ޕްރިމިއާ ލީގު ކާމިޔާބު ކޮށްދީފައެވެ.