ދިވެހިރައްޔިތުންގެ ފުދުންތެރިކަން އިތުރުކުރުމުގެ ގޮތުން ވަރަށް މުހިންމު އިސްލާހީ އެޖެންޑާއެއް ފަށްޓަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިނިވަންދުވަހުގެ މުނާސަބަތުގައި ރޭ ސޯޝަލް ސެންޓަރުގައި ބޭއްވި މިނިވަން ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ފަރުދީގޮތުން މިނިވަންކަން އިހުސާސްނުވާނަމަ ގައުމުގެ މިނިވަންކަން އެ ފަރުދަކަށް އިހުސާސްނުވާނެ ކަމުގައެވެ. އެގޮތުން މި އިސްލާހީ އެޖެންޑާގެ ދަށުން ސަރުކާރުގެ އެތެރޭގެ ކަންކަން އެކަށީގެންވާގޮތެއްގައި ބައްޓަންކުރެވި، އަމިއްލަ ފަރުދުންނަށް އެފަރާތްތަކުގެ މަސައްކަތުން ފަރުދީ މިނިވަންކަން އިހުސާސްކޮށްދިނުމަށްޓަކައި ކުރައްވަމުންގެންދަވާ މަސައްކަތްތައް އެ މަނިކުފާނު ތަފުސީލުކޮށްދެއްވިއެވެ.
މީގެއިތުރުން އެމަނިކުފާނު ވިދާޅުވީ ގައުމުގެ މިނިވަންކަން ޔަގީންވެގެންދާނީ އިގުތިޞާދީ ސިޔާދަތާއި އަމިއްލަވަންތަކަމުގެ ސިޔާދަތާއި ދިފާއީ ސިޔާދަތު ޔަޤީން ވެގެންކަމުގައެވެ. މި ސަރުކާރުން މި ވީ 8 މަސްދުވަހުގެ ތެރޭގައި މި ހުރިހާ ދާއިރާއަކުން ގިނަ މަސައްކަތްތަކެއްކޮށް އަދި މިހާރުވެސް ކުރަމުން އަންނަކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އެގޮތުން ވަޒީރުންގެ މަޖިލީހުން 17 ބައްދަލުވުމެއް ބާއްވައި 225 ނިންމުމެއް މިހާތަނަށް ނިންމަވާފައިވާކަމަށާއި އިކޮނޮމިކް ކައުންސިލުން 56 ބައްދަލުވުމެއް ބާއްވަވައި 176 ނިންމެވުމެއް ނިންމަވާފައިވާކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން ސޯޝަލް ކައުންސިލުން 16 ބައްދަލުވުމެއް ބާއްވަވައި 48 ނިންމެވުމެއް ނިންމަވައި ތަންފީޒުކުރަން ފަށާފައިވާކަން ވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ މިހުރިހާ ކަމެއް ކުރައްވަނީ އެމަނިކުފާނު ރާއްޖޭގެ ވެރިކަމާ ހަވާލުވެވަޑައިގެން ފުރަތަމަ ރައްޔިތުންނާ މުހާތަބުކޮށް ވިދާޅުވި ފަދައިން ގައުމުގެ މިނިވަކަން ކަށަވަރު ކުރުމަކީ އެމަނިކުފާނުގެ އެންމެ މަތީ ޒިންމާކަމުގައި ދެކެވަޑައިގެންކަމުގައެވެ.