ކުރިއަށް އޮތް ޖީލުތަކުގެ މުސްތަގުބަލަށްޓަކައި، މިގައުމުގެ އިގްތިސާދީ ސިޔާދަތީ މިނިވަންކަން ޔަގީންކުރުމަށް، އުދަރެހުގެ އެންމެ ކޮޅަށް ބެލުމަށް ނުވަތަ ދުރުވިސްނޭ ސިޔާސަތުތައް ގެންގުޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ.

އެމަނިކުފާނު މިހެން އިލްތިމާސް ކުރެއްވީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް 59 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސޯޝަލް ސެންޓަރުގައި ކުރިއަށްދިޔަ މި ޖަލްސާގައި ރައީސް ވަނީ މި ގައުމުގެ އިގްތިސާދު ޑައިވަރ ސިފައިކުރުމަށް ނުވަތަ ސިންދަފާތުކުރުމަށް ގެންގުޅުއްވާ ސިޔާސަތުތައް ހާމަކުރައްވާފައެވެ. އެގޮތުން ހަމައެކަނި ފަތުރުވެރިކަމުގެ ދާއިރާއަށް ބަރޯސާވެފައި އޮތްއޮތުން ނިމުމަކަށް ގެނެސް އެކި ދާއިރާއިން އިގްތިސާދީ ހަރުދަނާކުރުމަށް ކުރަމުންދާ މަސައްކަތްތައް އެމަނިކުފާނު ހިއްސާ ކުރެއްވިއެވެ.

ރައީސް މި މޭރުމުން ދެއްކެވި ވާހަކަފުޅުގައި ވިދާޅުވީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިންޓަނޭޝަނަލް ބަންކަރިންގ ސަރވިސް އަމަލީގޮތުން މިއަންނަ މަހު ފެށޭނެކަމަށެވެ. އަދި މި ހިދުމަތް ފެށޭތާ ފުރަތަމަ 12 މަސް (1 އަހަރު) ގެ ތެރޭގައި ޖީ.ޑީ.ޕީއަށް 400 މިލިއަން ޑޮލަރު އިތުރުވާނެކަމަށާއި، އެކަމުގެ ސަބަބުން ޤައުމުގެ ދަރަނި ކުޑަކުރެވި، ދައުލަތަށް އާމުދަނީ އިތުރުވެ، އިތުރު ވަޒީފާތައްވެސް އުފެދޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ދަނޑުވެރިކަން ފުޅާކޮށް ރާއްޖޭގައި ހެއްދޭ ތަކެތި އިތުރުކުރުމަށް މި ސަރުކާރުން ކުރަމުންދާ މަސައްކަތްޕުޅުތައްވެސް ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވައިފައެވެ.

އަދި ތެލަށް ކުރާ ހަރަދު ކުޑަކުރުމަށް ސްޕެޝަލް އިކޮނޮމިކް ޒޯންގެ ދަށުން ސޯލާ ސިޓީއެއް ގާއިމުކުރުމަށް މިހާރު ޕްރޮޕޯސަލެއް ލިބިފައިވާކަން ފާހަގަކުރައްވައި، އެ މަޝްރޫއުގެ ތެރެއިން 100 މެގަ ވޮޓްގެ ކަރަންޓު އުފެއްދޭނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އަދި މާލެ ސަރަހައްދަށް ބޭނުންވަނީ އެންމެ ގިނަވިޔަސް ގާތްގަނޑަކަށް 150 މެގަވޮޓުކަމުގައި ފާހަގަކުރައްވައި، ސޯލާ ސިޓީއެއް ގާއިމުކުރުމުން މާލެ ސަރަހައްދަށް ބޭނުންވާ ކަރަންޓުގެ ފަންސާސް އިންސައްތަ ކުޑަވެގެންދާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.