ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުގެ ޓްރެފިކް ފްލޯ ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، ސެންޓްރަލް ޕާކު ވަށައިގެން އޮންނަ މަގު (ބަގީޗާ ހިނގުން) އެއްކޮޅަށް ދުއްވޭ މަގަކަށް ބަދަލުކޮށްފިއެވެ.

ޓްރެފިކް މައްސަލަތައް ހައްލުކޮށް، ހުޅުމާލޭގެ މަގުތަކަކީ އެކްސިޑެންޓް މަދު ރައްކާތެރި ތަނަކަށް ހެދުމަށް، ހުޅުމާލޭގެ ޖުމްލަ 11 ސަރަހައްދަކަށް ބަދަލު ގެނެސްފައިވެއެވެ.

އެ ބަދަލުތައް ގެންނަން ނިންމީ، ހުޅުމާލޭގެ ބައެއް މަގުތަކުގައި ޓްރެފިކް ބާރު ބޮޑުވެ ނުރައްކާތެރި އެކްސިޑެންޓްތައް ހިނގަން މެދުވެރިވުމާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތިވާތީ ކަމަށް އެޗްޑީސީއިން ވިދާޅުވިއެވެ. އެގޮތުން، ބަދަލު ގެންނާނެ ސަރަހައްދުތައް ކަނޑައެޅީ ފުލުހުންނާއި އެޗްޑީސީގެ ޑޭޓާތަކަށް ބެލުމަށްފަހު ހުޅުމާލޭގެ މަގުތަކުގެ ތެރެއިން ޓްރެފިކް އެންމެ ބާރުބޮޑުވާ އަދި ނުރައްކާތެރިކޮށް ހުރި ސަރަހައްދުތަކަށް ބަލައިގެންނެވެ.

މި މަގުތަކަށް ގެނައި ބަދަލުތަކާއި އެކު ހުޅުމާލޭގެ ޓްރެފިކް ފްލޯ ވަރަށް ބޮޑަށް ރަނގަޅުވެ، މަގުތަކުގައި ތޮއްޖެހުން ކުޑަވުމުގެ އިތުރުން ވެހިކަލްތަކާއި ހިނގާ މީހުންނަށްވެސް ހުޅުމާލޭގެ މަގުތަކަކީ އަމާން އަދި ރައްކާތެރި ތަނަކަށް ވާނެ ކަމަށް އެޗްޑީސީއިން މައުލޫމާތުދެއެވެ. މީގެއިތުރުން އެޗްޑީސީއިން ވިދާޅުވެފައިވަނީ މި ބަދަލުތަކާއި އެކު ހުޅުމާލެގައި ދުއްވާ ބަސްތަކަށް ވެސް ހުއްޓުމެއް ނެތި އެއް ސްޕީޑެއްގައި ދިޔުމުގެ މަގު ފަހިވެގެންދާނެ ކަމަށް އެޗްޑީސީއިން ވިދާޅުވިއެވެ.

މި ކޯޕަރޭޝަނުން އަބަދުވެސް މަސައްކަތް ކުރަނީ ހުޅުމާލެ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، ލުއިފަސޭހަ ގޮތްތައް މަގުފަހިކޮށްދިނުމަށެވެ.