ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ލ. އަތޮޅަށް ރަސްމީ ދަތުރުފުޅެއް ފައްޓަވައިފިއެވެ.

މި ދަތުރުފުޅު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލާ ހަމަޔަށެވެ. މި ދަތުރުފުޅުގައި ޕޮލިސް ކޮމިޝަނަރ އަލީ ށުޖާއު ލ. އަތޮޅުގެ ބައެއް ރަށްރަށުގެ ކައުންސިލުތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް އަދި އެ ރަށްރަށުގައި މަސައްކަތްކުރާ ފުލުހުންނާ ބައްދަލުކުރައްވާނެއެވެ.

މި ދަތުރުފުޅުގައި، މިއަދު ވަނީ ކޮމިޝަނަރ ވަނީ ލ. އަތޮޅު ކައުންސިލުގެ މެންބަރުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ކޮމިޝަނަރ ވަނީ ރަށްރަށުގެ ކުށުގެ ހާލަތު ދެނެގަނެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރުމާއި ބެހޭގޮތުން މަޝްވަރާ ކޮށްފައެވެ. މީގެއިތުރުން، އެ ރަށުގެ ފުލުުހުންނާ ބައްދަލުކުރައްވައި، ރައްޔިތުންނާ ގުޅިގެން ފުލުހުންގެ މަސައްކަތްތައް ކުރިއަށް ގެންދާ ގޮތް އޮޅުންފިލުއްވައި އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިތުރަށް ކުރެވިދާނެ ކަންކަމާގުޅޭ ގޮތުން މަޝްވަރާކުރައްވާނެއެވެ.

މި ދަތުރުފުޅުގައި ކޮމިޝަނަރގެ އަރިހުގައި، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީއާއި، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަހްމަދު ޝިފާން، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މޫސާ އަލީ، ސައުތު ސެންޓްރަލް ރީޖަން ކޮމާންޑަރ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙްމަދު އަޒްހާން އަދި ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑު އޮފިސަރުން ބައިވެރިވެލައްވައެވެ.