އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އާ ވެބްސައިޓު އިފުތިތާޙުކޮށްފިއެވެ.
މި ކަމަށްޓަކައި ހުކުރު ދުވަހު ބޭއްވި ކުޑަ ރަސްމިއްޔާތެއްގައި ވެބްސައިޓު ލޯންޗުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. ވަޒީރުގެ އަރިހުގައި ވުޒާރާގެ އިސް ބައެއް ބޭފުޅުންނާއި ގިނަ މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ އާ ވެބްސައިޓުގައި ވުޒާރާގެ އެކި ސެކްޝަންތަކުގެ މައުލޫމާތާއި އެކި ކަންކަމާ ގުޅޭ ފޯމުތައް ލިބޭން ހުރެއެވެ. އަދި ހުކުރު ޚުޠުބާތަކާއި ޚުޠުބާ ފޮތްތައް ވެސް ލިބޭން އެބަ ހުށްޓެވެ.މި ވެބްސައިޓުގެ އެންމެ ޚާއްސަ އެއް ކަމަކީ ވެބްސައިޓުގައި ޤާއިމްކޮށްފައިވާ އިސްލާމިކް ވަގުފު އޮންލައިން ލައިބްރަރީއެވެ. މި ލައިބްރަރީއިން ދީނީ ގިނަ ފޮތްތަކެއް ހިލޭ ލިބޭން އެބަ ހުރިކަން ފާހަގަކޮށްލެވެއެވެ.
މި ވެބްސައިޓަކީ އިސްލާމީ އެކި ދާއިރާތަކުން ރާއްޖޭގައި ތަޢުލީމު ޙޞިލުކުރާ ދަރިވަރުން މަޢުލޫމާތު ހޯދުމަށް ޓަކައި ޒިޔާރާތްކޮށްލާން ރަނގަޅު އޮންލައިނު ކުތުބުޚާނާއެކެވެ.