14 ވަނަ ބައި

ކޮންމެވެސް ކަމަކާ ނަވާރު ދެރަވެފައި ހުރިކަމެވެ. އަލީނާއާ ނަވާރާ ދެމެދު ދެކެވުނު ވާހަކަތައް ކޮންމެވެސް ވަރަކަށް ފާޒިލްއަށް އަޑުއިވި އަދި އަލީނާގެ މޫނުމަތީގެ ކުލަވަރުވެސް ފެނިފައިވުމުން އަލީނާ ނަވާރާ ދިމާލަށް ބުނަން ނުޖެހޭ ވާހަކަތަކެއް ބުނެފިކަން ފާޒިލްއަށް ކަށަވަރުވިއެވެ. އެހެންވިޔަސް ފާޒިލް ނިންމީ އެ ދެއަންހެނުންގެ ދެމެދަށް ނުވަދެ ފާޒިލް ދުރުގައި ހުރުމަށެވެ.

އެރޭ ނިދަން އޮވެ އޮވެ ވެސް ނަވާރަކަށް ނުނިދުނެވެ. ނަވާރުގެ ހިތަށް އުދަނގޫތަކެއް ވަނީއެވެ. އަލީނާގެ ޖުމުލަ ތަކުރާރުވެެގެން އައިސް ނަވާރުގެ ކަންފަތަށް ވަންނަނީއެވެ. އެހެން ބުނި ވަގުތު އަލީނާގެ މޫނުމަތިން ފެނުނު ފަތަޙައިގެ ހިނިތުންވުން ކަށިތަކެއްހެން އޭނަގެ މެއަށްހެރެމުން ދަނީއެވެ. އެންމެ ފަހުން އެނދުގެ އަރާމު ތަންމަތިވީ ނަވާރަށް ފިނިފެންމަލުގެ ތައްމައްޗަކަށް ނޫނެވެ. ހޫނާ އުދާހާ ވޭން ލިބެމުން ދިޔަ ތައްމައްޗަކަށެވެ.

ކުއްލިއަކަށް ނަވާރަށް އެނދުގެ މެދަށް ތެދުވެ އިށީނދެވިއްޖެއެވެ. އަދި ދާހިއްލާ ފޯވެ އިނދެ މާނޭވާ ލެވެމުން ދަނީއެވެ. އޭނަގެ މެއަށް ފިތި ނޭވާ ހާސްވަމުން ދަނީއެވެ.

ނަވާރުގެ ނޭވާގެ އަޑަށް ކުރިމަތީ ހުރި އެނދުގައި ނިދިފައި އޮތް ހަފީޒާއަށް ހޭލެވިއްޖެއެވެ. އަދި މަގަތަށް ފުރޮޅި ބޮކި ޖައްސައިލާ ނަވާރަށް ބަލައިލެވުނެވެ. ފުރަތަމަ ހަފީޒާއަށް ކުރެވުނީ ހީއެކެވެ. ނަވާރު އިން ހާލު ފެނުުމުން ހަފީޒާއަށް އެތަނަށް އާދެވުނީ ދުވެފައެވެ.

"ދަރިފުޅާ! ކިހިނެއްވީ! ކިހިނެއްވީ! ... ހާސްވަނީތަ!" ނަވާރުގެ ބޮލުގައި ފިރުމަމުން ގުދުވެ ނަވާރުގެ މޫނަށް ބަލަހައްޓައިގެން އޮތް ހަފީޒާ އެތައް ސުވާލެއް ކުރުމުން ވެސް ނަވާރަކަށް ޖަވާބެއް ނުދެވުނެވެ.

ހަފީޒާ ދުވެ ދިޔައީ ފެންތައްޓެއް ބަލާ ސިޓިންގް ރޫމަށެވެ. އެވަގުތު ނަވާރު ހަމަ ހެއަށް އައިސް މަންމަ ދެވަރާނެ ވަރު ހިތަށް އެރުމުން ވަކިން ކަންބޮޑުވިއެވެ.

"އަވަހަށް ފެންފޮދެއް ބޯލާ! އޭރުން ހަމައަކަށް އެޅިދާނެ!" ނަވާރުގެ ތުނބުގައި ފެންތަށި ޖައްސަމުން ހަފީޒާ ވާހަކަ ދެއްކި އިރުވެސް މަންމަ ބިރުގެންފައިވާ ވަރު ނަވާރަށް ފެނުނެވެ.

"ހުވަފެނެއް ފެނުނީ! ... މިހާރު އޯކޭ!" ފެންތަށި ހަފީޒާ އަތަށް ދިއްކޮށްލަމުން ހިނިތުންވެވޭތޯ މަސައްކަތްކުރަމުން ނަވާރު ބުނެލިއެވެ. އެހެންނަމަވެސް އޮށޯންނަން ނަވާރު ކައިރީ ބުނެފައި ހަފީޒާ އިށީނީ ނަވާރުގެ މަގަތުން އެނދުގައެވެ. އަދި ބިއްދޮށަށް އެނބުރި އޮތް ނަވާރުގެ ބުރަކަށީގައި މަޑުމަޑުން ފިރުމަމުން ދިޔަ ހަފީޒާގެ ދެލޯ ވަނީ އޭރު ކަރުނައިން ފުރިފައެވެ.

ފަތިހު ނަވާރަށް ހޭލެވުނުއިރު މަންމަ އުޅެނީ ފާޚާނާގައެވެ. ހީވާގޮތުން ނަމާދުކުރުމަށް ތައްޔާރުވަނީއެވެ. މަންމަ ނިކުތުމުން ނަވާރުވެސް ވަނީ ފާޚާނާއަށެވެ.

ފަތިސްނަމާދަށް ނަވާރު ތައްޔާރުވަމުން ދިޔައިރު މަންމަ ނިކުމެ އުޅެނީ ސިޓިންގރޫމުގައެވެ. މިގަޑީގައި މަންމަ އިންނާނީ ޤުރުއާން ކިޔަވަންކަން ނަވާރަށް އެނގެއެވެ. ނަމާދަށް ނަވާރު ފެށީވެސް ހިތުގައި ވަކިކަމެއް ކަނޑައަޅަމުންނެވެ. ނަމާދުގެ ކޮންމެ ރަކުޢަތެއްގެ ސަޖީދާގައި ނަވާރު ދުޢާ ކުރަމުން ދިޔައީ އޭނާއަށް ރަނގަޅު ހެޔޮ ވަފާތެރި ހަޔާތުގެ ބައިވެރިއަކު ދެއްވުމަށާ ފާޒިލްއާ މެދު ކުރެވޭ ޚިޔާލު އެއީ ގޯސް ޚިޔާލެއްނަމަ އޭނަގެ ހިތުން އެޚިޔާލު ނެރެ އެއްލާލުމުގެ ހިތްވަރު ދެއްވުމަށެވެ.

ނަމާދުކޮށް ނިންމާލުމަށްފަހު ވެސް މުސައްލަ މަތީ ނަވާރު އިރުކޮޅަކު އިނެވެ. ދެން މަޑުމަޑުން ތެދުވެގެން ގޮސް ވަނީ ސިޓިންގރޫމަށެވެ. ނަވާރު ފެނުމުން މަންމަ ފޯނު އެއްފަރާތުގައި ބޭއްވުމަށްފަހު ދަރިފުޅަށް ފަރުވާތެރިކަމާ އެކު ބަލައިލިއެވެ. އެ ބެލުމުގައިވަނީ ލޯތްބާއެކު ވެސް ކަންބޮޑުވުމެވެ.

"ދަރިފުޅަށް ކޮފީއެއް ހަދައިދެންތަ!" ހަފީޒާ ސުވާލުކުރީ އިން ގޮނޑިން ތެދުވަމުންނެވެ. ނަވާރު އާނއެކޭ ބުނެ ބޯ ޖަހައިލުމުން ހަފީޒާ އުޅުނީ ދެމައިންނަށް ދެތަށި ކޮފީ ހެދުމަށެވެ. އެކަމަކުވެސް ގިނަވަގުތު ނަޒަރު ހުރީ ނަވާރަށެވެ.

ދެ ތަށި ކޮފީ ހިފައިގެން އައިސް ނަވާރަށް އެއްތަށި ދިއްކޮށްލުމަށްފަހު ހަފީޒާ އިށީނީ ނަވާރާ ޖެހިގެން ހުރި ސޯފާ ގޮނޑީގައެވެ.

"ދަރިފުޅު ބަލީތަ!" އަމިއްލަ ދަރިންނަށް އެއްވެސް ބަދަލެއް އައިއްޔާ އެކަން އެންމެ ފުރަތަމަ ފާހަގަ ކުރެވޭނީ އެކުދިންގެ މައިންބަފައިންނަށެވެ.

'ނޫނޭ! ހަމަ ރަނގަޅު! ... އެކަމަކު އަޅުގަނޑު ބޭނުން މަންމައާ ވާހަކައެއް ދައްކާލަން!" ނަވާރު ވާހަކަ ދެއްކީ އޭނާގެ މަންމަގެ މޫނަށް ނުބަލާ އިނދެއެވެ.

"އަވަހަށް ބުނޭ!" ހަފީޒާގެ އަޑުން ފާޅުވީ އިންތިހާ ދަރަޖައިގެ ޝައުގުވެރިކަމެވެ.

"ކުރީ ދުވަހު މަންމަ ބުނީމެންނު ... ހާމިދުބެއާ މަންމަގެ ނިންމުމެއްގެ ވާހަކަ!" އިން ގޮތަށް ޖެހި ބުދެއްހެން އިނދެ ނަވާރު ކުރިއަށްގެންދިޔައީ ހަފީޒާގެ ހޫން އަޑާއެކުގައެވެ.

"އެވާހަކަ މަންމަ ފާޒިލްއާ ދެއްކިންތަ!" މިފަހަރު ނަވާރު މަންމަގެ މޫނަށް ބަލައިލިއެވެ.

"ފާޒިލްއާ އެވާހަކަ ދެއްކުމުން ފާޒިލް އެދުނީ ނަވާރު ބޭނުންވާ ގޮތެއް ބަލަން! އޭގެފަހުން މަންމަ ދަރިފުޅު ކައިރީ އެވާހަކަ ދެއްކީ! ... ކިހިނެއްވީ؟ ފާޒިލް އެއްޗެކޭ ބުނީތަ!" ހަފީޒާ ބޭނުންވީ ވެގެން އުޅޭ ގޮތެއް ސާފުވުމެވެ.

"ފާޒިލް ހަމަ ތިހެން ބުނިތަ!" އަނެއްކާވެސް ނަވާރު ކުރީ ސުވާލެކެވެ.

"އާންއެކޭ! މަންމަ ބުނިން ނަވާރާ މިވާހަކަ ނުދެއްކިޔަސް ފާޒިލް ރުހެންޏާ ނަވާރު ރުހޭނެއޭ! ބުނީމަ ވެސް އެ ސޮރު ބުނީ މިއީ ދެމީހެއްގެ މުޅި ދިރިއުޅުމާ ގުޅުންހުރި ނިންމުމެއްވީމަ ނަވާރު އެދޭ ގޮތަކީ ކޮަބއިތޯބެލުން ވަރަށް މުހިންމު ކަމަށޭ!"

ހަފީޒާގެ ވާހަކައިން ފާޒިލް ދިން ޖަވާބު އޮޅުން ފިލުމުން ނަވާރުގެ ހިތުގައި ފާޒިލްއަށްޓަކައި އަނދަމުން ދިޔަ އަލިފާންގަނޑު ކޮންމެވެސް ވަރަކަށް ފިނިވެގެން ދިޔަކަން ނަވާރަށް އިހުސާސްކުރެވުނެވެ. އެހެންވިޔަސް މަންމައަށް ޖަވާބު ދިނުމުގައި އަނެއްކާވެސް ދެވަނަ ފަހަރަށް ނަވާރު ވިސްނައިލިއެވެ.

"އަހަރެން ހާމިދުބެއާ މަންމަގެ ތި ނިންމުމާ ރުހި ގަބޫލު!" އެއީ އަސަރެއް ނެތް މަޑުމައިތިރި ޖަވާބެކެވެ.

ހަފީޒާ ބަލައިލީ އަމިއްލަ ދެލޯ ފަދަ ލޯބިވާ ދަރިފުޅުގެ މޫނަށެވެ. މަންމަ އިނީ ނަވާރަށް ބަލަހައްޓައިގެންކަން އެނގުމުން ނަވާރު ހިނިތުންވެލަން މަސައްކަތްކުރިއެވެ. އަދި އެކަން ކާމިޔާބުވެސް ވިއެވެ.

އެހެން ދުވަސްދުވަހަށްވުރެ އަވަހަށް ނަވާރު ޑިއުޓީއަށް ދާން ނިކުތީ ސަބަބެއް އޮވެގެންނެވެ. ފާޒިލްގެ ސައިކަލު ފަހަތުގައި ހިލޭ އަންހެނަކު އިންނަތަން ދެކެން ބޭނުން ނުވާތީއެވެ. އެ ވެސް އަދި އަލީނާއެވެ.

ނަވާރު ނިކުމެ ދޮރު ލެއްޕުމާއެކު ހަފީޒާ ނެގީ އޭނަގެ ފޯނެވެ. ގުޅީ ފާޒިލްއަށެވެ.

"ދަރިފުޅާ ކޮބާތަ އައިޝާ! ... ދަރިފުޅަށް އެނގޭތަ ނަވާރުގެ ޖަވާބު ލިބިއްޖޭ!" ހަފީޒާ ހީކުރީ ފާޒިލް ހުންނާނީ އެ ޚަބަރަށް ކެތްނުލަވައިގެން ކަމަށެވެ.

"އައިޝާ ތިގެއަށް ދާން ތައްޔާރުވަނީ! އިރުކޮޅަކުން ދާނެ!" ފާޒިލް ނަވާރާ ބެހޭގޮތުން އިތުރަށް އެއްވެސް އެއްޗެއް ނޭހުމުން ހަފީޒާގެ ކަރުއެލޭގޮތްވެއްޖެއެވެ.

"އޯކޭ އައިޝާ ފޮނުވާ!" ހަފީޒާގެ އަޑުން ފާޒިލްއަށް ހިތްހަމަ ނުޖެހުން ފާހަގަ ކުރެވުނެވެ. އަމުދަކުން ނަވާރު ބުނި އެއްޗެއް އަހަން ފާޒިލްއަށް ނުކެރުނީ ނަވާރު ދޭނީ ކިހާ ގޮތްދޫނުކުރާ ޖަވާބެއްކަން ފާޒިލްއަށް އެނގޭތީއެވެ. އަދި ހަމަ ރޭގަ ނަވާރާ އަލީނާއާ ދެމެދު ހިނގި ކަންތަކަށްފަހު ނަވާރު ހުންނާނީ މާބޮޑަށް ވެސް ހިތްހަމަ ނުޖެހިކަން ޔަގީންކުރެވޭތީއެވެ.

އަލީނާ ގުޅުމުގެ ކުރިން މިއަދު ފާޒިލް ޑިއުޓީއަށް ނައްޓާލައިފިއެވެ. އޮފީހަށް ފާޒިލްއާ ވަދެވުނުއިރު ހަތަރު ފަސްފަހަރު އަލީނާގެ ކޯލް އަތުވެއްޖެއެވެ. އެހެންނަމަވެސް ފާޒިލް އަޅައެއް ނުލިއެވެ. ޚުދު ފާޒިލް ވެސް އެހެރީ އަލީނާ ކަންތައްކުރި ގޮތުން ހިތްހަމަ ނުޖެހިފައެވެ.

އެދުވަހު އޮފީސް ނިމުމުގެ ކުރިން އަލީނާ އެތައް މެސެޖެއްކުރިއެވެ. ވެގެންއުޅޭ ގޮތެއް ސާފު ނުވެގެންނެވެ. ފާޒިލް އޭނަގެ ފޯނުކޯލުތަކަށް ޖަވާބު ނުދީގެންނެވެ.

"މިދުވަސްކޮޅު އަހަރެން ވަރަށް ބިޒީ! އެއްވެސް މީހަކަށް ވަގުތު ހުސްކުރެވެން ނެތީ! ސޮރީ އަލީނާ!" އެންމެ ފަހުން ފާޒިލް މެސެޖު ލިޔެ ފޮނުވައިލިއެވެ. ތެދެކެވެ. ކުރީ ދުވަހުވެސް ކުރިއަށް އޮތްދުވަސްކޮޅު ވަރަށް ބިޒީ ވާނެ ވާހަކަ ފާޒިލް އޮތީ ބުނެފައެވެ. އެހެންކަމުން ފާޒިލްއާ ނަވާރުގެ މަންމައާ ދެމެދު ދެކެވުނު އެއްވެސް ވާހަކައެއްގެ ހިލަމެއް އަލީނާ އަކަށް ނުވެއެވެ. އެކަހަލަ ޝައްކެއް ވެސް ނުހިނގައެވެ. އެކަމަކު އަލީނާ އެއީ ފާޒިލްއަށް "އެއްވެސް" މީހެއްހެއްޔެވެ! އައި ރުޅިންނާ ވީ ދެރައިން އަލީނާގެ އަނގާގައި ހުރި ހުރިހާ ދަތެއް ފުނޑުފުނޑުވިކަހަލައެވެ.

މަންމައަށް ޖަވާބުދިނުމަށްފަހު ނަވާރުހުރީ ވަރަށް ހަމަ ޖެހިަފއެވެ. އުންމީދުކުރީ ފާޒިލްގެ ކޮންމެވެސް އިޝާރާތެއް ލިބޭނެކަމަށެވެ. ކައިވެންޏާ ބެހޭގޮތުން ވާހަކަަ ދައްކަން ފާޒިލް ގުޅާނެ ކަމަށެވެ. އެރޭ ދިހައެއް ޖެހިއިރުވެސް ފާޒިލްގެ ޚަބަރެއް ނުވިއެވެ. އައިޝާ ފޮނުވަން ފާޒިލް ގުޅީ ނަވާރު ނަމާދަށް ހުއްޓައެވެ. އެހެންކަމުން ދިހައެއްޖެހުމުން ނަވާރު ނިންމީ ޚުދު ނަވާރު ފާޒިލްއާ ބައްދަލުކުރުމަށެވެ. ދިހަގަޑިބައިވާއިރު ގައިމު އައިޝާ ވެސް އޮންނާނީ ނިދާފައެވެ. އޭރުން ނަވާރު ބޭނުން އެއްޗެއް ފާޒިލްއާ ދިމާއަށް ގޮވައިލެވޭނެއެވެ.

ފާޒިލްއާ ދައްކާނެ ވާހަކައާ ވާހަކަދައްކާނެ މޭރުމާ ހުރިހާ އެއްޗެއް ނަވާރުގެ ހިތުގައި ލިޔެ ކުރަހާ ނިންމައިލިއެވެ. އެއަށްފަހު ނަވާރު ހިނގައިގަތީ ފާޒިލްގެ ކޮޓަރިހުންނަ ދެވަނަ ފަންގެފިލާއަށް ދިއުމަށެވެ.

ލިފްޓް މަޑުކުރުމުން އަނެއްކާވެސް ހަމަޖެހުމުގެ ނޭވާއެއް ބޭރުކޮށްލުމަށްފަހު ރަނގަޅަށް ހަމަޖެހިލިއެވެ. ލައިގެން ހުރި ހެދުން ރަނގަޅުކޮށްލާ ޝޯލްވެސް ރީތިކޮށްލިއެވެ. ދެން ވަރަށް ހަމަ ޖެހިލައިގެން ކުރިއަށް ގޮސް ފާޒިލްގެ ކޮޓަރީގެ ތަޅުގައި ހިފައި އަނބުރައިލާން ތައްޔާރުވިއެވެ. ތަޅުގައި ހިފެވުނުވެސް މެއެވެ. އެކަމަކު ދެވަނަ ސިކުންތުގައި ތަޅުން އަތްދޫކޮށްލާ ފަހަތަށް ފިޔަވަޅެއް އަޅާއިލެވުނެވެ.

"އޭރުވެސް އަހަންނަށް އެނގުނޭ އަސްލު ފާޒިލް ބިޒީ ނޫންކަން! .... ކީއްވެގެންތަ ތިހާ ވަރަށް އަހަރެން އިގްނޯރ ތިކުރަނީ މިހާރު!" އަލީނާ ދެއްކި ވާހަކަ ވަރަށް ސާފުކޮށް ނަވާރަށް އަޑު އިވުނެވެ. އެއީ ލޯތްބާ ޝަކުވާއިން ފުރިފައިވާ އަޑެކެވެ. އެހެންނަމަވެސް ޖަވާބުގައި ފާޒިލް އެއްވެސް އެއްޗެއް ބުނި އަޑެއް ނީވުނެވެ.

"ފާޒިލްއަށް ވަރަށް ރަނގަޅަށް އެނގޭނެ އަހަރެން ފާޒިލްއާއެކު ވަގުތު ހޭދަކުރަން ބޭނުންވަނީ ކީއްވެގެންކަން!" މިފަހަރު އެއަޑުގައިވަނީ މާޔޫސީއެވެ.

"އަޅެ ހެޔޮނުވާނެ ފާޒިލް! އެއްޗެކޭ ބުނެބަލަ! ... ކޮންމެވެސް ވާހަކައެއް ދައްކަބަލަ!" އަލީނާ ރޮނީއެވެ.

"އަހަރެން ކީކޭ ބުނާނީ! ... އަހަންނަށް އަލީ ތިބޭނުންވެގެން އުޅޭ ކަމަށް އާނއެކޭ ބުނެވޭކަށް ނެތް! ސޮރީ!" ފާޒިލް ވާހަކަ ދެއްކީ ވަރަށް މަޑުންނެވެ. އެ އަޑުގައިވަނީ މަޑުމަތިރި ކަމާއެކުވެސް ވިސްނައިދޭ ރާގެެވެ. ފާޒިލްގެ އަޑު މަޑުމަކުން ނަވާރަކަށް ފާޒިލް ދެއްކި ވާހަކައެއް ސާފެއް ނުވިއެވެ. އެނގުނު ވަރަކީ ފާޒިލް ވެސް ވާހަކަ އެބަ ދައްކާކަމެވެ.

"ސޮރިއޭ! ބުނަން ވަރަށް ފަސޭހަދޯ! އެކަމަކު ފާޒިލްއަށް އެނގޭތަ؟ ... އެނގޭތަ އަހަރެންގެ މި ހިތުގައި އަޅާ ވޭން!" އަލީނާ ހަގީގަތުގައި ވެސް ރޮނީހެއްޔެވެ! ނަވާރުގެ ހިތުގައި ހަމްދަރުދަރުދީ އުފެދުނެވެ.

"އަހަރެން ކީއްކުރާނީ! އަހަރެން އަބަދުވެސް އަލީ ދެކެމުން އައީ ގާތް ރައްޓެއްސެއްގެ ގޮތުގައި... އެ ނޫން ނަޒަރަކުން ނުދެކެން.!" އަނެއްކާވެސް ފާޒިލް ހަގީގަތް ހާމަކުރެވޭތޯ މަސައްކަތްކުރިއެވެ. ބުނަން ބޭނުންވެ ނުބުނެވިފައި އޮތްވާހަކަ ފާޒިލްގެ ދުލާހަމައަށް ގެނައުން އެއީ ވެސް ފަސޭހަކަމެއް ނޫނެވެ.

"ނުވާނެ ތިހެންނެއް! އަހަންނަށް އެނގޭ ތީ އެ ޑަކްޓަރަކާ ދިމާވިފަހުން ވެގެން އުޅޭ ގޮތެއްކަން! ރޭގަވެސް އަހަންނަށް ފެނުނޭ އޭނަ އަހަންނާ ދިމާއަށް ޖެއްސުންކުރިތަން ވެސް ފާޒިލްއަށް ފެނުނުކަން! އަޅާ ވެސް ނުލާ ހުރީނު! އަހަރެން ދުޢާ ކުރާނަން ތި ދެމީހުން ކުރެ އެކަކަށް ވެސް އުފަލެއް ނުލިބުން އެދި!" މިފަހަރު އަލީނާގެ އަޑުގައިވަނީ ރުޅިވެރިކަމެވެ. ނަފްރަތެވެ. އެންމެ ފަހުން އެ ދެމެދަށް ނަވާރު ވެސް ވެއްދީއެވެ.

"މިތާގަ ނެތް މީހުންގެ ވާހަކަ ނުދައްކާ! އެހެންނޫނަސް އެއީ އަހަރެންގެ ދޮންމަންމަގެ ދަރިއެއް! އެ ނޫން ނަޒަރަކުން އަހަންނެއް އޭނައާ މެދަކު ނުވިސްނަން!" މިފަހަރު ފާޒިލްގެ އަޑު ވަރަށް ރަނގަޅަށް ނަވާރަށް އިވުނެވެ.

-ނުނިމޭ-