އުރީދޫ މޯލްޑިވްސްގެ މިއަހަރުގެ އަހަރީ އާންމު ޖަލްސާ މިއަހަރު މާރިޗުމަހުގެ 2 ވަނަ ދެވަހުގެރޭ ބޭއްވުމަށް ނިންމައިފިއެވެ. އުރީދޫން ވިދާޅުވެފައިވަނީ މި ޖަލްސާ އޮންނާނީ އެރޭ 8:30 ގައެެވެ. ޖަލްސާ ކުރިއަށްދާނީ މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް (އެމް.އެސް.ޑީ) ގެ އޮންލައިން ޖެނެރަލް މީޓިންގ މެނޭޖްމަންޓް ސިސްޓަމް ކަމުގައިވާ “ފަހިވޯޓު” މެދުވެރިކޮށް ކަމަށް ވެސް އުރީދޫން ވިދާޅުވެފައިވެއެވެ.
މިއަހަރުގެ އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވޭނީ 28 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 8:30 އާ ހަމައަށް ޖަލްސާގައި ބައިވެރިވުމަށް ރެޖިސްޓަރ ކޮށްފައިވާ މީހުންނަށް އެކަނި ކަމަށް އުރީދޫން ވިދާޅުވެފައިވެއެވެ.
ޖަލްސާގެ އެޖެންޑާގެ ގޮތުގައި ހިމެނިފައިވަނީ:
އެޖެންޑާ އައިޓަމް 1: ކީރިތި ޤުރުއާން
އެޖެންޑާ އައިޓަމް 2: ޗެއަރމަން، މިސްޓަރ އެންޑްރޫ ތޫރ އޮޑްވާރ ކްވަލްސެތްގެ ވާހަކަފުޅު ދެއްކެވުން
އެޖެންޑާ އައިޓަމް 3: 2 މާރިޗު 2020 ވީ ހޯމަ ދުވަހު ބާއްވާފައިވާ އަހަރީ އާންމު ޖަލްސާގެ ޔައުމިއްޔާ ފާސްކުރުން
އެޖެންޑާ އައިޓަމް 4: މެނޭޖިންގ ޑިރެކްޓަރ އަދި ޗީފް އެގްޒެކެޓިވް އޮފިސަރ، މިސްޓަރ ނަޖީބް ޚާންގެ ވާހަކަފުޅު ދެއްކެވުން
އެޖެންޑާ އައިޓަމް 5: 2020 ވަނަ އަހަރުގެ އޮޑިޓްކޮށްފައިވާ މާލީ ހިސާބުތަކާއި އޮޑިޓަރުންގެ ރިޕޯޓު ފާސްކުރުން
އެޖެންޑާ އައިޓަމް 6: 2020 ވަނަ އަހަރުގެ ކުންފުނީގެ ޑިރެކްޓަރުންގެ ރިޕޯޓު ފާސްކުރުން
އެޖެންޑާ އައިޓަމް 7: 2021 ވަނަ އަހަރަށް އޮޑިޓަރުން އައްޔަންކޮށް، އޮޑިޓަރުންގެ އުޖޫރަ ކަނޑައަޅައި ފާސްކުރުން
އެޖެންޑާ އައިޓަމް 8: 2020 ވަނަ އަހަރުގެ ޑިވިޑެންޑުގެ ގޮތުގައި ބަހާނެ ފައިސާ ކަނޑައަޅައި ފާސްކުރުން
އެޖެންޑާ އައިޓަމް 9: ހިއްސާދާރުންގެ މަޝްވަރާކުރުން
އެޖެންޑާ އައިޓަމް 10: ޖަލްސާ ނިންމުން
އެޖެންޑާއާ ގުޅޭ އިތުރު ތަފްޞީލާއި މަޢުލޫމާތު އުރީދޫ މޯލްޑިވްސްގެ ވެބްސައިޓު http://www.ooredoo.mv/investors/ އިން ލިބިވަޑައިގަންނަވާނެއެވެ.
އުރީދޫ މޯލްޑިވްސްގެ ހިއްސާދާރެއްގެ ގޮތުގައި 15 ފެބްރުއަރީ 2021 ވާ ހޯމަ ދުވަހުގެ މެންދުރު 2:30 ގެ ކުރިން ރަޖިސްޓަރީވެފައިވާ ފަރާތްތަކަށް މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވޭނެއެވެ. އަމިއްލަފުޅަށް ނުވަތަ ޕްރޮކްސީ މެދުވެރިކޮށް ބައިވެރިވެލައްވާ ފަރާތްތަކަށް، ކޮންމެ އެޖެންޑާ އައިޓަމަކަށް 1 (އެކެއް) ވޯޓު ލިބިވަޑައިގަންނަވާނެ ކަމަށް އުރީދޫން ވިދާޅުވެފައިވެއެވެ.
މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވުމަށް ޝަރުތުހަމަވާ ހިއްސާދާރުން، ޖަލްސާގައި ބައިވެރިވެވަޑައިގަތުމަށް "ޕްރީ-ރެޖިސްޓްރޭޝަން ފޯމު" އަދި ޕްރޮކްސީއެއް އައްޔަން ކުރައްވާނަމަ "ޕްރޮކްސީ ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ. އަދި، ހުށަހަޅުއްވާފައިވާ ޕްރޮކްސީ ބާތިލުކުރައްވަން ބޭނުންފުޅުނަމަ "ޕްރޮކްސީ ރީވޮކޭޝަން ފޯމު" ފުރުއްވުމަށްފަހު ހުށަހެޅުއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ. ރަޖިސްޓަރ ކުރެއްވުމަށް އެމް.އެސް.ޑީގެ އޮންލައިން ސިސްޓަމް "އިންފިނިޓީ" https://infinity.mv/ މެދުވެރިކޮށް ނުވަތަ ފޯމު ހުށަހަޅުއްވައިގެން ރަޖިސްޓަރ ކުރެއްވޭނެއެވެ. ފޯމުތައް ފުރުއްވުމަށްފަހު 28 ފެބްރުއަރީ 2021 ވާ އާދީއްތަ ދުވަހުގެ ރޭގަނޑު 8:30 ގެ ކުރިން [email protected] އަށް އީލެމެއިލް ފޮނުއްވުމަށް ވެސް ވަނީ އެދިވަޑައިގެންފައެވެ.
ޕްރީ-ރެޖިސްޓެރޭޝަން ފޯމު، ޕްރޮކްސީ ފޯމު އަދި ޕްރޮކްސީ ރީވޮކޭޝަން ފޯމު، އުރީދޫގެ ވެބްސައިޓް http://www.ooredoo.mv/investors/ އިން ލިބިވައިޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވެއެވެ.
މި އަހަރީ އާންމު ޖަލްސާގައި ބައިވެރިވެވަޑައިގަންނަވަން ބޭނުންފުޅުވާ ހިއްސާދާރުން (ޕްރީ-ރެޖިސްޓަރ ކުރައްވާފައިވާ ބޭފުޅުންނާއި ޕްރޮކްސީ ލިބިވަޑައިގެންފައިވާ ބޭފުޅުން) ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ ދުވަހުގެ (2 މާރިޗު 2021 ވާ އަންގާރަ ވަނަ ދުވަހުގެ) ރޭގަނޑު 8.15 އާއި 8.30 އާ ދެމެދު، ލިބިވަޑައިގަނެފައިވާ ލޮގިން މަޢުލޫމާތު ބޭނުންކުރައްވައިގެން، ފަހިވޯޓު ސިސްޓަމަށް ވަދެވަޑައިގެންނެވުމަށް ވެސް އުރީދޫން އެދިވަޑައިގެންފައިވެއެވެ.