ސުވާލު:
ދަރިއަކު ދެއްވުމަށް އެދި ކުރުން އެންމެ ރަގަޅު ދުޢާ އަކީ ކޮބާ؟ މިދުޢާ ކުރުން އެންމެ ރަގަޅު ވަގުތަކީ ކޮބާ؟
ޖަވާބު:
(ޖަވާބު ދެއްވީ ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް)
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ދަރިއަކަށް އެދި ދުޢާ ކުރުން:
ޒަކަރިއްޔާ ޢަލައިހިއްސަލާމް ގެ ދުޢާ މިކަމުގައި ވަރަށް މުހިއްމެވެ. އެކަލޭގެފާނު ދުޢާގައި ވިދާޅުވިކަމަށް ކީރިތި ޤްރުއާނުގައި އައިސްފައިވެއެވެ. ( رَبِّ لا تَذَرْنِي فَرْدًا وَأَنْتَ خَيْرُ الْوَارِثِينَ ) سورة الأنبياء 89 މާނައަކީ: " ހައްދަވާ ގެންގުޅުއްވާ އިލާހެވެ. ދަރިއަކު ނެތް އެކަނިވެރިޔަކު ކަމުގައި މިއަޅާ ނުލައްވާފާނދޭވެ! އިބަ ﷲ އީ ދިރިދެމިވޮޑިގެންވާ އިލާހެވެ." އަދިވެސް އެކަލޭގެފާނު ދުޢާ ކުރެއްވިއެވެ. ( رَبِّ هَبْ لِي مِنْ لَدُنْكَ ذُرِّيَّةً طَيِّبَةً إِنَّكَ سَمِيعُ الدُّعَاءِ) سورة آل عمران 38 މާނައަކީ: " ހައްދަވާ ގެންގުޅުއްވާ އިލާހެވެ! އިބަ ﷲ ގެ ހަޟްރަތުން ހެޔޮ ވެގެންވާ ދަރިފަސްކޮޅެއް މިއަޅާ އަށް ދެއްވާފާނދޭވެ! ހަމަކަށަވަރުން އިބަ ﷲ އީ އަޅުތަކުންގެ ދުޢާ އައްސަވާވޮޑިގެންވާ އިލާހެވެ."
ދަރިން ނުލިބުމުގެ މައްސަލަ ކުރިމަތިވެފައިވާ މީހުންނަށް ޒަކަރިއްޔާ ޢަލައިހިއްސަލާމް ގެ ވާހަކައިގައި ގިނަގުނަ ޢިބްރަތްތަކެއްވެއެވެ. އެހެންކަމުން ކީރިތި ޤްރުއާނުގެ آل عمران ސޫރަތުގެ 37 ވަނަ އާޔަތުން 41 އާޔަތާއި سورة مريم ގެ 2 ވަނަ އާޔަތުން 11 ވަނަ އާޔަތާއި سورة الأنبياء ގެ 89 ވަނަ އާޔަތުން 91 ވަނަ އާޔަތުގެ ދިވެހި ތަރުޖަމާ ބައްލަވާ ލެއްވުން މުހިއްމެވެ.
މީގެއިތުރުން އިބްރާހީމް ޢަލައިހިއްސަލާމް އާއި ސާރާ ޢަލައިހައްސަލާމް ގެ ވާހަކަވެސް ކިރިތި ޤްރުއާނުގެ އިބްރާހީމް ސޫރަތުގެ 39 ވަނަ އާޔަތުގައި ބަޔާން ކުރައްވާފައި ވެއެވެ. އިބްރާހީމް ޢަލައިހިއްސަލާމް ވިދާޅުވިކަމަށް ޤްރުއާނުގައި އައިސްފައިވެއެވެ. ( الْحَمْدُ لِلَّهِ الَّذِي وَهَبَ لِي عَلَى الْكِبَرِ إِسْمَاعِيلَ وَإِسْحَاقَ إِنَّ رَبِّي لَسَمِيعُ الدُّعَاءِ ) سورة إبراهيم 39 މާނައަކީ: " އެންމެހައި ޙަމަދުތަޢުރީފު ހުރީ ﷲ އަށެވެ. އެކަލާނގެއީ މި އަޅާ މުސްކުޅިވީ ދުވަހުގައި އިސްމާއީލާއި އިސްޙާޤު ދެއްވި އިލާހެވެ. ހަމަކަށަވަރުން އަޅުގެ ވެރިރަސްކަލާނގެއީ ދުޢާ އައްސަވާ އިޖާބަކުރައްވާ ރަސްކަލާނގެއެވެ."
މުސްލިމުންނަށް ކޮންމެ ކަމެއް ދިމާވި ކަމުގައިވީ ނަމަވެސް ﷲ ގެ ޤަޟާޤަދަރަށް އީމާންވެ، ކެއްތެރިވާންޖެހެއެވެ. އެކަމަށްއެދި ދުޢާ ކުރުމާއިއެކު މަސައްކަތްވެސް ކުރަންޖެހެއެވެ. ބައްޔެއް ހުރިނަމަ އެބައްޔަކަށް ފަރުވާ ކުރަންވެސް ޖެހެއެވެ. އެއަށްފަހުގައި އޭނަގެ މުޅި ޢުމުރުގައި ދަރިއަކު ނުލިބި ހުންނަންޖެހުނުކަމުގައި ވީނަމަވެސް އެގޮތަކީ ފަހަރުގައި ދަރިއަކު ލިބުމަށްވުރެ އޭނައަށް ހެޔޮކަންބޮޑު ގޮތް ކަމުގައިވެސް ވެދާނެއެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާ ކޮންމެ ކަމެއްވެސް ނިންމަވަނީ އެތަކެއް ޙިކްމަތްތަކަކާއެކުގައެވެ. ( لِلَّهِ مُلْكُ السَّمَوَاتِ وَالأَرْضِ يَخْلُقُ مَا يَشَاءُ يَهَبُ لِمَنْ يَشَاءُ إِنَاثًا وَيَهَبُ لِمَنْ يَشَاءُ الذُّكُورَ أَوْ يُزَوِّجُهُمْ ذُكْرَانًا وَإِنَاثًا وَيَجْعَلُ مَنْ يَشَاءُ عَقِيمًا إِنَّهُ عَلِيمٌ قَدِيرٌ) سورة الشورى 49-50 މާނައީ: " އުޑުތަކާއި ބިން މިލްކުވެވޮޑިގެންވަނީ މާތްﷲ އަށެވެ. އެކަލާނގެ، އިރާދަކުރައްވާ އެއްޗެއް ޚަލްޤުކުރައްވަތެވެ. އަދި އެކަލާނގެ، އިރާދަކުރައްވާ ބަޔަކަށް އަންހެން ދަރިން ދެއްވަތެވެ. އަދި އެކަލާނގެ، އިރާދަކުރައްވާ ބަޔަކަށް ފިރިހެން ދަރިން ދެއްވަތެވެ. ނުވަތަ އެބަޔަކަށް ފިރިހެން ކުދިންނާއި އަންހެން ކުދިން ދެއްވަތެވެ. އަދި އަދި އެކަލާނގެ، އިރާދަކުރައްވާ ބަޔަކު، ދަރިން ނުލިބޭ ބަޔަކު ކަމުގައި ލައްވަތެވެ. ހަމަކަށަވަރުން އެކަލާނގެއީ ދެނެވޮޑިގަންނަވާ ކުޅަދުންވަންތަ ކަލާނގެއެވެ."
(ނޯޓް ލިޔުމުގެ އަސްލު ނެގިފައިވަނީ ދިއިސްލާމް.ކޮމްއިންނެެވެ).