ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ޓަކައި މޯލްޑިވްސް މާކެޓިބް އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) އާއި ދަ ނޭޝަނަލް ހޮޓެލް އެންޑް ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެންއެޗްޖީއޭއެމް) އިން އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ދެ ފަރާތުން ސޮއިކުރި މި އެއްބަސްވުމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ރާއްޖޭގެ މަގްބޫލުކަން އިތުރު ކުރުމުގެ މަސައްކަތްތަށް ކުރުމަށް ޓަކައި ސޮއިކުރި އެއްބަސްވުމެކެވެ.
މި އެއްބަސްވުމުގައި އެމްއެމްޕީއާރްސީގެ ފަރާތުން ސޮއިކުރީ, އެ ކޯޕަރޭޝަނުގެ ޗީޕް އެގްޒެކަޓިން އޮފިސާރ އަދި މެނޭޖިން ޑިރެކްޓާރ, އިބްރާހީމް ޝިއުރީއެވެ. އެންއެޗްޖީއޭއެމްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ, އެ އެސޯސިއޭޝަންގެ ނައިބު ރައީސް އަހްމަދް ވަހީދެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އެމްއެމްޕީއާރްސީގެ ސީއީއޯ އިބްރާހީމް ޝިއުރީ ވަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއަށް މަންފާ ކުރާ މި ފަދަ އެއްބަސްވުމެއް ވެވުނީތީ ހިތްހަމަޖެހޭ ކަމަށް ހާމަކޮށްފައެވެ.
"އެންއެޗްޖީއޭއެމްއާ ގުޅިގެން ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރަމުން އަންނަ މާކެޓުތަކަށް އަމާޒުކޮށްގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސަައްކަތްތައް ފެށުމަށް މި ތިބީ ތައްޔާރަށް. އަމާޒަކީ އެންއެޗްޖީއޭއެމްއާ ގުޅިގެން ފަތުރުވެރިންގެ ތެރޭގައި ރާއްޖެ މަގްބޫލް މަންޒިލަކަށް ހެދުން" އިބްރާހީމް ޝިއުރީ ބުންޏެވެ.
މި އެއްބަސްވުމުގެ ދަށުން އެންއެޗްޖީއެމްއިން ދާނީ, ފަތުރުވެެރިކަމާ ގުޅިގެން ބާއްވާ ފެއާ ތަކާއި އެހެނިހެން އިވެންޓުތަކުގައި ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތްތައް އިތުރަށް ފުޅާ ކުރަމުންނެވެ.