ވޯރލްޑް ޓްރޭޑް އޮގަނައިޒޭޝަން – ޑަބްލިޔުޓީއޯގެ އެންމެ އިސް ވެރިޔަކަށް ފުރަތަމަ ފަހަރަށް އެފްރިކާގެ ކަޅު ނަސްލުގެ އަންހެން ބޭފުޅަކު އައްޔަން ކޮށްފިއެވެ.
ހޯމަދުވަހު ބޭއްވި ޑަބްލިޔުޓީއޯގެ ވާޗުއަލް ސްޕެޝަލް ޖެނެރަލް ކައުންސިލް މީޓިންގައި، މެމްބަރު ގައުމުތަކުން ޑަބްލިޔުޓީއޯގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމަށް އައްޔަންކުރީ އެފްރިކާގެ ގައުމެއް ކަމަށްވާ ނައިޖީރިއާގެ ކުރީގެ ފިނޭންސް މިނިސްޓަރ އަދި އިކޮނިމިސްޓް އެންގޯޒީ އޮކޮންޖޯ-އިވެއާލާއެވެ.
އުމުރުންފުޅުން 66 އަހަރުގެ އެންގޯޒީ އޮކޮންޖޯ-އިވެއާލާއަކީ މީގެކުރިންވެސް ތަފާތު އެކި މަގާމުތަކުގައި ޑަބްލިޔުޓީއޯއަށް ޚިދުމަތް ކުރައްވާފައިވާ މޮޅު އިކޮނޮމިސްޓެކެވެ.
އޭނާ ވެވަޑައިގެންނެވީ ވޯރލްޑް ޓްރޭޑް އޮގަނައިޒޭޝަންގެ އެންމެ ވެރިޔަކަށް އައްޔަން ކުރެވުނު އެފްރިކާގެ ކަޅު ނަސްލުގެ ފުރަތަމަ ބޭފުޅާއަށެވެ. އަދި އޭނާ ވެވަޑައިގެންނެވީ، އެ އޮގަނައިޒޭޝަންގެ ވެރިޔަކަށް އައްޔަން ކުރެވުނު އެންމެ ފުރަތަމަ އަންހެން ބޭފުޅާއަށްވެސް މެއެވެ.
އެންގޯޒީ އޮކޮންޖޯ-އިވެއާލާ، ވޯރލްޑް ޓްރޭޑް އޮގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނެރަލްގެ މަގާމާ ހަވާލުވެވަޑައި ގަންނަވާނީ އަންނަ މާޗްމަހުގެ 1 ވަނަ ދުވަހުއެވެ. މަގާމުގެ މުއްދަތު ހަމަވާނީ 2025 ވަނަ އަހަރުގެ އޮގަސްޓްމަހުގެ 31 ވަނަ ދުވަހުއެވެ. މިއީ، މުއްދަތު އައުކުރެވޭ މަގާމެކެވެ.
އެންގޯޒީ އޮކޮންޖޯ-އިވެއާލާ، ޑަބްލިޔުޓީއޯގެ ވެރިޔާގެ މަގާމާ ހަވާލުވެވަޑައި ގަންނަވާ މި ދަނޑިވަޅަކީ، ޑަބްލިޔުޓީއޯ ވަރަށް ނާޒުކު ހާލަތެއްގައި އޮތް ދަނޑިވަޅެކެވެ.
އެއީ، ކޮވިޑް-19 ބަލިމަޑު ހާލަތާ ގުޅިގެން ދުނިޔޭގެ ވިޔަފާރިތައް އެފުށްމިފުށަށް ޖެހި، ދުނިޔޭގެ ވިޔަފާރި "ވާގިނެތިފައިވާ" ހާލަތެކެވެ. އެކަން ނިމުމަކަށް ގެނައުމަށް ޑަބްލިޔުޓީއޯއިން ކުއްލި އަދި ވަރުގަދަ މަސައްކަތްތަކެއް ފަށަންއޮތީ ޖެހިފައެވެ.
މަގާމު ކަށަވަރުވުމާއެކު، އެންގޯޒީ އޮކޮންޖޯ-އިވެއާލާ ވަނީ އެކަމަށް އިޝާރާތް ކުރައްވާފައެވެ. ވިދާޅުވީ، ކޮވިޑްބަލިމަޑު ހާލަތު، ވިޔަފާރިތަކަށް ގެނައި ހީނަރުކަމުން ފުރިހަމައަށް އަދި އަވަސް މަގަމުން އަރައިގަތުމަށް ވަރުގަދަ ޑަބްލިޔުޓީއޯއެއް ބޭނުންވާ ކަމަށެވެ.
ދުނިޔޭގެ އިގްތިސާދު އަލުން ކޮޅަށްޖެހުމަށް ކުރަންޖެހޭ މަސައްކަތްތަކާއި، އެކަމަށް ކަނޑައަޅަންޖެހޭ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމުގައި މެމްބަރު ގައުމުތަކުގެ ފުރިހަމަ އެއްބާރުލުން ބޭނުންވާ ކަމަށްވެސް އެންގޯޒީ އޮކޮންޖޯ-އިވެއާލާ ވިދާޅުވިއެވެ.
ވޯރލްޑް ޓްރޭޑް އޮގަނައިޒޭޝަން – ޑަބްލިޔުޓީއޯއަށް ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، މެމްބަރު ހުރިހާ ގައުމުތައް ގުޅިގެން އެއް އަމާޒަށް މަސައްކަތް ކޮށްފިނަމަ އެހުރިހާ ކަމަކުން އަރައިގަނެވޭނޭ ކަމަށްވެސް ވިދާޅުވިއެވެ.