ނިއުޒިލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހިޒް އެކްސަލެންސީ ޑޭވިޑް ޕައިންއާއި ސްވިޒަރލޭންޑް ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައެޅުއްވި އައު ސަފީރު، ހަރ އެކްސަލެންސީ ޑރ. ސިރީ ވޯލްޓް އެކަމަނާގެ ސަފީރުކަމުގެ ފަތްކޮޅު ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުހައްމަދު މުއިއްޒުއަށް މިއަދު އަރުވައިފިއެވެ.

މި ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތަށް ޖުމްހޫރީ މައިދާނުން ފެށިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހަމައަށް ސަފީރުން ވަޑައިގެންނެވީ ހަތްކޮޅުގައި ރަސްމީ އިއްޒަތުގައި ބެރު ދުންމާރި ތާޅަފިލީގައި، ހެވިކަމުގެ ލަޝްކަރީންނާއެކު ހިންގަވައިފައެވެ.

މި ދެބޭފުޅުންގެ ސަފީރުކަމުގެ ފަތްކޮޅު ރައީސްއަށް އެރުވުމުން އެމަނިކުފާނު ވަނީ އައު ސަފީރަށް ތަހުނިޔާ ވިދާޅުވެ، ދިވެހިރާއްޖެއަށް ވަޑައިގެންނެވިކަމަށްޓަކައި މަރްހަބާ ވިދާޅުވެފައެވެ.

އެއަށްފަހު މި ދެގައުމުގެ ސަފީރުންނާ ރައީސް ބައްދަލުކުރައްވައި، ދެގައުމުގެ ގުޅުން އިތުރަށް ބަދަހިކުރެވިދާނެ ދާއިރާތަކާ ގުޅޭގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ. ދެ ބޭފުޅުން މަޝްވަރާކުރެއްވި ކަންކަމުގެ ތެރޭގައި، ދެ ގައުމުގެ މެދުގައި މަތީ ތަޢުލީމުގެ ދާއިރާއިންނާއި ފަތުރުވެރިިކަމުގެ ދާއިރާއިން އިތުރަށް ގުޅުންބަދަހިކުރެއްވުން ހިމެނެއެވެ.

ދިވެހިރާއްޖެއާ ނިއުޒީލެންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1974 ވަނަ އަހަރުގެ އޮކްޓޯބަރ މަހުގެ 10ވަނަ ދުވަހުގައެވެ.

ނިއުޒިލޭންޑް ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ނިއުޒިލޭންޑް ސަފީރު ހުންނެވުމަށް ހަމަޖެހިފައިވަނީ ސްރީލަންކާގެ ކޮލަމްބޯގައެވެ.

ދިވެހިރާއްޖެއާ ސްވިޒަރލޭންޑާ ދެމެދު ސިޔާސީ ގުޅުން ގާއިމުކުރީ 1981 ވަނަ އަހަރުއެވެ.

ސްވިޒަރލޭންޑް ސަފީރަކީ ނޮން-ރެސިޑެންޓް ސަފީރުގެ ގޮތުގައި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެކެވެ. ސްވިޒަރލޭންޑް ސަފީރު ހުންނަވާނީ ސްރީލަންކާގެ ކޮލަމްބޯ ސިޓީގައެވެ.