ފުވައްމުލަކު ސިޓީ ކައުންސިލާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސަސް (އެމްއެންޑީއެފް) ގެ ސަދަން އޭރިއާ ކޮމާންޑް ގުޅިގެން އެ ސިޓީގައި ބޭސިކް ފަސްޓް އެއިޑް ޕްރޮގްރާމެއް ފަށައިފިއެވެ.

ޖުލައި 29 އިން 31 ވަނަ ދުވަހުގެ ނިޔަލަށް ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި ފުވައްމުލަކު ސިޓީގެ އެކި މުއައްސަސާތަކުން ޖުމްލަ 30 މުވައްޒަފަކު ބައިވެރިވެއެވެ. އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގައި މަސައްކަތްކުރާ މެޑިކުން މަޢުލޫމާތު ފޯރުކޮށްދޭ މި ޕްރޮގްރާމުގައި، ބޭސިކް ފަސްޓް އެއިޑްއާ ގުޅޭ ތިއަރީ ކުލާސްތަކުގެ އިތުރުން ޕްރެކްޓިކަލް ކުލާސްތައްވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.