އެންމެފަހުގެ ޔޫރޯ ސްޕެއިނަށް ކާމިޔާބު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކުރި ވިންގަރ ޑެނީ އޮލްމޯ ގެނައުމަށް މަޝްހޫރު ބާސެލޯނާއިން މަސައްކަތް ފަށައިފިއެވެ.
ބާސެލޯނާގެ މަޝްހޫރު ލަ މާސިއާ އެކަޑަމީން ތަމްރީން ކުރި އޮލްމޯ މިހާރު ކުޅެމުން އަންނީ ޖަރުމަނުގެ ލައިޕްޒީގަށެވެ. ސްޕެއިނުގެ ނޫސްތަކުން ބުނާ ގޮތުގައި ބާސެލޯނާއިން ދަނީ އޮލްމޯއަށް ބިޑް ކުރުމަށް ތައްޔާރު ވަމުންނެވެ. އަދި މިހަފްތާގެ ދުވަހެއްގައި ބާސެލޯނާއިން އެކްލަބުގެ ބިޑް ލައިޕްޒީގަށް ހުށަހަޅާނެއެވެ. ބާސެލޯނާއިން އޮލްމޯ އެކްލަބަށް ގެންނަން ޝައުގުވެރިވީ އޮލްމޯގެ ފަރާތުން ބާސެލޯނާއަށް ބަދަލުވާން ބޭނުންވާ ކަމުގެ އިޝާރާތްތަކެއް ލިބުމުން ކަމަށް ސްޕެއިނުގެ ރިޕޯޓްތައް ބުނެއެވެ.
އޮލްމޯ ގަތުމަށް ބާސެލޯނާއިން މަސައްކަތް ފަށާފައި މިވަނީ އެންމެފަހުގެ ޔޫރޯގައި ސްޕެއިން ގައުމީ ޓީމުން ވިދާލި ޒުވާން ވިންގަރ ނިކޯ ވިލިއަމްސް ގެނައުމަށްވެސް ސީރިއަސް މަސައްކަތްތަކެއް އެކްލަބުން ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.