ބަނޑުގައިހުން ސަރުބީ ވިރުވާނީ/ނައްތާނީ ކިހިނަކުން؟

މިއީ ވަރަށް އާންމު ސުވާލެކެވެ. ބަނޑުގައިހުން ސަރުބީއަކީ އެންމެ ނުރައްކާތެރި ސަރުބީގެ ވައްތަރެކެވެ.ހަމައެކަނި "ކްރަންޗެސް" ހަދައިގެން މިކަން ވާކަށްނެތެވެ. ހާސްވުމާއި، ކެއުމުގެ މިންގަނޑާއި އަދި އެހެނިހެން ކަންކަމަށް ބަލަންޖެހެއެވެ

ނިދުން

ރޭގަނޑު ލަސްވަންދެން މަސަކަތްކުރަން އެދޭނަމަ އެކަމާމެދު ވިސްނާލާށެވެ. ވަރުބަލިވެފައި ހުންނައިރު "ޤްރެލިން" (ބަނޑުގައި އުފެދޭ ހޯމޯންއެއް) އުފައްދާވަރު ގިނަވެއެވެ. މިހެންވުމުން ހަކުރާއިި ސަރުބީ ހުންނަ ކާނާ ކެއުމަށް ގަޔާވެއެވެ. ނިދި ހަމަނުވުމުގެ ސަބަބުން ހޯމޯން އުފައްދައިދޭ މިންވަރު ބަދަލުވެއެވެ. އެގޮތުން "ކޯޓިސޯލް" (ކިޑްނީގައި އިންނަ ގްލޭންޑަކުން އުފައްދާ ހޯމޯންއެއް) ގެ މިންވަރަށް އަސަރުކުރެއެވެ. އަދި މިކަމުގެ ސަބަބުން ސެލްތައް ހަލާކުވެ، ޕެންކްރީސް އިން ހޯމޯން އުފެއްދުމަށް ނުކުޅެދެއެވެ. މިއީ ސަރުބީޖެހުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބެވެ. އެހެންކަމުން ކޮންމެ ރެއަކު ހަތް ގަޑިއިރު ނިދުމަކީ ހަށިގަނޑަށް ވަރަށް މުހިއްމު ކަމެކެވެ.

ކުރުކޮށް ގިނަ ކަސްރަތު ކުރުން

އެއްރޭ 1000 "ކްރަންޗެސް" ހަދައިގެން ދައްބަނޑުގައި ހުރި މަސްތަކުގެ ބާރުގަދަ ވެދާނެއެވެ. ނަމަވެސް ސަރުބީ ގިނަ ނަމަ ބޭނުންވާ ނަތީޖާ ނުލިބިދާނެއެވެ. ނަމަވެސް، ގިނަ މަސްތަކަށާއި ހިތުގެ ނިޒާމަށް އަސަރުކުރާ ކަސްރަތު ކުރުން މާ ރަނގަޅުވާނެއެވެ. މިސާލަކަށް ހަމައެކަނި ދެއަތް (އަތްތިލައިން ހުޅާ ހަމައަށް) ބިމުގައި ޖައްސައި ހަށިގަނޑު 30 ސިކުންތު ވަސްދެން ހިފެހެއްޓައި 3 ސެޓް ހެދުމާއި އަދި ހޭލާފައި ހިނގާލުން ވެސް ރަަނގަޅެވެ.

ހަކުރަކީ ހަތުރުކަމަށް ދެކުން

ޕުރޮޓީން، ތަރުކާރީ އަދި ގުރެއިންގެ ބާވައްތަށް ކެއުމުންނާއި އަދި ލުއިކާނާ ފަދަ ތަކެތިން ދުރުވުމުން ކެލޮރީގެ މިންވަރު މަދުވެއެވެ. މިސާލަކަށް ކޮފީ ބުއިމުގެ ބަދަލުގައި ކިރުތަށްޓެއް ބުއިން ރަނގަޅުވާނެއެވެ. ނުވަތަ ކޮފީގެ ތެރެއަށް ހިމުންކޮށްފައި ހުންނަ ފޮނިތޮށި ނޫނީ އޯޓްމީލް އަޅައިގެން ބޭނުންކުރުމުން ލޭގައި ހިމެނޭ ހަކުރުގެ މިންވަރު ދަށްވެއެވެ. އަދި ބަނޑު ފުރިފައިވާ އިހުސާސް ގިނަވަގުތު ހުރެއެވެ.

ވިޓަމިން ސީ

ވަރަށް ބޮޑަށް ހާސްވެފައި ހުންނަ ވަގުުތު "ކޯޓިސޯލް" ހޯމޯން ފޮރުވިފައި ބެހެއްޓެއެވެ. ވިޓަމިން ސީ އިން މިކަން ބެލެންސް ކުރެއެވެ. ރޯގާއަށް ރަނގަޅު އެއްޗަކަށް ވުމާއެކު، ވިޓަމިން ސީ އަކީ ސަރުބީތައް ތެލަށް ބަދަލުކޮށްދޭ މާއްދާއެއް އުފައްދައެވެ. ބެލް ޕެޕާ، ކޭލް އަދި ކިވި ފުރުޓަކީ އޮރެންޖަށް ވުރެށް ގިނައިން ވިޓަމިން ސީ ލިބޭ ތަކެއްޗެވެ.

ސިއްހަތަށް ފައިދާހުރި ފެޓް ކެއުން

މީގެ ސަބަބުން ސަރުބީ ވިރުވައެވެ. ކުރިން ބުނި ފަދައިން ސަރުބީ ޖަހަނީ ހަކުރުންނެވެ. ފެޓަކުން ނޫނެވެ. އޮމެގާ3 ހިމެނޭ ސެލްމޮން މަސް، އެވޮކާޑޯ އަދި ވަރލްނަޓްގައި ސިއްހަތަށް ފައިދާހުރި ފެޓް ހިމެނެއެވެ. މިއީ ނިއުޓްރިޝަން ގިނަ އަދި ބަނޑުހައިކަން ފިލާ ބާވަތުގެ ކާނާތަކެކެވެ.

ލަސްލަހުން ނޭވައިލުން

މިކަމަކީ އެހެންކަމެއް ކުރާއިރުވެސް ކުރަން ވަރަށް ފަސޭހަ ކަމެކެވެ. ހާސްވެ ކަންބޮޑުވެފައި ހުންނައިރު ގިނަމީހުން ނޭވައި ލާނީ ކުރުކޮށް ނުވަތަ އަވަސް އަވަހަށެވެ. މިކަން ދެނެގަތުމުން ބަނޑަށް ލުއިކޮށްލައި ލަސްލަހުން ނޭވައިލާށެވެ. އެންމެ ރަނގަޅުގޮތަކީ ބޭރަށް ނޭވައިލާއިރު ލަސްލަހުން ނޭވައިލުމެވެ.

ލިޔުނީ: އިބްރާހިމް ޞާދިޤް

(ލިޔުމުގެ އަސްލުނެގިފައި ވަނީ ދިއިސްލާމް.ކޮމްއިންނެވެ).