ރާއްޖޭގެ ސިއްހީ ދާއިރާ ހަރުދަނާ ކުރުމަށް "ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް" ގެ ދަށުން ކުވޭތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުން 9.8 މިލިޔަން ޑޮލަރު [151.11 މިލިޔަން ދިވެހި ރުފިޔާ] ގެ ލޯނެއް ދިނުމަށް ނިންމައި އެއްބަސްވުމުގައި އިއްޔެ ސޮއި ކޮށްފިއެވެ.

"ސްމޯލް އައިލެންޑްސް ހޮސްޕިޓަލް ޕްރޮޖެކްޓް" ގެ ނަމުގައި ރާއްޖޭގެ ޞިއްޙީ ނިޒާމް ހަރުދަނާ ކުރުމުގެ މަޤުޞަދުގައި ހިންގުމަށް ހަމަޖެހިފައިވާ މިލޯނު އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން މާލީ ވަޒީރު ޑޮކްޓަރ މުހައްމަދު ޝަފީޤެވެ. ކުވޭތު ފަންޑް ފޯރ ޢަރަބް އިކޮނޮމިކް ޑިވެލޮޕްމަންޓުގެ ފަރާތުން ސޮއިކުރެއްވީ އެފަންޑުގެ އެކްޓިންގ ޑިރެކްޓަރ ޖެނެރަލް ވަލީދު އަލް ބަހަރްއެވެ.

މި ރަސްމިއްޔާތުގައި ޞިއްޙަތާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލުއާއި ސްރީލަންކާގެ ކޮލޮމްބޯގައި ހުންނަ ކުވައިތު އެމްބަސީ އަދި މާލީ ވުޒާރާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މިމަޝްރޫއުގެ ދަށުން ކުދި ރަށްރަށަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދިނުމާއި ޚިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރުމަށް މަސައްކަތް ކުރާނެއެވެ. މިމަޝްރޫޢުގެ ސަބަބުން ޞިއްޙީ ޚިދުމަތް ހޯދުމަށްޓަކައި މިހާރު ކުރާ ދަތުރުފަތުރުގެ ޚަރަދު ކުޑަވެ، ރަށްރަށުގެ އާބާދީ އާއި ފަތުރުވެރިންނަށް ޞިއްޙީ ޚިދުމަތް ލާމަރުކަޒީ އުސޫލުން ފޯރުކޮށްދީ ދެވަނަ ފަންތީގެ ޞިއްޙީ ފަރުވާ އެންމެ އެކަށީގެންވާ ވަގުތުގައި ލިބެމުންދާނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން މިމަޝްރޫއުގެ ދަށުން މިހާރު ހިންގަމުން އަންނަ ހޮސްޕިޓަލްތައް ތަރައްޤީ ކުރުމަށްވެސް މަސައްކަތް ކުރެވިގެންދާނެއެވެ. މިގޮތުން ކުރުމަށް ހަމަޖެހިފައި ވަނީ އިމާރާތްކުރުމުގެ މަސައްކަތްތަކާއި ޚިދުމަތުގެ އިލެކްޓްރޯ- ޓެކްނިކަލް މަސައްކަތްތަކާއި ޞިއްޙީ އާލަތްތަކާއި ފަރުނީޗަރު ފޯރުކޮށްދިނުމާއި ކުރެހުންތަކާއި ބީލަމާ ގުޅޭ ލިޔެކިއުންތައް ތައްޔާރުކުރުމާއި އިމާރާތްކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ބޭނުންވާ އިންޖިނިއަރުންގެ ޚިދުމަތްތަކުގެ އިތުރުން މަޝްރޫޢު ތަންފީޒު ކުރުމަށްޓަކައި ޔުނިޓެއް ޤާއިމްކުރުމުގެ މަސައްކަތް ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.