ޗެލްސީއަށް ކުޅެމުން އަންނަ ޒުވާން މިޑްފީލްޑަރު ކޮނާ ގެލެގާ ގެނައުމުގެ މަސައްކަތް އެޓްލެޓިކޯ މެޑްރިޑުން ފަށައިފިއެވެ.

އިޓަލީގެ އިތުބާރުހުރި ޖާނަލިސްޓް ފަބްރީޒިއޯ ރޮމާނޯ ހާމަކުރި ގޮތުގައި އެޓްލެޓިކޯ މެޑްރިޑުން ވަނީ ގެލެގާ ގަތުމަށް ޓަކައި ޗެލްސީގެ މެނޭޖްމަންޓާ މަޝްވަރާތައް ފަށާފައެވެ. ދެ ކްލަބުގެ މެދުގައި މަޝްވަރާތައް ކުރިއަށްދާ އިރު, ޗެލްސީއިން ކުރިއަށް އޮތް އޮގަސްޓު މަހުގައި ގެލެގާ ވިއްކާލުމުގެ ވިސްނުން ގެންގުޅޭ ކަމަށް ފަބްރީޒިއޯ ވަނީ ހާމަކޮށްފައެވެ.

ގެލެގާ, ޗެލްސީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ހަމަވާން ބާކީ އެންމެ އަހަރަކަށް ވެފައިވާ އިރު ޗެލްސީއިން އަންނަނީ އޭނާ ހިލޭ އެހެން ކްލަބަކަށް ދިއުމުގެ ފުުރުސަތު ނުދިނުމަށް ޓަކައި އޭނާ ގަންނަން ބޭނުންވާ ކްލަބުތަކާ މަޝްވަރާ ކުރާނެ ކަމަށް ހާމަކޮށްފައެވެ.

ގެލެގާއަކީ, އެޓްލެޓިކޯ މެޑްރިޑުން މި ޓްރާންސްފާ ވިންޑޯގައި އެ ކްލަބަށް ގެންދިއުމަށް ޓަކައި އެންމެ ބޮޑު އަހައްމިއްޔަތުކަމެއް ދެމުން އައިސްފައިވާ ކުޅުންތެރިޔާއެވެ. އެހެންކަމުން މީޑިއާތަކުން ލަފާކުރާ ގޮތުގައި ޗެލްސީއިން ގެލެގާގެ އަގެއްގެ ގޮތުގައި ކަނޑައަޅާފައިވާ 40 މިލިއަން ޑޮލަރުގެ ފީ ދެއްކުމަށް އެ ކްލަބުން އެއްބަސްވާނެއެވެ.