ރަށުގެ ބަނދަރާއި ފެރީ ގާތްކުރުމާއެކު އަޒިކިޔަލް އަވަސްވެގަތީ ގެއަށް ދިއުމަށެވެ. ރަށުކޮޅުން ބައެއް ކަންކަން ހަމަޖައްސާ ނިމުމުން މަންމައަށް އިޝާރާތެއް ދިނުމަށްފަހު އަޒިކިޔަލް އައީއެވެ.
ސިކުނޑިއަށް ވެރިވެފައިވި އުދާސްކަން ފިލުވާލުމަށް އަޒިކިޔަލް ވަނީ ފާޚާނާއަށް ފެންވަރާށެވެ. ފެންވަރާ ނިމިގެން ފެންމާގަނޑު ބާރުކުރިވަގުތު ކޮޓަރިތެރެއިން ފޯނު ސޯނާވީ އަޑު އިވުނުހެން ހީވިއެވެ. އަވަސްއަވަހަށް އުނުގައި ތުވާލި އޮޅާލަމުން ފާޚާނާއިން ނިކުމެ ފޯނުގެ ސްކްރީނަށް ނަޒަރު ހިންގާލި ވަގުތު އަރާފައި އިން ނަން ފެނުމާއެކު އަޒިކިޔަލްގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ.
"އޭ ޔޫޙް ގޮވައިގެން މިއަދު ހަވީރު ބޭރަށް ޖައްސާލައްޗޭ. ވަރަށް ކުސްތަޅަޔޯ އެބަ އަކޫބެ އެކީ ބޭރަށް ނުދެވިގެން ޔުމް ބުނީ. ދަތުރު ވަރުބަލި ފިލުވާލާފަ ދެވޭނެ ދޯ."އަވަސް އަރުވާލާފައި ހުރި ރާގަކަށް ފޯނުގެ އަނެއްކޮޅުން ބުނެލީ ފިރިހެންވަންތަ ބާރު އަޑަކުންނެވެ.
"އާނ ދާނަމޭ. ޔޫނުސް އަދި ވެސް މި ކޮޅަށް އަންނާކަށް ނޫޅެންތަ. މަ ދައްކަން ހާދަ ބައިވަރު ވާހަކައެއް އެބަހުއްޓޭ" ރީތިވާ މޭޒުމަތީގައި ސްޕީކަރަށް ލާފައިވާ ފޯނު ބާއްވަމުން އަޒިކިޔަލް އޭނާގެ ޒަމާންވީ ގާތް އެކުވެރިޔާއަށް ބުންޏެވެ.
ސްކޫލު ދައުރުއްސުރެ އެކުގައި އުޅުނު ދެ މިތުރުންނަކީ އެއް ހަށިގަނޑެކޭ ބުންޏަސް ދޮގަކަށް ނުވާނެއެވެ. އަޒިކިޔަލްއަށް ހިނިތުންވެވުނީ އެ ގުޅުން މިއަދާއި ހަމައަށް ވެސް މެދުނުކެނޑި ދެމިގެންދިޔަ ކުލަރީތި ހަނދާންތައް އާވުމުންނެވެ.
"ތިހާ ވަރަށް ހަނދާންވަންޏާ ދެން ދާންތާ ދޯ ޖެހޭނީ. މަ ވަރަށް އަވަހަށް ދާނަމޭ ތިކޮޅަށް" ސަމާސާ ރާގަކަށް ޔޫނުސް ބުނެލި އަޑު އިވުނެވެ.
"އާނ ދެން މަށަށް ވެސް އިނގެޔޭ މިތުރާ މިތާ ބަހައްޓާފަ ތިތާ ނުހުރެވޭނެކަން ގިނަދުވަހަކަށް" އަޒިކިޔަލް ވެސް ރައްދު ދީނީ ހަމަ އެފަދައިންނެވެ. އިރުކޮޅަކު ފޯނުން ވާހަކަދެއްކުމަށްފަހު ޔޫނުސް ފޯނު ކަނޑާލީ ކަމެއް ކުރަން ދާންޖެހިގެންނެވެ.
އެ ހުރިހާއިރު ރީތިވާ މޭޒު ކުރިމަތީ ހުރި އަޒިކިޔަލްއަށް ލޯގަނޑުން އޭނާގެ ސޫރައަށް ބަލާލެވުނެވެ. ކަޅުކަންގަދަ ރާޅުބާނި އިސްތަށިގަނޑާއި ތަނަވަސް ނިއްކުރިއެވެ. ބައްޓަންރީތި މޫނުން ފާޅުވާ ގަދަ ބުމަ އާއި ވިދުންގަދަ ކަޅު ދެ ލޮލެވެ. ތުނިކޮށް ފަޅާފައިވި ތުނބުޅީން އެ ފިރިހެންވަންތަކަން އިތުރުކުރުވައެވެ. ފޯނަށް މެސެޖެއް އައި އަޑު އިވުމާއެކު އަޒިކިޔަލް މޭޒުގައި އަތް ވިއްދާލައި ބަލާލިއެވެ. އެ ވަރުގަދަ މުލައްދަނޑި އާއި ފުޅާ ދެކޮނޑުގެ ހައިބަތު އެހެން ހުރިއިރު ދައްކުވައިދިނެވެ.
ގަޑިއަށް ނިކުންނަން ޔޫނުސް ހަނދާންކޮށްދީފައި އޮތް މެސެޖަށް ޖަވާބުދިނުމަށްފަހު އެލާމު ކުރަމުން އަޒިކިޔަލް ތައްޔާރުވީ ކުޑަކޮށް ނިދާލުމަށެވެ. ރޭ ވެސް ރަނގަޅަށް ނުނިދުމުގެ ސަބަބުން އޭނާގެ ބޮލުގައި ވަނީ މަޑު ރިހުމެއް އުފެދިފައެވެ
އަޒިކިޔަލްއަށް ހޭލެވުނީ އޭނާގެ ފޯނު ތިން ފަހަރަށް އެލާމުވި ފަހުންނެވެ. އަވަސްއަވަހަށް ތައްޔާރުވެގެން ބަނދަރުމައްޗާއި ދިމާލަށް ދިޔައިރު ތުންދަމައިގެން އިން ޔޫޙް އުނގަށް ލައިގެން ހޮޅު އަށްޓެއްގައި އެކަނި އިން ޔުޢާނާ އަޒިކިޔަލްއަށް ފެނުނެވެ. އަރައިގެން އައި ސައިކަލު އެއްފަރާތެއްގައި ބަހައްޓަމުން އަޒިކިޔަލް ހިނގައިގަތެވެ.
ކައިރިން ދުވި ފިރިހެންވަންތަ އަތަރު ވަހުން ވެސް ޔުޢާނާއަށް ކާކުކަން ވަކިކުރަން އެނގިއްޖެއެވެ. ހިތުގެ ތެޅުމަށްއައި ބަދަލާއެކު ވެސް ޔުޢާނާ އިނީ އިސް އުފުލާ ބަލައިނުލާން ޔޫޙްގެ މޫނަށް ނަޒަރު ހުއްޓައިގެންނެވެ. އެއާއެކު ހިތާހިތުން ޔުމްނާއަށް އެތިވަރު ގޮވުނީ އޭނާ އެކަނިން އެތާ ބައިންދާފައި ދިޔުމުންނެވެ.
މި ހެން އަބަދު އެކަނިމާއެކަނި އަޒިކިޔަލްއާ ދިމާވާންވެއްޖެނަމަ އޭނާގެ ހިތް ބޭޒާރު ވެދާނެތީ އެ ހިތް ބިރުގަންނަނީއެވެ. އަމިއްލަ ނަފްސަށް ވެސް ދެކޮޅު ހަދަން ބޭނުންވިއަސް އަދި ވެސް އޭނާގެ ހިތުގައި އަޒިކިޔަލްއަށް ހާއްސަ ޖާގައެއް އޮވެއެވެ.
"ޔޫއްކޮ އަށް ކިހިނެތްވެފަ މީނީ ހާދަ ތުން ދިގުވެފަ" ހިނިތުންވެލަމުން އަޒިކިޔަލް ޔޫޙް ޔުޢާނާގެ އުނގުން ނެގީ ހީލިވާނެހެން ޔޫޙްގެ ކަރުގައި ކޮށްޓާލަމުންނެވެ. ތުއްތު އަޑުން ހީލަމުން ޔޫޙް ފެށީ ފޫހިވެގެން ޝަކުވާކުރާށެވެ. ޔޫޙް އޭނާގެ ތުއްތު ބަހުރުވައިން ދައްކަމުންދިޔަ ވާހަކައަށް ގެއްލިހުރެ އަޒިކިޔަލްގެ މޫނަށް ޔުޢާނާއަށް ބަލަހައްޓައިގެން އިނދެވުނެވެ. ޔޫޙް އަޒިކިޔަލްއަށް ދޯޅުވެފައިވާ މިންވަރު ފެންނަ ކޮންމެފަހަރަކު އޭނާގެ ހިތަށް ފިނިކަން ލިއްބައިދެއެވެ.
ޔޫޙްއާ ވާހަކައިގައި ހުރުމަށްފަހު އަޒިކިޔަލް ބަލާލީ ޔުޢާނާގެ ނަޒަރު އޭނާއަށް ހުއްޓިފައި ހުރިފަދަ އިޙްސާސެއް ކުރެވުންނެވެ. އަޒިކިޔަލް ބަލާލި ވަގުތު ހަތަރުކަޅި ހަމަވުމާއެކު ޔުޢާނާގެ މޫނު ރަތްވެ އިސްޖެހިއްޖެއެވެ. އަޒިކިޔަލްގެ ތުންފަތަށް ވެރިވީ ސިއްރު ހިނިތުންވުމެކެވެ. ފޮރުވަން އުޅުނު ކަމުގައިވިޔަސް އެ މޫނަށް ވެރިވި ރަތްކަން އަޒިކިޔަލްއަށް ނުހަނު ރީތިކޮށް ފެނުނެވެ. އެއީ އޭނާގެ ހިތް އަބަދުމެ އާޝޯޚު ކުރުވާ ރީތި ސިފައެކެވެ.
"އެހެންމީހަކު ނާދޭތަ؟" ޔުޢާނާގެ މޫނަށް ބަލަހައްޓައިގެންހުރެ އަޒިކިޔަލް އަހާލިއެވެ. ރައްދުގައި ޔުޢާނާއަށް ކުރެވުނުހާ ވެސް ކަމަކީ ބޯ ހޫރާލުމެވެ. އެހާ ގާތުން އެ ފިރިހެންވަންތަ އަޑު އިވިއިވި ހުރިއިރު އޭނާގެ ނަފްސަށް ވެރިވަމުންދާ ޝުޢޫރުތައް އެނގޭނިީ ހަމަ އޭނާ އަށެވެ
އަޒިކިޔަލް ހިނގައިގަތީ ޔޫޙްގެ އެދުމަށް ކައިރި ފިހާރައަކަށް މެޓާ ގަނެދިނުމަށެވެ. އޭރު އުޑުމަތީން ކުލަ ފޭދެމުންދިޔައިރު ބަނދަރުމަތީގައި ހޭލަމޭލަވަމުންދިޔަ މީހުން ގޭގެއަށް ދިއުމަށް މިސްރާބު ޖަހަނީ އެވެ.
ޔޫޙްގެ އެދުމަށް ތިރީގައި ބެހެއްޓުމަށްފަހު ދެ ފަރާތުން އަތުގައި ހިފައިގެން ދެ މީހުން ހިނގައިގަތް ވަގުތު ސިހުނީ ފަހަތުން ފޮޓޯއެއް ނެގި އަޑު އިވިފައެވެ. ދެ މީހުން އެއްފަހަރާ ފަހަތް ބަލާލި ވަގުތު ހެވިފައި ލޮލުން ކެމެރާ އެއްފަރާތްކޮށްލި ޒުވާނާ ފެނުމާއެކު އަޒިކިޔަލްގެ އަނގަ ހުޅުވިއްޖެއެވެ.
"ޔޫނުސް" އަޑަށް ބާރުލާފައި އަޒިކިޔަލް ގޮވާލި އަޑު އިވި ޔޫނުސްއާއެކު އޭނާގެ ކައިރީހުރި ޔުމްނާ ވެސް ހީލި އަޑު އިވުނެވެ. ޔޫޙްގެ އަތުން ދޫކޮށްލުމާއެކު އަޒިކިޔަލް ގޮސް އެކުވެރިޔާގެ ގައިގައި ބައްދާލިއެވެ. ދުރުވެލުމަށްފަހު މަޑުމަޑުން ގޮށްމުށުން އަތުގައި އަޅާ ކޮށްޕާލީ އަންގައިވެސް ނުލައޭ ބުނަމުންނެވެ.
"މިއަދު ހެނދުނޭ އައީ. ފަޅުރަށަށް ގޮސް ވީމަކާ ބައްދަލެއް ނުވާނެއްނު. އަނެއްކާ އައިއްސަ ވަރުބަލިވެފަ ހުންނާނެތީ މަ ނުދިޔައީ" އަޒިކިޔަލް ބޮން އަޅާނެކަން އެނގޭތީ ޔޫނުސް އަވަސްއަވަހަށް ބުނެލިއެވެ. އެއާއެކު އަޒިކިޔަލް ބުމަ އަރުވާލީ އެހެން ހެއްޔޭ ބުނާކަހަލަ ގޮތަކަށެވެ.
"އޭ ހިނގާ އަވަހަށް ގެއަށް ދާން. އިރުއޮށްސެނީ މިހާރު." ޔުމްނާ ބުނެލީ ޔުޢާނާގެ ކައިރީހުރި ޔޫޙް އުރާލަމުންނެވެ.
"އާނ އުޅޭ އަވަހަށް ދަމާ. އަހަރެމެން ދާނީ ހިނގާލާފަ ހައްޖަމެން ގެއަށް ޔުމްގެ ފޮތިގަނޑު ލައިފަ. އެ ގޭ ކައިރީ ސައިކަލުތައް ބަހައްޓާފަ މި އައީ. ތި ދެމީހުން އަވަހަށް ނައްޓާލާ." ޔޫނުސް ބުނެލީ ޔޫޙް ކޮނޑަށް ލައިގެން ހިނގައިގަންނަމުންނެވެ. އަޒިކިޔަލްއަށް ބަލާލެވުނީ ޔުޢާނާގެ މޫނަށެވެ. ނަމަވެސް އެ މޫނުން އެއްޗެއް ދެނެގަނެވޭގޮތެއްނުވިއެވެ.
އެއްޗެކޭ ބުނަން އަނގަ ހުޅުވާލައިފައި ވެސް ޔުމްނާ ހިނގައިގަތީ ޔުޢާނާ ހަދާގޮތެއް ބެލުމަށެވެ. އިތުރު އެއްޗެކޭ ނުބުނެ އަޒިކިޔަލް ގޮސް އޭނާގެ ސައިކަލު ނަގައިގެން އައިސް ޔުއާނާގެ ކުރިމަތީ މަޑުކޮށްލިއެވެ. އަޒިކިޔަލް, އަތުގެ އިޝާރަތުން ފަހަތަށް އަރަން ބުނުމުން ޔުޢާނާ ފަސްޖެހޭގޮތްވިއެވެ.
"ވަރަށް ލަސްވެއްޖެ އާނާ. ދެން ބަންގި ނުގޮވަނީސް ގެއަކަށް ނުވަދެވޭނެ ހިނގާފަ ގޮސްގެނެއް. ބަންގި ގޮވަންވާއިރަށް މިސްކިތައް ދާން ތައްޔާރުވާން ވެސް ޖެހޭނެ." އަޒިކިޔަލް ބުނެލީ ޔުޢާނާ އަށް ބަލަހައްޓައިގެން ހުރެއެވެ.
އިރުކޮޅަކު އެހެން ހުރުމަށްފަހު ދެޚިޔާލެއްގައި ހުރި މީހަކު ފަދައިން ޔުޢާނާ އަޒިކިޔަލްގެ ފަހަތަށް އެރިއެވެ. ތުންފަތަށް ވެރިވި ހިނިތުންވުން ފޮރުވާލަމުން އަޒިކިޔަލް ދުއްވާލިއެވެ. ވަގުތުގެ ގޮތުން މަގުތައްމަތީ މީހުން މަދެވެ. ދެ މީހުންގެ ދެމެދަށް ވެރިވެފައިވި ފުން ހިމޭންކަމުގެ ތެރެއިން އަޒިކިޔަލްގެ ހިތް ނަށަނީއެވެ. އެތައް ދުވަހަކަށްފަހު ކުޑަ ހިނދުކޮޅަކަށް ވިޔަސް އޭނާގެ ހިތުގެ ރާނީއާ އެހާ ގާތުގައި އިނދެވުމުންނެވެ.
ފަހަތުން އަޒިކިޔަލްގެ ބައިމަތިފުޅާ ހަށިގަނޑު ފެންނަމުންދިޔަ ގޮތުން ޔުޢާނާއަށް އިނދެވުނީ ނޭވާލާން ވެސް ހަނދާން ނެތިފައެވެ. ގޭ ދޮރުމައްޗަށް ސައިކަލު މަޑުކޮށްލުމާއެކު އަވަސްއަވަހަށް ސައިކަލުން ފުންމާލައިގެން ދިޔައީ ނޭފަތުގެ ހިނދުރީގައި ހިފާފައިވި ފިރިހެންވަންތަ ވަހަށް ފިލަން ބޭނުންވެފައިވީ ވަރުންނެވެ
އޭރު ގޭ ކައިރީ ގޯޅިއަކުން ދެ ސައިކަލުގައި ޔޫނުސް އާއި ޔުމްނާ ގޭ މަގަށް އަޅާލިތަން ފެނެއެވެ. ސައިކަލު ގޯތިތެރެއަށް ވެއްދުމަށްފަހު ޔުމްނާ ޔޫނުސްގެ އުނގުގައި އިން ޔޫޙް އުރާލުމާއެކު ދެ އެކުވެރީން މިސްކިތައް ދާން ދުއްވާލިތަން ބަދިގޭ ކުޑަދޮރުން ބަލަން ހުރި ޔުޢާނާ އަވަހަށް ދުރަށް ޖެހިލީ ޔުމްނާއަށް އޭނާ އެތާ ހުއްޓާ ފެންނަން ބޭނުން ނުވާތީއެވެ.
"އާނާ. އާދެބަ ވަރަށް އަވަހަށް މިތަނުން ރީތި ފޮންޓެއް ދޮންތައަށް ނަގައިދޭން" ގޭތެރެއަށް ވަތްގޮތަށް ޔުމްނާ ގޮވާލި އަޑު އިވުނެވެ. އަޒިކިޔަލްއާ އެކު އަންނަން ޖެހުމުން ޝަކުވާ ކުރަން ހިތުލައިގެން ހުރި ނަމަވެސް ޔުޢާނާ އަވަސްވެގަތީ ދޮންތަ ބުނީ ކަންތައް އަވަހަށް ކުރުމަށެވެ
އަބާން ރީތި ވާހަކައެއް އިނގޭ