ފަރަންސޭސި ވިލާތުގެ ޕެރިސްގައި ކުރިއަށްދާ އޮލިމްޕިކްސްގައި މިހާ ތަނަށް އެންމެ ގިނަ މެޑަލް ހާސިލުކުރި ގައުމަކަށް އެމެރިކާ ވެއްޖެއެވެ.

އޮލިމްޕިކްސްގެ ތާރީހުގައި ވެސް އެންމެ ކާމިޔާބު ގައުމު ކަމުގައިވާ އެމެރިކާ އަންނަނީ މި އަހަރުގެ އޮލިމްޕިކްސްގައި ވެސް އަލިގަދަކޮށް ވިދަމުންނެވެ. އެ ގޮތުން އެމެރިކާއިން ވަނީ މިހާތަނަށް ޖުމްލަ 20 މެޑަލް ކާމިޔާބު ކޮށްފައެވެ. އެއީ 3 ރަން މެޑަލާއި 8 ރިހި މެޑަލާއި 8 ލޯ މެޑަލެވެ.

އެމެރިކާއަށްފަހު އެންމެ ގިނަ މެޑަލް ހާސިލުކޮށްފައިވަނީ މުބާރާތުގެ ހޯސްޓުން ކަމުގައިވާ ފަރަންސޭސި ވިލާތެވެ. އެ ގައުމުގެ އެތުލީޓުން ވަނީ މި އަހަރުގެ އޮލިމްޕިކްސްގައި ޖުމްލަ 16 މެޑަލް ކާމިޔާބު ކޮށްފައެވެ. އެއީ, 5 ރަން މެޑަލާއި 8 ރިހި މެޑަލާއި 3 ލޯ މެޑަލެވެ.

12 މެޑަލާއެކު ތިންވަނައިގައި އޮތީ ޗައިނާ އަދި ޖަޕާނެވެ. މެޑަލުގެ އަދަދުން ތިންވަނައިގައި އޮތް ކަމުގައިވިއަސް މި އަހަރުގެ އޮލިމްޕިކްސްގައި މިހާތަނަށް އެންމެ ގިނަ ރަން މެޑަލް ހާސިލުކޮށްފައިވާ ގައުމަކީ ޖަޕާނެވެ. ޖަޕާނުގެ އެތުލީޓުން ވަނީ އެ ގައުމަށް 6 ރަން މެޑަލް ކާމިޔާބު ކޮށްދީފައެވެ.