ނެދަލޭންޑްސްގެ ހުނަރުވެރި މިޑްފީލްޑަރު ޒަވީ ސިމޮންސް ލޯނު އެއްބަސްވުމެއް ދަށުން 2024-2025 ވަނަ އަހަރުގެ ސީޒަނުގައި ވެސް އާރްބީ ލެއިޕްޒިގްގައި މަޑުކުރުމަށް ނިންމާފިއެވެ.
ޕީއެސްޖީގެ ކުޅުންތެރިޔެއް ކަމުގައިވާ ޒަވީ ސިމޮންސް މި ދިޔަ ސީޒަނުގައި ވެސް ކުޅެފައިވަނީ ލޯނު އެއްބަސްވުމެއްގެ ދަށުން ލެއިޕްޒިގަށެވެ. އޭނާ ވަނީ ލެއިޕްޒިގްގައި މި ދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދައްކާ, 8 ލަނޑު ކާމިޔާބު ކޮށް, 13 އެސިސްޓު ފޯރުކޮށްދީފައެވެ.
މި ދިޔަ ސީޒަނުގައި ޒަވީގެ ފަރާތުން ފެނިގެންދިޔަ މޮޅު ކުޅުމުގެ ސަބަބުން ޔޫރަޕުގެ ބޮޑެތި ކްލަބުތަކުން އަންނަނީ އޭނާއަށް ފާރަލަމުންނެވެ. އެ ގޮތުން ޒަވީ ގެނައުމަށް އެންމެ ބޮޑަށް ޝައުގުވެރިކަން ދައްކާފައިވަނީ ބަޔާން މިއުނިކެވެ. ނަމަވެސް އެ ކްލަބުތަކަށް ސޮއިކުރުމުގެ ބަދަލުގައި ޒަވީ ވަނީ އިތުރު ސީޒަނަކަށް ލޯނަކަށް ލެއިޕްޒިގްގައި މަޑު ކުރުމަށް ނިންމާފައެވެ.
ޒަވީ, ލެއިޕްޒިގްއާއެކު އެއްބަސްވުމަށް ހަމަޖެހިފައިވަނީ 2025 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް ހަމަވާ ލޯނު އެއްބަސްވުމެކެވެ. އޭނާ ލެއިޕްޒިގާއެކު ހަދާ ލޯނު އެއްބަސްވުން ހަމަވާ އިރަށް އޭނާގެ އަސްލު ކްލަބު ކަމުގައިވާ ޕީއެސްޖީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ވެސް ހަމަވާނެއެވެ. އެހެން ކަމުން ދެން އަންނަ ސީޒަނުގައި, ޒަވީ ޔޫރަޕުގެ ބޮޑު ކްލަބަކުން ފެނުމަކީ އެކަށީގެންވާ ކަމެކެވެ.