ބެލްޖިއަމްގެ ހުނަރުވެރި މިޑްފީލްޑަރު ކެވިން ޑިބްރުއިނާ ގަތުމަށް އެއް ވެސް ކްލަބަކުން މެންޗެސްޓާ ސިޓީއަށް ހުށައަޅާފައިނުވާ ކަމަށް އެ ކްލަބުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.
ގާޑިއޯލާ މިހެން ބުނެފައި މި ވަނީ އެތައް މީޑިއާތަކަކުން ޑިބްރުއިނާ ގަތުމަށް ސައުދީގެ ކްލަބުތަކުން މަސައްކަތް ކުރަމުންދާ ކަމަށް އަޑު ފެތުރިފައިވާ ދަނޑިވަޅެއްގައެވެ. މި އަޑުތައް ބާރު ވެގެންދިޔައީ, ސައުދީއަށް ދިއުމަށް ރަނގަޅު ފުރުސަތެއް ލިބިއްޖެނަމަ ދާނެ ކަމަށް ޑިބްރުއިނާ އަމިއްލައަށް އިއުތިރާފުވުމުންނެވެ.
ޑިބްރުއިނާ, ސިޓީ ދޫކޮށްލަން މަސައްކަތް ކުރަމުންދާ ކަމަށް އެތައް ފަރާތްތަކަކުން ލަފާ ކުރަމުން އަންނަ އިރު ގާޑިއޯލާ ވަނީ އެހެން ކްލަބަކުން ޑިބްރުއިނާ ގަތުމަށް ޓަކައި ސިޓީއަށް ހުށައަޅާފައިނުވާކަން ހާމަކޮށްފައެވެ.
"ޑިބްރުއިނާއާ ވަކިން އަދި ވާހަކައެއް ދައްކައެއް ނުލެވެ. އެކަމަކު ސިޓީގެ އިދާރާއިން ހާމަކުރާ ގޮތުގައި އޭނާ ގަންނަން އެއް ވެސް ކްލަބަކުން މަސައްކަތް ކޮށްފައެއް ނެތް. އަހަންނަކަށް ނޭންގެ ޑިބްރުއިނާގެ ކުރިމަގާ މެދު އެއްޗެއް ބުނާކަށް. އެކަމަކު އަހަރެމެން އެންމެން ވެސް އެދެނީ އޭނާ ސިޓީގައި މަޑުކުރަން" ޑިބްރުއިނާއާ ބެހޭ ގޮތުން ވާހަކަދައްކަމުން ގާޑިއޯލާ ބުންޏެވެ.
އުމުރުން 33 އަހަރުގެ ތަޖުރިބާކާރު ޑިބްރުއިނާއަކީ މި ވަގުތު ފުޓުބޯޅަ ދުނިޔޭގައި ހުރި އެންމެ ހުނަރުވެރި އެއް މިޑްފީލްޑަރެވެ. އޭނާ ވަނީ މި ދިޔަ ސީޒަނުގައި ވެސް ސިޓީއަށް 18 މެޗު ކުޅެދީ 4 ލަނޑާއެކު 10 އެސިސްޓު ފޯރުކޮށްދީފައެވެ.
2015 ވަނަ އަހަރު 60 މިލިއަން ޑޮލަރުގެ އަގަކަށް މެންޗެސްޓާ ސިޓީއަށް ސޮއި ކުރި ޑިބްރުއިނާ ވަނީ އެ ކްލަބުގެ ކުރިއެރުމުގައި ބޮޑު ދައުރެއް އަދާކޮށްފައެވެ. އޭނާ ވަނީ ސިޓީއާއެކު ހޭދަކުރި 9 އަހަރުގައި އެ ކްލަބާއެކު ޖުމްލަ 15 ތަށި ކާމިޔާބު ކޮށްފައެވެ.