އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، ކާނަލް މުޙައްމަދު ޖަމްޝާދު، ހުވަދޫ އަތޮޅުގެ 3 އެއަރޕޯޓެއްގެ އިސްވެރިންނާ ބައްދަލުކުރައްވައިފިއެވެ.

އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑްގެ ކޮމާންޑަރ، އިއްޔެއާއި މިއަދު ބައްދަލުކުރައްވާފައިވަނީ ފަރެސްމާތޮޑާ އެއަރޕޯޓާއި، މާވަރުލު އެއަރޕޯޓާއި، ކޫއްޑޫ އެއަރޕޯޓްގެ އިސްވެރިންނާއެވެ.

އެމްއެންޑީއެފުން ބުނިގޮތުގައި އިއްޔެއާއި މިއަދު އެ އެއަރޕޯޓްތަކަށް ޒިޔާރަތް ކުރައްވައި، އެ އެއަރޕޯޓްތަކުގެ އިދާރާގައި ބޭއްވި މި ބައްދަލުކުރެއްވުންތަކަކީ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑުން އެ އޭރިއާއަށް ނިސްބަތްވާ ހުރިހާ ރަށްްތަކުގެ އިސްވެރިންނާއެކު ބާއްވަމުންދާ މަޝްވަރާ ބައްދަލުވުންތަކުގެ ތެރެއިން ބައްދަލުވުންތަކެއް ކަމަށެވެ.

މި ބައްދަލުކުރެއްވުންތަކުގައި އެ އެއަރޕޯޓްތަކުގައި ޑިއުޓީ އަދާކުރާ ސިފައިންނަށް ދިމާވާ ދަތިތައް ހައްލުކުރުމާ، އެއަރޕޯޓް މުވައްޒަފުންނަށް އެކިކަހަލަ އެވެއަރނަސް ޕްރޮގްރާމްތައް ހިންގުމާއި އަދި އެއަރޕޯޓް އިމަޖެންސީތަކުގައި ދެ ފަރާތް ގުޅިގެން ކުރެވިދާނެ ކަންކަމާބެހޭގޮތުން ވަނީ މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް އެމްއެންޑީއެފުން ބުންޏެވެ.

މި ބައްދަލުކުރެއްވުންތަކުގައި ސަދަން އޭރިއާ ކޮމާންޑްގެ ޑެޕިއުޓީ ކޮމާންޑަރ، ލެފްޓިނެންޓް ކާނަލް އިބްރާހީމް ޙަލީމާއި، ސަދަން އޭރިއާ ކޮމާންޑްގެ ކޮމްޕޯނަންޓް ކޮމާންޑަރުންގެ އިތުރުން ސްޓާފް އޮފިސަރުން ބައިވެރިވެލެއްވިއެވެ.