އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް މައުލޫމާތުދިނުމުގެ ސެޝަނެއް ފ. ދަރަނބޫދޫގައި ކުރިއަށް ގެންގޮސްފިއެވެ.

ފުލުހުން ބުނީ މި މަހުގެ 30 ވަނަ ދުވަހު ކުރިއަށް ގެންދިޔަ މި ސެޝަނަކީ އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކަށް އާންމު ރައްޔިތުން ހޭލުންތެރިކުރުމާއި އެއްގަމު އުޅަނދު ދުއްވުމުގެ ލައިސަންސް ނަގަން ބޭނުންވާ ފަރާތްތައް ގާނޫނާއި ގަވާއިދުތަކަށް އަހުލުވެރިކުރުވުމަށް ކުރިއަށް ގެންދިޔަ ސެޝަނެެއް ކަމަށެވެ.

އަދި މި ސެޝަނުގައި، އެއްގަމު ދަތުރުފަތުރުގެ ގާނޫނާއި ގަވާއިދުތަކުގެ އިތުރުން މަގުމަތީގެ އަދަބުތަކާއި، މަގުމަތީގައި އުޅޭއިރު ސަމާލުކަންދޭންޖެހޭ ކަންކަމާ ގުޅޭގޮތުން ވެސް މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

ދަރަނބޫދޫ ޕޮލިސް ޕޯސްޓާއި އެރަށު ކައުންސިލު ގުޅިގެން ކުރިއަށް ގެންދިޔަ މި ސެޝަނުގައި 49 މީހުން ބައިވެރިވިއެވެ.

ގާނޫނާއި ގަވާއިދުތަކަށް ރައްޔިތުން ހޭލުންތެރިކުރުވައި، ކުށް މަދު އަމާން މާހައުލެއް އޮތްތަނަކަށް ފ. އަތޮޅު ހެދުމަށްޓަކައި އެ އަތޮޅުގައި މަސައްކަތްކުރާ ފުލުހުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.