ސަހްޔޫނީ އިޒްރޭލުގެ އަޅުވެތިކަމާ ދެކޮޅަށް އެންމެ ކުރީ ސަފުގައި ހުންނަވައިގެން ޖިހާދު ކުރައްވަމުން ގެންދެވި ފަލަސްތީނުގެ ހަމާސް ޖަމާއަތުގެ ސިޔާސީ ގޮފީގެ ލީޑަރު ޑޮކްޓަރ އިސްމާއިލް ހަނިއްޔާގެ ހަށިކޮޅަށް ހަމަލާދީ އަވާރަކޮށްލިތާ ގާތްގަނޑަކަށް 12 ގަޑިއިރު ވެގެން ގޮސްފައިވާއިރު އަރަބި އިސްލާމީ ގައުމުތަކުގެ ވެރިން ފަހަތަށް ފަޔަށް ބުރަވެ، ހަނިއްޔާ ހަވަހާރަކޮށްލި އަމަލު ކުއްވެރިކުރަން ފަސްޖެހެމުންދާ ދިޔުން ދުނިޔޭގެ މީޑިޔާތަކުގެ ސަމާލު ކަމަށް އަތުވެއްޖެއެވެ.

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި މުޅި ހަޔާތް ޤުރުބާން ކުރެއްވި ޑޮކްޓަރ ހަނިއްޔާ އަވާރަކޮށްލީ ރާއްޖޭގެ ގަޑިން މިއަދު ހެނދުނު 10:00 ހާއިރު އިރާނުގައެވެ. ޑޮކްޓަރ ހަނިއްޔާ އިރާނަށް ވަޑައިގަތީ އެގައުމުގެ އިންތިހާބީ ރައީސް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށްޓަކައެވެ. އެމަނިކުފާނު އަވަހާރަކޮށްލީ އިރާނުގައި އެމަނިކުފާނު ހުންނެވި ހޮޓަލުގެ ތެރޭގައެވެ.

ފަލަސްތީނުގެ އިސްލާމިކް ޔުނިވަރސިޓީގެ ޑީންކަންވެސް ކުރެއްވި ހަނިއްޔާ އަވަހާރަ ކޮށްލި ހާދިސާއާ ގުޅިގެން އެކަން އެންމެ ބޮޑަށް ކުއްވެރިކޮށް، ދުނިޔޭގެ ކުރިމަތީގައި އަޑު އުފުލަމުންދާ މުސްލިމް ދެގައުމަކީ ތުރުކީ އާއި ޤަތަރެވެ. މިދެގައުމަކީ ހަނިއްޔާ ރައްކާތެރިކަން ހޯއްދަވައިގެން، ހަމާސްގެ ސިޔާސީ ހަރަކާތްތައް ހިންގަވަމުން ގެންދެވި ދެގައުމުވެސް މެއެވެ.

އިސްލާމީ ގައުމުތަކުގެ ވެރިންނަށް ބަލާއިރު މިހާދިސާ ކުއްވެރި ކުރައްވައި މީޑިޔާގައި މިހާތަނަށް ވާހަކަފުޅު ދައްކަވާފައިވަނީ ތުރުކީގެ ރައީސް ރަޖަބް ތައްޔިބް އުދުޣާން އެކަންޏެވެ. ގަތަރާއި މިސްރުން ވާހަކަފުޅު ދެއްކެވީ ޚާރިޖީ ވަޒީރުންނެވެ. އިރާނުން ރޫހާނީ ލީޑަރ އާޔަތުﷲ އަލީ ޚާމަނާއީއެވެ.

އިސްލާމީ އުއްމަތުގެ އެންމެ ވަރުގަދަ ސައުދީ އަރަބިއްޔާ ރަސްކަމުގެ ދަރުބާރުން ހަނިއްޔާ ޝަހީދުކޮށްލި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. މުސްލިމުންގެ އާބާދީ އެންމެ ގިނަ އިންޑޮނޭޝިޔާ އާއި މުސްލިމު ގައުމުތަކުގެ ތެރެއިން އަސްކަރީ ގޮތުން އެންމެ ބާރުގަދަ ޕާކިސްތާނުގެ ފޮރިން މިނިސްޓްރީއިން ވަނީ މިހާދިސާ އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރާ ކަމަށް ބުނެ ބަޔާނެއް ނެރެފައެވެ. ގައުމުގެ ވެރިޔަކު ފެންވަރު ބޭފުޅަކު މީޑިޔާއަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ.

ހަނިއްޔާ، އެފަސްގަނޑަކަށްޓަކައި މުޅި ހަޔާތް ޤުރުބާން ކުރެއްވި ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވަނީ ހަނިއްޔާއަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. ހަނިއްޔާ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން މުޅި ފަލަސްތީނުގައި އަޑުއުފުލުންތައް ބާއްވާފައިވާއިރު، މާދަމާއަކީ ހިތާމައިގެ ދުވަހެއްގެ ގޮތުގައި ކަނޑައަޅުއްވައި ދިދަ ބައިދަނޑިއަށް ތިރިކުރައްވާނެ ރައީސް އައްބާސް ވަނީ ވިދާޅުވެފައެވެ.

ހަނިއްޔާ މިއަދު ޝަހީދު ކޮށްލި ހާދިސާއާ ގުޅިގެން އަރަބި އިސްލާމީ ގިނަ ގައުމުތަކުގެ ވެރިންނާއި ޚާރިޖިއްޔާ ހިމޭނުން އޮތްއިރު، ރާއްޖެއިންވެސް ހަނިއްޔާ އަވަހާރަކޮށްލި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައި ނުވާކަން ފާހަގަ ކޮށްލެވެއެވެ.

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި މުޅި ހަޔާތް ޤުރުބާން ކުރައްވައި، އަދި ސަހްޔޫނީ އިޒްރޭލުން އެބޭފުޅެއްގެ މުޅި އާއިލާ ޝަހީދުކޮށްލާފައިވާ އިސްލާމީ ދުނިޔޭގެ އެތައް މިލިޔަން ބައެއްގެ ލޯތްބި ހޯދާފައިވާ ވަރުގަދަ ލީޑަރެއް އަވަހާރުކޮށްލި ހާދިސާއާ ގުޅިގެން އިސްލާމީ ދުނިޔޭގެ ވެރިން ހިމޭނުން ތިއްބަވާތީ، މެލޭޝިޔާގެ ކޮންސަލްޓޭޓިވް ކައުންސިލް ފޯރ އިސްލާމިކް އޮގަނައިޒޭޝަންސް (އެމްއައިޕީއެމް) ގެ ރައީސް މުހައްމަދު އަޒްމީ އަބްދުލް ހަމީދު ވަނީ އިސްލާމީ ގައުމުތަކުގެ ވެރިން ހަނު ނުތިއްބަވައި އިޒްރޭލާ ދެކޮޅަށް ނިކުތުމަށް ގޮވާލައްވާފައެވެ.