ސުވާލު:
ހުކުރު ދުވަހުގެ ދުޢާ އިޖާބަކުރައްވާ ވަގުތު އަންނަނީ ހަވީރުގައިތޯ ނުވަތަ ހުކުރު ވަގުތުގައިތޯ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد: ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘް ކުރައްވާފައިވެއެވެ. (( أن في يوم الجمعة ساعة لا يوافقها عبد مسلم وهو قائم يصلى يسأل الله شيئا إلا أعطاه إياه )). "ހަމަ ކަށަވަރުން ހުކުރު ދުވަހުގައި ސާޢަތެއް ވެއެވެ. މުސްލިމު އަޅަކު ނަމާދު ކުރަން ހުށްޓައި އެވަގުތާއި ދިމާވެ، ކަމަކަށް އެދި ﷲ އަށް ދަންނަވައިފި ނަމަ އެކަމެއް ދެއްވާނެއެވެ."
އަދި صحيح مسلم ގައި أبو موسى ގެ އަރިހުން ރިވާވެގެން ވެއެވެ. (( أنها ما بين خروج الإمام - يعني دخوله المسجد - إلى أن تقضى الصلاة )). "އެ ސާޢާތަކީ އިމާމާ މިސްކިތަށް ވަނީއްސުރެ، (މެމްބަރަށް އެރީއްސުރެ ނަމާދުގެ ނިޔަލަށެވެ."
މިއީ އިޖާބައިގެ ވަގުތެވެ. އިންސާނާއަށް އެކަށީގެން ވަނީ ދެ ޚުޠުބާގެ ދެމެދުގައި ދުނިޔެއާއި އާޚިރަތުގެ ހެޔޮކަމަށް އެދި އޭނާ ބޭނުން ދުޢާއެއް ކުރުމުގައި މިވަގުތުގެ ބޭނުން ހިފުމެވެ. ހަމަ އެފަދައިން އިމާމުވެސް ސިއްރުން ދުޢާ ކުރާނީއެވެ. އަދި ހުކުރު ނަމާދުގައި ސަޖިދައިގެ ތަސްބީހަ ކިޔުމަށްފަހުގައި ދުޢާ ކުރާނީއެވެ. ހަމައެފަދައިން އައްތަޙިއްޔާތުގައިވެސް ސަލާންދިނުމުގެ ކުރިން ދުޢާ ކުރުމަށް އަމުރުވެވިގެން ވެއެވެ." والله أعلم -
އިސްލާމްކިއޫއޭ.އެމްވީ އިން ނަގާފައި