މިދިޔަ ޖެނުއަރީ މަހު ދައުލަތަށް ލިބުނު އާމްދަނީ ދަށަށް ހިނގައްޖެއެވެ.

މިދިޔަ މަހު ލިބުނު އާމްދަނީ ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 12 ޕަސެންޓަށް ދަށްވެފައެވެ. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހު އާމްދަނީގެ ގޮތުގައި 272 މިލިއަން ރުފިޔާ ލިބުނުއިރު މިއަހަރުގެ އެ މުއްދަތުގައި ލިބިފައިވަނީ 240 މިލިއަން ރުފިޔާއެވެ.

މީގެ އިތުރުން މިދިޔަ ޖެނުއަރީ މަހު ރާއްޖެއަށް އެތެރެ ކުރި މުދަލާއި ރާއްޖެއިން ބޭރަށް އެކްސްޕޯޓުކުރި މުދަލުގެ އަގު ވެސް ވަނީ ދަށަށް ގޮސްފައެވެ.

ކަސްޓަމްސް އިން ނެރުނު މިދިޔަ ޖެނުއަރީ މަހުގެ ތަފާސް ހިސާބުތަކަށް ބަލާއިރު 2020 ވަނަ އަހަރުގެ ޖެނުއަރީ މަހު ރާއްޖެ އަށް 3.8 ބިލިއަން ރުފިޔާގެ މުދާ އިމްޕޯޓްކޮށްފައިވާ އިރު މި އަހަރުގެ ޖެނުއަރީ މަހު އެ އަދަދު ވަނީ 2.9 ބިލިއަން ރުފިޔާއަށް ވަނީ ދަށްވެފައެވެ. މިއީ 24 ޕަސެންޓުގެ ދަށްވުމެކެވެ.

މިދިޔަ މަހު އެންމެ ގިނައިން ރާއްޖެ އަށް މުދާ އެތެރެކޮށްފައިވަނީ ޔޫއޭއީންނެވެ. އެގޮތުން އިމްޕޯޓް ކުރި މުދަލުގެ 14 ޕަސެންޓަކީ އެ ގައުމުން އެތެރެކުރި މުދަލެވެ. ދެން އެންމެ ގިނައިން މުދާ އިމްޕޯޓުކޮށްފައިވަނީ ޗައިނާ އާއި އޮމާން އިންނެވެ.

މިދިޔަ މަހު ރާއްޖެ އިން އެކްސްޕޯޓް ކުރި މިންވަރު ވެސް ދަށްވެފައިވާއިރު، މިދިޔަ އަހަރުގެ ޖެނުއަރީ މަހު 420 މިލިއަން ރުފިޔާގެ މުދާ ރާއްޖެ އިން އެކްސްޕޯޓްކޮށްފައިވާއިރު މި އަހަރު އެ އަދަދު ވަނީ 316 މިލިއަން ރުފިޔާއަށް ދަށްވެފައެވެ. މިއީ 25 ޕަސެންޓުގެ ދަށްވުމެކެވެ.