އާ ސީޒަނަށް ތައްޔާރުވުމަށް ޓަކައި ރެއާލް ބެޓިސްއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗުގައި މެންޗެސްޓާ ޔުނައިޓެޑުގެ ދެ ފޯވާޑުން ކަމުގައިވާ މާކަސް ރަޝްފޯޑު އަދި އެންޓޮނީ އިންޖަރީވެ, އެ ޓީމުގެ އިންޖަރީތައް ގޯހުން ގޯހަށް ގޮސްފިއެވެ.

ރެއާލް ބެޓިސް އަތުން 3-2 އިން ޔުނައިޓެޑު މޮޅުވި މެޗުގައި ރަޝްފޯޑަށް ދިމާވި އިންޖަރީގެ ސަބަބުން އޭނާ ވަނީ 62 ވަނަ މިނެޓުގައި ދަނޑުން ބާލުވަން ޖެހިފައެވެ. ރަޝްފޯޑު, އިންޖަރީވީ ބެޓިސްގެ ސާޖީ އަލްޓިމިރާ އޭނާގެ ފައިގެ ހުޅަށް އެރުމުންނެވެ. އަލްޓިމިރާގެ ޓެކުލްގެ ސަބަބުން ރަޝްފޯޑު ވަނީ ކޮރު ޖަހަމުން ދަނޑުން ފައިބަން ޖެހިފައެވެ.

އެންޓޮނީ އިންޖަރީވީ މެޗުގެ ފަހު ކޮޅުގައެވެ. މެޗުގެ 86 ވަނަ މިނެޓުގައި ރަޝްފޯޑެކޭ އެއްފަދައިން އޭނާ ވެސް ވަނީ އިންޖަރީގެ ސަބަބުން ދަނޑުން ފައިބަން ޖެހިފައެވެ. މި ދެ ކުޅުންތެރިންގެ އިންޖަރީގެ ސީރިއަސްކަމެއް އަދި ޔުނައިޓެޑުން ހާމަކޮށްފައެއް ނުވެއެވެ.

ރަޝްފޯޑު އަދި އެންޓޮނީ އިންޖަރީވުމާއެކު, އާ ސީޒަން ފެށުމަށް ބާކީ ދެ ހަފްތާއަށް ވެފައިވާ އިރު ޔުނައިޓެޑުގެ އިންޖަރީ ލިސްޓު މި ވަނީ ހަތަރަކަށް އަރާފައެވެ. އެ ޓީމުގެ ސްޓްރައިކަރު ރަސްމުސް ހޮއިލަންޑް އަދި އަލަށް އެ ޓީމާ ގުޅުނު ލެނީ ޔޯރޯ ވެސް ވަނީ އިންޖަރީގެ ސަބަބުން ކުޅުމާ ދުރަށް ދާން ޖެހިފައެވެ.

މި ދިޔަ ސީޒަނުގައި ވެސް މެންޗެސްޓާ ޔުނައިޓެޑަށް ވަނީ އިންޖަރީތަކުގެ އުނދަގުލާ ވަރަށް ބޮޑަށް ކުރިމަތި ލާން ޖެހިފައެވެ. އާ ސީޒަން ފެށުމުގެ ކުރިން ހަމަ މި ދިޔަ ސީޒަނުގައި ދިމާވި މައްސަލަތަކަށް ހައްލެއް ނުލިބޭތީ ސަޕޯޓަރުން އަންނަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.