މެންޗެސްޓާ ޔުނައިޓެޑަށް ކުޅެމުން އަންނަ ސްކޮޓް މެކްޓޮމިނޭ ގަތުމަށް ފުލަމްއިން ދެވަނަ ފަހަރަށް ބިޑުކޮށްފިއެވެ.

ފުލަމްއިން ވަނީ މި ޓްރާންސްފާ ވިންޑޯގެ ކުރީކޮޅު މެކްޓޮމިނޭއަށް 15 މިލިއަން ޕައުންޑުގެ ބިޑެއް ހުށަހަޅާފައެވެ. ނަމަވެސް ޔުނައިޓެޑުން މެކްޓޮމިނޭއަށް ކަނޑައަޅާފައިވާ 25 މިލިއަން ނުވަތަ 30 މިލިއަން ޕައުންޑްއާ ދެމެދުގެ އަގަށްވުރެ މަދުން ފުލަމްއިން ހުށަހެޅުމުން އެ ކްލަބުން ވަނީ ފުލަމްގެ ބިޑު ގަބޫލުކުރަން ދެކޮޅު ހަދާފައެވެ.

ތުރުކީގެ ދެ ކްލަބު ކަމުގައިވާ ފެނެބާޗޭ އަދި ގަލަޓަސަރާއީ އިން ވެސް މެކްޓޮމިނޭއަށް ފާރަލަމުން އަންނާތީ ފުލަމްއިން ވަނީ 20 މިލިއަން ޕައުންޑަށް ބިޑު މަތިކޮށް ދެވަނަ ފަހަރަށް މެކްޓޮމިނޭ ގަތުމަށް ޔުނައިޓެޑަށް ހުށަހަޅާފައެވެ.

20 މިލިއަން ޕައުންޑަށް ފުލަމްގެ ބިޑު މަތި ކުރި ނަމަވެސް ޔުނައިޓެޑުން ކަނޑައަޅާފައިވާ އަގަށްވުރެ މަދު ކަމަށް ވާތީ ފުލަމްގެ ދެވަނަ ބިޑު ވެސް ޔުނައިޓެޑުން ގަބޫލުނުކުރާނެ ކަމަށް މީޑިއާތަކުން ލަފާ ކުރެއެވެ.

މެކްޓޮމިނޭއަކީ ޔުނައިޓެޑުގެ އެކަޑެމީއިން ސީނިއާ ޓީމަށް އައި ކުޅުންތެރިޔެއް ކަމަށް ވާތީ އޭނާ ވިއްކާލައިގެން ކްލަބަށް ވާ ފައިދާ އިތުރުވާނެތީ, ވީހާ ވެސް ބޮޑު އަގަކަށް އޭނާ ވިއްކާލުމަށް ޔުނައިޓެޑުން އަންނަނީ މަސައްކަތް ކުރަމުންނެވެ.