ހއ. އުލިގަމުގައި މެރިޓައިމް ހިދުމަތްތައް ފެށުމަށް ޓަކައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާއި އެ ރަށުގެ ކައުންސިލުން މިއަދު ފަހުމުނާމާއެއްގައި ސޮއިކޮށްފިއެވެ.
މިއަދު ހެނދުނު އުލިގަމުގެ ކައުންސިލުގައި އޮތް ރަސްމިއްޔާތުގައި އެމްޕީއެލްގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ކުންފުނީގޭ ސީއީއޯ މުހައްމަދު ވަޖީހް އިބްރާހީމް އެވެ. އުލިގަމުގެ ފަރާތުން ފަހުމުނާމާގައި ސޮއިކުރެއްވީ އެ ރަށުގެ ކައުންސިލުގެ ރައީސް އަހްމަދް މުއާޒް މުހައްމަދުއެވެ.
މި ފަހުމުނާމާގައި ސޮއިކުރެއްވުމަށްފަހު އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވި ގޮތުގައި އުލިގަމުގައި ޔޮޓް މެރީނާ ގާއިމުކުރުމުގެ އަމަލީ މަސައްކަތް މި އަހަރު ތެރޭގައި ފެށިގެންދާނެ ކަމަށެވެ. ހަ މަސް ތެރޭގައި ޔޮޓް މެރީނާގެ އަމަލީ މަސައްކަތް ނިމި, ހިދުމަތް ފޯރުކޮށްދެން ފެށޭނެ ކަމުގެ ޔަގީންކަން ވަޖީހް ވަނީ ދެއްވާފައެވެ.
"ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެއް އެއީ ދިވެހިރާއްޖޭގައި މެރިޓައިމް ސެކްޓަރ ވަރަށް ބޮޑަށް ފުޅާކުރުން. އުލިގަމަކީ ޒަމާނުންސުރެ އާދަޔާހިލާފަށް ގިނަ ޔޮޓް ފަހަރު ޒިޔާރަތް ކުރާ ރަށެއް. ރަށުގެ ރައްޔިތުންނާއި ކައުންސިލުގެ ބޮޑު ކަންބޮޑުވުމެއް މި އުޅަނދު ފަހަރަށް ބޭނުންވާ ހިދުމަތްތައް މި ރަށުން ފޯރުކޮށްނުދެވޭތީ" އުލިގަމުގައި މެރިޓައިމް ސެކްޓަރގެ މުހިއްމުކަމަށް އަލިއަޅުވާލަމުން ވަޖީހް ވިދާޅުވިއެވެ.
މި ފަހުމުނާމާގައި ސޮއިކުރެވުމާ ގުޅިގެން އުލިގަމުގެ ކައުންސިލުގެ ރައީސް މުއާޒް ވިދާޅުވި ގޮތުގައި ޔޮޓް މެރީނާއެއް އުލިގަމުގައި ތަރައްގީ ކުރުމަކީ އެ ރަށުގެ ރައްޔިތުންގެ ދުވަސްވީ ހުވަފެނެއް ކަމަށެވެ.
"މި ރަށަށް ރާއްޖެއިން ބޭރުގެ އުޅަނދު ފަހަރު ނާންނަ ދުވަސްވަރެއް ހަނދާން ނުނެތޭ. ޔޮޓް ފަހަރަށް ހިދުމަތް ދެވޭނެ ގޮތެއް ހޯދުމަށް ވޭތުވެރިޔަ ސަރުކާރުތަކާ ވާހަކަދައްކައިގެން މަސައްކަތްކުރެވުނު. ވޭތުވެދިޔަ ސަރުކާރުތަކުން އަޅުގަނޑުމެން ފާޅުކުރި ކަންބޮޑުވުންތަކަށް އިޖާބައެއް ނުދެއްވާ. މި ރަށަށް މި ފުރުސަތު ފަހިކޮށްދެވިކަމަށްޓަކައި ރައީސް ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި އެމްޕީއެލްއަށް ޝުކުރު އަދާކުރަން" މުޢާޒް ވިދާޅުވިއެވެ.
އެމްޕީއެލްގެ ސީއީއޯ ވަޖީހް ވިދާޅުވި ގޮތުގައި އިހަވަންދިއްޕޮޅުގައި ފެށުމަށް ހަމަޖެހިފައިވާ އިންޓަރނޭޝަނަލް ބަންކަރިން ސަރވިސް އާއި މެރިޓައިމްގެ ހިދުމަތްތަކަށް ބޭނުންވާ އޮފީސްތައް ހެދުމުގެ މަސައްކަތް ވެސް އެމްޕީއެލް އިން ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދާ ކަމަށެވެ. ވަޖީހް ފާހަގަކުރެއްވި ގޮތުގައި މި ހިދުމަތުން އިތުރު ވަޒީފާގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ.