ޑްރަގް އެންފޯސްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހުޅުމާލޭގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފިއެވެ.

މަސްތުވާތަކެތި ވިއްކައި, ވިޔަފާރިކުރާކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާ ގުޅިގެން ފުލުހުން މި އޮލަރޭޝަން ހިންގީ ޖުލައި 29 ވީ ހޯމަ ދުވަހުއެވެ. ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ހުޅުމާލޭގެ އެޕާޓްމަންޓަކާއި ގެސްޓު ހައުސްއެއް ބަލައި ފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ބެލެވޭ ތަކެތި ފެނިފައިވެއެވެ.

މި އޮޕަރޭޝަނުގައި މަސްތުވާތަކެތި ކަމަށް ލަފާކުރެވޭ ތަކެތީގެ ވަގުތީ ބަރުދަނަކީ 1257 ގްރާމް ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ދެ ބިދޭސީއަކާއި އެ ދިވެއްސެކެވެ. އެއީ 24 އަހަރުގެ ޕާކިސްތާނު މީހަކާއި 34 އަހަރުގެ ދިވެއްސެއްގެ އިތުރުން 39 އަހަރުގެ ނޭޕާލް މީހެކެވެ.

މި މައްސަލައާ ގުޅިގެން އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން, ދިވެހި މީހާ 5 ދުވަހަށް އަދި ދެ ބިދޭސީން 15 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަަލަ ޑްރަގް އެންފޯސްމަންޓުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.